23 ފެބުރުވަރީ 2022 - 14:02 0
23 ފެބުރުވަރީ 2022 - 14:02 0
ވެސްޓާން އޭޝިއާ ޖޫނިއާ ޗެމްޕިއަންޝިޕް އަންނަ ޖޫން މަހުގެ 15 އިން 25 އަށް ބާއްވާ ގޮތަށް ނިންމައިފި އެވެ.
ރާއްޖޭގައި ބާއްވާ ޗެސްގެ ބައިނަލްއަގްވާމީ ފުރަތަމަ މުބާރާތަކީ ހުޅަނގު އޭޝިއާގެ ގައުމުތަކުން ވާދަކުރާ ޖޫނިއާ އެންމެ ބޮޑު މުބާރާތެވެ. އަންނަ ޖޫން މަހު މުބާރާތް ބޭއްވުމަށް ނިންމާފައިވަނީ އއ. އުކުޅަސް ކޮންވެންޝަން ސެންޓަރުގަ އެވެ.
މި މުބާރާތުގައި 26 ފެޑެރޭޝަނަކުން 350 ކުޅުންތެރިން ވާދަކުރާނެ އެވެ. މުބާރާތުގައި ވާދަކުރާ ގައުމުތަކަކީ ޕާކިސްތާން, ސްރީލަންކާ، ނޭޕާލް، ބަންގްލަދޭޝް، ބޫޓާން، ދިވެހިރާއްޖެ، އިންޑިއާ، އަފްގާނިސްތާން، ތަޖިކިސްތާން، ކަޒަކިސްތާން، އުޒްބެކިސްތާން، ބަހްރެއިން، ލެބަނަން، އިރާން، އޮމާން، އިރާގް، ފަލަސްތީން، ޖޯޑަން، ގަތަރު، ކުވެއިތް، ސައުދީ އަރަބިއްޔާ، ސީރިއާ، ޔޫއޭރީ އަދި ޔަމަން އެވެ.
18 އަހަރުން ދަށުގެ ކުޅުންތެރިން ވާދަކުރާ މި މުބާރާތުގައި ހަ ކެޓަގަރީއެއް ކުރިއަށްދާނެ އެވެ. އެއީ 18 އަހަރުން ދަށް، 16 އަހަރުން ދަށް، 14 އަހަރުން ދަށް، 12 އަހަރުން ދަށް، 10 އަހަރުން ދަށުގެ އުމުރުފުރާގެ އިތުރުން 8 އަހަރުން ދަށުގެ އުމުރުފުރާ އެވެ. ކޮންމެ އުމުރުފުރާއެއްގައި ވާދަކުރާނީ ކޮންމެ ގައުމަކުން އަންހެން އަދި ފިރިހެން އެންމެ ކުޅުންތެރިއެކެވެ.
އާންމު ގޮތެއްގައި ބައިނަލްއަގްވާމީ މުބާރާތްތައް ކުޅޭ ތިން ފޯމެޓް ކަމަށްވާ، ރެޕިޑް، ކްލަސިކް އަދި ބްލިޓްޒް ބީޗް ޗެސް ފޯމެޓަށްވެސް މި މުބާރާތުގެ މެޗުތައް ކުރިއަށްދާނެ އެވެ.
ގިނަ ދުވަސްތަކެއް ވަންދެން ރަސްމީ ހޯލެއް ނެތި ރާއްޖޭގައި ޗެސްގެ އެކި ހަރަކާތްތައް ބާއްވަމުން އައިސް 2019 ވަނަ އަހަރުގެ އޮގަސްޓްމަހުވަނީ ނެޝަނަލް ޗެސް އާކޭޑް ހުޅުވާފަ އެވެ. ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ގާއިމުކުރި ނެޝަނަލް ޗެސް އާކޭޑް ހުޅުއްވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.
ޔޫރަޕްގެ ބޮޑެތި ގައުމުތަކާއި އެމެރިކާގެ ހިމެނޭ ގޮތަށް ދުނިޔޭގެ 45 އަށް ވުރެ ގިނަ ގައުމުގައި މާއްދާއެއްގެ ގޮތުގައި ޗެސް ކިޔަވައިދެމުން އަންނަކަން ފާހަގަކޮށްލެވެ އެވެ. އެ ގޮތުން ރާއްޖޭގެ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގައި ވެސް 2015 އަހަރުން ފެށިގެން މާއްދާއެއްގެ ގޮތުގައި ޗެސް ކިޔަވައިދެމުން އަންނައިރު، ރާއްޖޭގެ ޗެސް ކުޅުންތެރިން ވަނީ ބައިނަލްއަގުވާމީ އެކި މުބާރާތްތަކުގައި ވާދަކޮށް ރަނގަޅު ކާމިޔާބީތަކެއް ހޯދާފައެވެ.
Comment