20 ފެބުރުވަރީ 2022 - 22:39 0
20 ފެބުރުވަރީ 2022 - 22:39 0
މެޑްރިޑް (ފެބްރުއަރީ 20) - ސްޕެނިޝް ލީގުގައި މިރޭ ޕިއޭ އެމެރިކް އޮބާމަޔަންގެ ގޯލުތަކާ އެކު 4-1 އިން ވެލެންސިއާ ބަލިކޮށް ބާސެލޯނާ ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފި އެވެ.
ރޭ ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑް އޮތީ ކުރިން ހަތަރު ވަނައިގަ އެވެ. އެކަމަކު، ބާސެލޯނާ އަލުން ހަތަރު ވަނަ އަށް އެރީ 24 މެޗުން 42 ޕޮއިންޓް ހޯދައިގެންނެވެ. އެތުލެޓިކޯ ފަސް ވަނައިގައި އޮތީ 25 މެޗުން 42 ޕޮއިންޓާ އެކު އެވެ. ލީގުގެ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑްގެ 25 މެޗުން 57 ޕޮއިންޓް އެބައޮތެވެ. ދެ ވަނައިގައި އޮތް ސެވިއްޔާ އަށް ވަނީ 25 މެޗުން 51 ޕޮއިންޓް ލިބިފަ އެވެ. އަދި ތިން ވަނައިގައި އޮތް ރެއާލް ބެޓިސް އަށް 24 މެޗުން ވަނީ 43 ޕޮއިންޓް ލިބިފަ އެވެ.
ހިލޭ ޓްރާންސްފާއެއްގައި އާސެނަލް ދޫކޮށް މިދިޔަ މަހު ބާސެލޯނާއާ ގުޅުނު އޮބާމަޔަން ވަނީ މިރޭގެ މެޗުގެ ފުރަތަމަ 38 މިނިޓް ތެރޭ ބާސެލޯނާ އަށް ދެ ގޯލު ޖަހައިދީފަ އެވެ. ފުރަތަމަ ހާފުގައި އޮބާމަޔަންގެ އިތުރުން މެޗުގެ 32 ވަނަ މިނިޓްގައި ފްރެންކީ ޑި ޔޯން ވަނީ ބާސެލޯނާ އަށް ގޯލެއް ޖަހައިދީފަ އެވެ.
އޮބާމަޔަން ފުރަތަމަ ގޯލު ޖެހީ ޖޯޑި އަލްބާ ދިން ބޯޅައެއް ހިފައިގެން އޭރިއާތެެރެއަށް ވަދެ ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެންނެެވެ. ބާސެލޯނާގެ ދެ ވަނަ ލަނޑު ޑި ޔޯން ޖެހީ އޮސްމާން ޑެމްބެލޭ ހުސްކޮށްލާފައި ދިން ބޯޅައަކުންނެވެ. މި އެޓޭކްގައި ފެރާން ޓޮރޭޒް މުހިންމު ރޯލެއް ކުޅުނެވެ. އޮބާމަޔަން ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސެލޯނާގެ ތިން ވަނަ ގޯލު ޖެހީ ގަވީ ހުސްކޮށްލާފައި ދިން ބޯޅައަކުންނެވެ.
ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ހަ މިނިޓް ތެރޭ ވެލެންސިއާގެ ކާލޯސް ސޮލާ ވަނީ އެ ޓީމަށް ގޯލެއް ޖަހައިދީފަ އެވެ. މެޗުގެ 52 ވަނަ މިނިޓްގައި ބްރަޔާން ހިލް ނަގައިދިން ހުރަހަކުން ސޮލާ މި ގޯލު ޖެހީ ބޮލުންނެވެ.
އޭގެ ދިހަ ވަރަކަށް މިނިޓް ފަހުން އޭރިއާ ބޭރުން ޕެޑްރީ ގޮންޒާލޭޒް ޖެހި މޮޅު ގޯލަކުން ބާސެލޯނާ އިން އަލުން ލީޑުފުޅާކުރި އެވެ. ޕެޑްރީ ޖެހި ބޯޅަ ގޯލަށް ވަނީ އޮބާމަޔަން ގައިގައި ޖެހިފައި ކަމަށްވާތީ މެޗު ރިޕޯޓްގައި އެ ގޯލު ހިމަނާފައިވަނީ އޮބާމަޔަންގެ ގޯލެއްގެ ގޮތުގަ އެވެ. އެއާ އެކު އޮބާމަޔަން ވަނީ ބާސެލޯނާ އަށް ފުރަތަމަ ހެޓްރިކް ހަދައިދީފަ އެވެ.
Comment