24 ފެބުރުވަރީ 2022 - 21:52 0
24 ފެބުރުވަރީ 2022 - 21:52 0
ޕެރިސް (ފެބްރުއަރީ 24) - ރަޝިއާ އާއި ޔޫކްރެއިނާ ދެމެދު މިހާރު ހިނގަމުން އަންނަ ހަމަނުޖެހުންތައް ބޮޑުވެ، ހަނގުރާމައެއްގެ މަލަމަތި ފެންނަމުންދާތީ، އަންނަ މަހު ރަޝިއާގައި ފީފާ ވޯލްޑް ކަޕްގެ ޔޫރަޕްގެ ޕްލޭއޮފް މެޗުތައް ނުބާއްވަން ޔޫރަޕްގެ ތިން ގައުމަކުން ގޮވާލައިފި އެވެ.
ރަޝިއާގައި މެޗުތައް ހޯސްޓް ނުކުރަން ގޮވާލި ތިން ގައުމަކީ ޕްލޭއޮފްގައި ރަޝިއާ ފަޅީގައި އޮތް ގައުމުތައް ކަމަށްވާ ޗެކް ރިޕަބްލިކާއި ސްވިޑެން އަދި ޕޮލެންޑް އެވެ.
ގަތަރު ވޯލްޑް ކަޕްގެ ޖާގައަކަށް ރަޝިއާ ފުރަތަމަ ކުޅެން އޮތީ އަންނަ މަހު 24 ވަނަ ދުވަހު ޕޮލެންޑާ އެވެ. މޮޅުވެއްޖެނަމަ ދެން ވޯލްޑް ކަޕްގެ ޖާގަ ހޯދަން ރަޝިއާ ނުކުންނާނީ ޗެކް ރިޕަބްލިކާއި ސްވިޑެން ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
ޗެކް ރިޕަބްލިކާއި ސްވިޑެން އަދި ޕޮލެންޑުން މިއަދު ފީފާ އަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، ރަޝިއާ އާއި ޔޫކްރެއިންގެ ދެމެދު މިހާރު ހިނގަމުން އަންނަ ކަންތައްތަކުގެ ސަބަބުން ރަޝިއާގައި މި ވަގުތު މެޗުތައް ކުޅުމަކީ އެންމެ ރައްކާތެރި ގޮތް ކަމުގައި ނުވާނެ ކަމަށެވެ. އެހެންވެ، ޕްލޭއޮފްގައި ރަޝިއާ ކުޅޭ މެޗުތައް އެހެން ތަނެއްގައި ކުޅެވޭނެ ގޮތެއް ހަމަޖައްސައިދޭން އެދޭ ކަމަށެެވެ.
ރަޝިއާ އާއި ޔޫކްރެއިނާ ދެމެދު މިހާރު ހިނގަމުން އަންނަ ހަމަނުޖެހުންތަކުގައި ހައްލެއް ނުލިބި ދިގުލައިދާތީ އަންނަ މެއި މަހު ރަޝިއާގެ ޕީޓާސްބާގުގައި ކުޅެން ހަމަޖެހިފައި އޮތް ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު އެހެން ދަނޑަކަށް ބަދަލުކުރުމުގެ މަޝްވަރާތައް ޔުއެފާ އިން ވަނީ ރަސްމީކޮށް ފަށައިފަ އެވެ.
ޗެމްޕިއަންސް ލީގުގެ ފައިނަލް ހަމަޖައްސާނެ ދަނޑަކާ މެދު ޔުއެފާ އިން ހަލުވި ދުވެއްޔެއްގައި މަޝްވަރާތައް ބާއްވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މި ވަގުތު ޔޫކްރެއިންގައި ތިބި ގިނަ ފުޓްބޯޅަ ކޯޗުންނާއި އެހެން ގައުމުތަކުގެ ކުޅުންތެރިން އަންނަނީ އެ މީހުންގެ ރައްކާތެރިކަން ކަށަވަރުނުވާތީ ގޮތްހުސްވެފައިވާ ކަމަށް ބުނެ، ފުޓްބޯޅައިގެ ބައިނަލްއަގުވާމީ އެކި ޖަމާއަތްތަކުގެ އެހީތެރިކަމަށް އެދެމުންނެވެ.
ޔޫކްރެއިނާއި ރަޝިއާއާ ދެމެދު ހަނގުރާމައެއް ނުފަށަން މީޑިއާ މެދުވެރިކޮށް އިލްތިމާސެއްކުރި ރަޝިއާގެ ހަމައެކަނި ކުޅުންތެރިއަކީ ރަޝިއާ ގައުމީ ޓީމުގެ ފޯވާޑް ފެޑޯ ސްމޯލޯފް އެވެ.
ޗެމްޕިއަންސް ލީގުގައި ރޭ އަޔަކްސް ކޮޅަށް ގޯލު ޖެހުމަށް ފަހު ބެންފީކާ އަށް ކުޅޭ ޔޫކްރެއިންގެ ފޯވާޑް ރޯމަން ޔަރެމްޗުކް ވަނީ ޖޯޒީ ބޭލުމަށް ފަހު އުފަން ގައުމު ޔޫކްރެއިން އަށް އޮތް ސަޕޯޓް ދައްކުވައިދޭން ޓީޝާޓެއްގައި ޖަހާފައިވާ ޔޫކްރެއިންގެ ނިޝާނެއް ދައްކާލައިފަ އެވެ.
Comment