19 ފެބުރުވަރީ 2022 - 05:57 0
19 ފެބުރުވަރީ 2022 - 05:57 0
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން މުޅިން އަލަށް ފެށި ޓީ10 ކްރިކެޓް މުބާރާތުގެ ފުރަތަމަ މެޗުތަކުން ވިޔަންސާ، ވެސްޓް ސްޕޯޓްސް ކްލަބް، މިލާން އަދި މާލެ ވެޓްރަންސް މޮޅުވެއްޖެ އެވެ.
ފުރަތަމަ މެޗުގައި މާލޭ ސްޕޯޓްސް ކްލަބާއި ވާދަކޮށް ވިޔަންސާ މޮޅުވީ ހަތް ވިކެޓުންނެވެ. ދެ ވަނަ މެޗުގައި އައިޒީ އަތުން ވެސްޓް ސްޕޯޓްސް ކްލަބް މޮޅުވީ ހަތަރު ވިކެޓުންނެވެ. ތިން ވަނަ މެޗުގައި ކޮމެޓްސްއާ ވާދަކޮށް މިލާން މޮޅުވީ 55 ލަނޑުންނެވެ. އަދި ހަތަރު ވަނަ މެޗުގައި ނިއުސްޓާގެ މައްޗަށް މާލޭ ވެޓްރަންސް ކުރިހޯދީ 36 ލަނޑުންނެވެ.
ފުރަތަމަ މެޗް މާލޭ ސްޕޯޓްސް އިން ކުޅެންއަރައި 10 އޯވަރު ހަމަވިއިރު، ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 98 ލަނޑެވެ. އެ ޓީމުގެ ސިޔާމް 21 ލަނޑު ހެދި އެވެ. ވިޔަންސާ އިން ވަނީ ކުޅެން އަރައި 9.3 އޯވަރު 4 ކުޅުންތެރިން ނުބައިވެގެން 99 ލަނޑު ހަދައި، މެޗުން މޮޅުވެފަ އެވެ. އެ ޓީމުގެ ކަމުރުލް އިސްލާމް 38 ލަނޑު ހެދިއިރު، މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވިޔަންސާގެ ކަމުރުލް އެވެ.
ދެވަނަ މެޗުގައި އައިޒީ ކުޅެންއަރާ 10 އޯވަރުގެތެރޭގައި އެންމެ ކުޅުންތެރިއެއް ނުބައިވެގެން 105 ލަނޑު ހެދި އެވެ. އައިޒީގެ ސުދޭސް 50 ލަނޑު ހެދިއިރު، އަފްލާހް ވަނީ 47 ލަނޑު ހަދައިފަ އެވެ. ވެސްޓް ސްޕޯޓްސް އިން ކުޅެން ނިކުމެ، 9.3 އޯވަރު ތެރޭ 106 ލަނޑު ހެދި އެވެ.
ތިން ވަނަ މެޗުގައި މިލާން 10 އޯވަރުތެރޭ ހަ ކުޅުންތެރިން ނުބައިވެގެން 121 ލަނޑު ހެދި އެވެ. ޔޫސުފް އަޒިޔާން 34 ހެދިއިރު، ނަޝާތު ވަނީ 31 ލަނޑު ހަދައިފަ އެވެ. ކޮމެޓްސް އިން 10 އޯވަރުތެރޭ ނުވަ ކުޅުންތެރިން ނުބައިވެގެން 66 ލަނޑު ހެދި އެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 28 ލަނޑު ހެދި ސައުފް އެވެ.
އިއްޔެގެ ފަހު މެޗުގައި މާލޭ ވެޓްރަންސް އިން ފުރަތަމަ ކުޅެން އަރައި 10 އޯވަރުގެތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން 98 ލަނޑު ހެދި އެވެ. މާލެ ވެޓްރަންސް ޓީމުގެ ޕިޔާލް 25 ލަނޑު ހެދިއިރު، ނިއު ސްޓާގެ އިސުރު އާއި މަނޯ ވަނީ ދެ ވިކެޓް ނަގައިފަ އެވެ. ނިއުސްޓާ އިން ކުޅެން އަރައި 10 އޯވަރު ތެރޭ 62 ލަނޑު ހެދީ ނުވަ ކުޅުންތެރިން ނުބައިވެގެންނެވެ.
ހަފްތާ ބަންދުގައި ކުޅޭ ގޮތަށް ރޭވިފައިވާ މި މުބާރާތުގައި މިއަދު ވެސް ހަތަރު މެޗު ކުޅޭ ގޮތަށް ވަނީ ޝެޑިއުލްކޮށްފަ އެވެ. ފުރަތަމަ މެޗުގައި ވެސްޓް ސްޕޯޓްސް އާއި ކޮމެޓްސް ކުޅޭއިރު، ދެ ވަނަ މެޗުގައި މާލޭ ސްޕޯޓްސް ކްލަބް ބަައްދަލުކުރާނީ ސީބީއެލްއާ އެެވެ. ތިން ވަނަ މެޗުގައި ވިޔަންސާ އާއި މާލޭ ވެޓްރަންސް ބައްދަލުކުރާއިރު، ފަހު މެޗުގައި އޮއްފު އެފް ސީ ނުކުންނާނީ އައިޒީއާ ދެކޮޅަށެވެ.
Comment