Advertisement

ހިތުގެ ވޭލެއް ބަދަލުކުރީ އޯޕަން ހާޓް ސާޖަރީއަކަށް ނުގޮސް، އޭޑީކޭއަށް ތާރީހީ ކާމިޔާބެއް

19 ފެބުރުވަރީ 2022 - 14:38 0

މަރިޔަމް އަރީން އީސާ

މަރިޔަމް އަރީން އީސާ

ސާޖަރީ ކުރިއަށް ގެންދިޔުމުގެ ކުރިން ޑޮކްޓަރުންގެ ޓީމުން މަޝްވަރާ ކުރަނީ-- ފޮޓޯ: އޭޑީކޭ ހޮސްޕިޓަލް


ހިތުގެ ވޭލެއް ބަދަލުކުރީ އޯޕަން ހާޓް ސާޖަރީއަކަށް ނުގޮސް، އޭޑީކޭއަށް ތާރީހީ ކާމިޔާބެއް

19 ފެބުރުވަރީ 2022 - 14:38 0

ބަލިމީހާގެ މޭ ފަޅާލައިގެން ކުރާ އޯޕަން ހާޓް ސާޖަރީއަކަށް ނުގޮސް ރާއްޖޭގައި ފުރަތަމަ ފަހަރަށް މީހެއްގެ ހިތުގެ ވެލްވެއް ބަދަލުކުރާ އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ނިންމާލާއިފި އެވެ. "ޓްރާންސް އަޔޯޓިކް ވެލްވް އިމްޕްލާންޓޭޝަން ސާޖަރީ" ނަމަކަށް ކިޔާ މި އޮޕަރޭޝަން ކާމިޔާބުކަމާއެކު ކޮށްފައި ވަނީ އޭޑީކޭ ހޮސްޕިޓަލުގެ ހުނަރުވެރި، ކުޅަދާނަ ޑޮކްޓަރުންގެ ޓީމަކުންނެވެ.

މިއާއެކު ރާއްޖެ ވެގެން ދިޔައީ މި ސަރަހައްދުގައި މިވަރުގެ އޮޕަރޭޝަނެއް ކާމިޔާބުކުރި ތިން ވަނަ ގައުމަށެވެ. އެންމެ ފުރަތަމަ މި ބާވަތުގެ އޮޕަރޭޝަނެއް ކޮށްފައިވަނީ އަވަށްޓެރި އިންޑިޔާގަ އެވެ. ބަންގްލަދޭޝްގައި މި ސާޖަރީ ފުރަތަމަ ފަހަރަށް ހަދާފައި ވަނީ މީގެ ދެ މަސް ކުރިންނެވެ.

މި އޮޕަރޭޝަން، ރާއްޖޭގައި މިހާތަނަށް ކުރެވިފައިވާ ހިތުގެ އެހެން އޮޕަރޭޝަންތަކާއި ތަފާތުވަނީ މި ސާޖަރީއަކީ އޯޕަން ހާޓް ސާޖަރީއެއް ނޫންވީމަ އެވެ. އާންމުކޮށް ހިތުގެ ބަލިތަކަށް ފަރުވާދިނުމަށް ކުރެވޭ ސާޖަރީތަކަކީ ބަލިމީހާގެ މޭ ފަޅާލައިގެން ކުރެވޭ ބޮޑެތި ސާޖަރީތަކަކެވެ. އެބާވަތުގެ ސާޖަރީ ކުރުމަށްޓަކައި ވަގުތީ ގޮތުން ހިތާއި ފުއްޕާމޭ ހުއްޓުވާލަން ޖެހެ އެވެ.

އާންމު ގޮތެއްގައި މިފަދަ އޮޕަރޭޝަންތައް ކުރަނީ އުމުރުން ދުވަސްވެފައިވާ މީހުންގެ އެވެ. އެއީ، އެފަދަ ބޮޑު ސާޖަރީއެއް ކޮށްފިނަމަ އެ މީހުންގެ ހާލު ދެރަވުން އެކަށީގެންވާތީ އެވެ. އަދި، ކިޑްނީ، ފުއްޕާމޭ ނުވަތަ އެހެން ވެސް ބޮޑު ބައްޔެއް ހުންނަ މީހުންގެ ވެސް މިފަދަ ސާޖަރީ ކުރެ އެވެ. މިހާރު އަންނަނީ އުމުރުން ހަގު މީހުންގެ ވެސް މިފަދަ ސާޖަރީތައް ކުރަމުންނެވެ. މިއީ ހިތުގެ މިބާވަތުގެ ބަލިތަކަށް ސައިންސުވެރިން ހޯދާފައިވާ އެންމެ ފަހުގެ ޒަމާނީ ފަރުވާ އެވެ.

މިއޮޕަރޭޝަން ކޮށްފައިވަނީ ހިތުގެ ބައްޔަކަށް ފަރުވާ ކުރަމުންދާ އުމުރުން 81 އަހަރުގެ ދިވެހި ފިރެހެނެއްގެ އެވެ. މިއޮޕަރޭޝަން ކޮށްފައިވަނީ އޭޑީކޭގެ "ޓްރާންސް އަޔޯޓިކް ވެލްވް އިމްޕްލާންޓޭޝަން ސާޖަރީ" ޓީމުންނެވެ.

މި ޓީމުގައި ހިމެނެނީ އޭޑީކޭގެ ސީނިއާ އިންޓާވެންޝަނަލް ކާޑިއޮލޮޖިސްޓް، ޑރ. ސައިސްތާޓިސް، ކާޑިއޯތޮރޭސިކް އެންޑް ވަސްކިއުލާ ސާޖަން، ޑރ. މުހައްމަދު ޝާފިއު އާއި ޑރ. ކައުޝަލް ކިޝޯ ޓިވާރީ، އެނެސްތީޝިޔާ ކޮންސަލްޓެންޓް، ޑރ. ޑިވާސް މަންދަރު އަދި ލެބް ޓެކްނިޝަން، ޖުނައިލް ކުރުންގޮޓޫ އެވެ. މި ބޭފުޅުންގެ އިތުރުން މި ޓީމުގައި ފަސް ނަރުހުންނާއި ދެ އެނެސްތީޝިއާ ޓެކްނިޝަނުން އަދި ސްޓޭންޑްބައި ޓީމުގެ ތިން ޑޮކްޓަރުންވެސް ހިމެނެ އެވެ.

ޓަވީ ސާޖަރީގައި ބޭނުންކުރަނީ ޓައިޓޭނިއަމް އާއި ނިކެލް ފަދަ މައުދަން ތަކަކުން ހަދާފައި ހުންނަ ދަނގަނޑު ހޮޅިކޮޅެއް ކަމަށް ޑރ. ޝާފިއު ވިދާޅުވި އެވެ. މި ހޮޅިކޮޅުގެ އެހީގައި ހިތުގެ މައި ނާރުގެ އެތެރޭގައި ހަލާކުވެފައިވާ ވެލްވް ނަގައި މުޅިން އާ ވެލްވްއެއް އެ ތަނަށް ލައްވަ އެވެ. މީގެކުރިން މިކަން ކުރެވެން އޮތް ހަމައެކަނި ގޮތަކީ މޭ ފަޅާލައި ބޮޑު އޯޕަން ހާޓް ސާޖަރީއެއް ކުރުމެވެ.

ބަލިމީހާއަށް ރައްކާތެރި އަވަސް އޮޕަރޭޝަނެއް

އާންމު ގޮތެއްގައި ހިތް ފަޅައިގެން ކުރާ މިފަދަ ސާޖަރީތަކަށް ހަ ގަޑިއިރާ އަށް ގަޑިއިރާ ދެމެދުގެ ވަގުތު ހޭދަވެ އެވެ. ނަމަވެސް ޓަވީ ޕްރޮސީޖާއަށް ނަގަނީ އެއް ގަޑިއިރާ ދެ ގަޑިއިރާ ދެމެދުގު ވަގުތެއް ކަމަށް "އަދަދު" އަށް މައުލޫމާތު ދެއްވަމުން އޭޑީކޭ ހޮސްޕިޓަލުގެ ޗީފް މެޑިކަލް އޮފިސަރު އަބްދުﷲ ނިޔާފް ވިދާޅުވި އެވެ.

"ދެ ޕްރޮސީޖާގައި ވެސް މަސައްކަތްކުރަނީ ވީހާ ވެސް އަވަހަށް ޕޭޝަންޓް ވެންޓިލޭޓަރުން ނަގަން. މި ޕްރޮސީޖާގައި ޕޭޝަންޓް ތިއޭޓަރު ތެރެއިން ވެންޓިލޭޓަރުން ނެގިއްޖެ. 12 ގަޑިއިރު ތެރޭ އަމިއްލައަށް ސައިބޮވޭ ވަރަށް ޕޭޝަންޓްގެ ހާލު ރަނގަޅުވެއްޖެ،" ޑރ. ނިޔާފް ވިދާޅުވި އެވެ.

އޭޑީކޭއިން އިއްޔެ މި ސާޖަރީ ފުރިހަމަކުރީ އެއްވެސް ކޮމްޕްލިކޭޝަނަކާ ނުލައި ގާތްގަނޑަކަށް 50 މިނެޓުންނެވެ. ކުރިޔަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އޭނާ ހޮސްޕިޓަލުން ދޫކޮށްލެވޭނެ ކަމަށް ޑރ. ނިޔާފް ވިދާޅުވި އެވެ. ހިތް ފަޅާލައިގެން ކުރި އޮޕަރޭޝަނެއް ނަމަ އޭނާ ދޫކޮށްލާނީ އެންމެ މަދުވެގެން ވެސް 10 ދުވަހުންނެވެ. އެއީ ފަސް ދުވަސް ސީސީޔޫގައި ބޭއްވުމަށް ފަހު އެވެ.

"އަޅުގަނޑުމެން މި އޮޕަރޭޝަން ކޮށްފައިވަނީ ހުކުރު ދުވަހު. ޕޭޝެންޓުގެ ހާލަތު ރަނގަޅިއްޔާ އިރާދަކުރެއްވިއްޔާ މާދަން ހޮސްޕިޓަލުން ދޫކޮށްލެވޭ ވަރުވާނެ." މި އޮޕަރޭޝަންގައި ބައިވެރިވެލެއްވި ޑރ. ޝާފިއު ވިދާޅުވި އެވެ.

އޭޑީކޭއިން ދެކޭ ގޮތުގައި މިއީ ރާއްޖޭގެ ސިއްހީ ނިޒާމަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ. މިއާއެކު "ސާޖަރީ އަށް ފިޓު ނޫން" މީހުންގެ ވެސް ހިތުގެ ވޭލްވް ބަދަލުކުރުމަށް ވަނީ މަގުފަހިވެގެން ގޮސްފަ އެވެ. އެމީހެއްގެ އުމުރާ ގުޅޭ ފަރުވާ އެމީހަކަށް ދިނުމަށް މިހާރު ފުރުސަތު އޮންނާނެ އެވެ. އަދި، އެހެން ސިއްހީ މައްސަލައެއް ހުރި ނަމަވެސް މި ސާޖަރީ ކުރެވޭނެ އެވެ.

"ޓްރީޓޮޕް އަދި އައިޖީއެމްއެޗްގެ ކެތުލެބްގައި ވެސް މި ޕްރޯސީޖާ ކުރިޔަށްގެންދެވޭނެ. ބޭނުންވާނީ ކާޑިއަކް ސާޖިކަލް ޓީމެއް ބެކަޕްގައި އޮތުން،" ރާއްޖޭގެ އެހެން ހޮސްޕިޓަލްތަކުން ވެސް މިފަދަ ސާޖަރީތައް ކުރުމުގެ ގާބިލްކަން ހުރިކަން ފާހަގަކުރައްވަމުން ޑރ. ނިޔާފް ވިދާޅުވި އެވެ.

މި ވަގުތު މި އޮޕަރޭޝަންގެ ހިދުމަތް އޭޑީކޭއިން ދެމުން ދާނީ ހަމައެކަނީ އުމުރުން 70 ނުވަތަ 75 އަކުން މަތީގެ ބަލިމީހުންނަށް ކަމަށް އެހޮސްޕިޓަލުން މައުލޫމާތު ދިނެވެ.

އޭޑީކޭ ހޮސްޕިޓަލުން ލިބެން ހުންނަ ފަރުވާތަކުގެ ފެންވަރު ރަނގަޅު ކުރުމަށާއި ބޭސްފަރުވާގެ އާ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ފާއިތުވި އަހަރުތަކުގެ ތެރޭގައި އެ ހޮސްޕިޓަލުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ކާމިޔާބުކަމާއެކު ކުރެވުނު މި ސާޖަރީއާ އެކު އެ ހޮސްޕިޓަލުން މިވަނީ ރާއްޖޭގެ ނަން ތާރީހުގައި ރަން އަކުރުން ފަވާލާފަ އެވެ.