27 ފެބުރުވަރީ 2022 - 09:32 0
މިލާން ކްރިކެޓް އެކެޑަމީގެ އަޒްޔާން އަށް މޮޅު ކުޅުންތެރިޔާގެ ޓްރޮފީ ދެނީ.
27 ފެބުރުވަރީ 2022 - 09:32 0
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން މިހާރު ހަފްތާ ބަންދުގައި ބާއްވަމުން އަންނަ ފުރަތަމަ ޓީ10 ކްރިކެޓް މުބާރާތުގައި ހަތަރު ހަފްތާގެ ކުޅުން ނިމިގެންދިޔައިރު، ގްރޫޕް އޭގެ އެއް ވަނައިގައި ކްލަބް ވިޔަންސާ އޮތްއިރު، ގްރޫޕް ބީގެ އެއް ވަނަ މިލާން ކްރިކެޓް އެކެޑަމީން ދަމަހައްޓައިފި އެވެ.
ދެ ޓީމު ވެސް އެއް ވަނައިގައި އޮތީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު އެވެ. މި ދެ ޓީމަށް ވަނީ ސެމީގެ ޖާގަ ކަށަވަރުވެފަ އެވެ.
މުބާރާތުގައި އިއްޔެ ވެސް ހަތަރު މެޗެއް ވަނީ ކުޅެފަ އެވެ. ފުރަތަމަ މެޗުގައި ސީބީއެލްއާ ކުޅެގެން ވިޔަންސާ މޮޅުވީ ހަތް ވިކެޓުންނެވެ. ދެ ވަނަ މެޗުގައި އޮއްފު އެފްސީއާ ބައްދަލުކޮށް މިލާން ކްރިކެޓް އެކަޑަމީ ކާމިޔާބުކުރީ 48 ލަނޑުންނެވެ. ތިން ވަނަ މެޗުގައި ކޮމެޓްސްއާ ކުޅެގެން އައިޒީ ކާމިޔާބުކުރީ އަށް ވިކެޓުންނެވެ. އިއްޔެގެ ފަހު މެޗުގައި ވެސްޓާ ބައްދަލުކޮށް އޮފްއެފްސީ ކާމިޔާބުކުރީ 35 ލަނޑުންނެވެ.
ޓީ10 މުބާރާތުގައި މި ހަފްތާ ބަންދުގައި ކުޅެވުނު މެޗުތަކުގެ އުސްއަލިތަކަކީ މިލާން ކްރިކެޓް އެކެޑަމީ އަށް ކުޅޭ ގައުމީ ޓީމުގެ ޔޫސުފް އަޒްޔާން 33 ބޯޅައިން 58 ލަނޑު ހެދުމާއި މިލާން ކްރިކެޓް އެކަޑަމީން އައިޒީއާ ބައްދަލުކޮށް 10 އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައި ވެގެން 158 ލަނޑު ހަދައި، މުބާރާތުގެ އެންމެ ބޮޑު ސްކޯ ގެނައުމެވެ. މީގެ އިތުރުރުން ނަޒުމީ ޖަލީލް ދެ އޯވަރުގެ ތެރޭގައި 10 ލަނޑަށް 5 ވިކެޓް ނެގުން ވެސް އެއީ މި ހަފްތާގެ އެންމެ ހާއްސަ އެއް ކަމެެވެ.
ގްރޫޕް އޭގެ އެއް ވަނައިގައި އޮތް ވިޔަންސާގެ ނުވަ ޕޮއިންޓް އޮތްއިރު، ދެ ވަނައިގައި އޮތް މާލެ ވެޓެރަންސް އާއި ތިން ވަނައިގައި އޮތް މާލެ ސްޕޯޓްސް އަށް ވަނީ ތިން މެޗުން ހަ ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް ނިއު ސްޓާ އާއި ފަހެއްގައި އޮތް ސީބީއެލް އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. ގްރޫޕް ބީގެ އެއް ވަނައިގައި އޮތް މިލާން އަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ކޮމެޓްސް އާއި ތިން ވަނައިގައި އޮތް އޮއްފު އަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. އެ ދެ ޓީމުގެ ވެސް މެޗު ވަނީ ހަމަވެފަ އެވެ. ހަތަރެއްގައި އޮތް ވެސްޓާއި ފަހެއްގައި އޮތް އައިޒީ އަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ.
އަންނަ ހަފްތާގައި ކުޅެން ހަމަޖެހިފައިވާ މެޗުތަކަށް ބަލާއިރު، ވިޔަންސާ ނުކުންނާނީ ނިއު ސްޓާއާ ދެކޮޅަށެވެ. ވެސްޓުން ކުޅޭނީ މިލާންއާ އެވެ. މާލެ ސްޕޯޓްސް އިން މާލެ ވެޓްރަންސްއާ ކުޅޭއިރު، ނިއު ސްޓާ އާއި ސީބީއެލް ކުޅޭނީ ފުރަަތަމަ މޮޅު ހޯދާށެވެ. އަންނަ ހަފްތާގެ ހޮނިހިރު ދުވަހު ސެމީ ފައިނަލް މެޗުތައް އޮންނާނެ އެވެ.
Comment