Advertisement

ބީޗް ސައިޑުން ވިއްކާ 34 ބިމަށް 179 މީހުން އަގު ހުށަހެޅި

16 ފެބުރުވަރީ 2022 - 21:55 0

މަރިޔަމް އަރީން އީސާ

މަރިޔަމް އަރީން އީސާ

ހުޅުމާލެ މަތިން ނަގާފައިވާ މަންޒަރެއް: ވިއްކާލާ ޕްލޮޓުތައް ހުންނަނީ ހުޅުމާލެ ފޭސް ޓޫ ބީޗް ސައިޑު ގައި. -- ފޮޓޯ: އާއިމް ޒަމީރު/އަދަދު


ބީޗް ސައިޑުން ވިއްކާ 34 ބިމަށް 179 މީހުން އަގު ހުށަހެޅި

16 ފެބުރުވަރީ 2022 - 21:55 0

ހުޅުމާލޭ ދެވަނަ ފިޔަވަހިން ވިއްކާލަން ނިންމާފައިވާ ބިންތަކުގެ ތެރެއިން އަތިރިމައްޗާ ދިމާލުން (ބީޗު ސައިޑު) ވިއްކާ 34 ބިމަށް 179 މީހުން އަގު ހުށަހަޅައިފި އެވެ.

ހުޅުމާލޭން ބިން ވިއްކަން މަސައްކަތް ކުރާތާ އަހަރެއްހާ ދުވަސް ފަހުން މި ބިންތައް ވިއްކާލަން އެޗްޑީސީން އިއުލާނުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 27 ގަ އެވެ. ޖުމްލަ 60 ބިމެއް ވިއްކާލާއިރު، ބީޗް ފްރޮންޓުން 26 ބިމެއް ފެބްރުއަރީ 9، ގައި ވަނީ ވިއްކާލާފަ އެވެ. މިއަދު އޮތީ ބީޗް ސައިޑުން ވިއްކާ 34 ބިމުގެ ބީލަމެވެ.

އެޗްޑީސީން ބީލަން ހުޅުވާލީ މިއަދު ހެނދުނު 09:00 ގަ އެވެ. ބީލަން ހުށަހެޅުން ބަންދުކުރީ 13:00 ގަ އެވެ. އެންމެ ބޮޑު އަގެއްގެ ގޮތުގައި ހުށަހަޅާފައި އޮތީ 9،700ރ. އެވެ.

ވިއްކާލާ ބީޗު ސައިޑް ބިންތަކުގެ މުހިންމު މައުލޫމާތު

ވިއްކާލާ ބިމުގެ އަދަދު: 34

ބީލަން ފަށާ އަގު: އަކަފޫޓަކަށް 3،500ރ.

ބިޑް ސެކިއުރިޓީ: 320،000ރ.

ވިއްކާލާ ބިންތަކުގެ ސައިޒު: 1،603.07 އަކަފޫޓާއި 2،577.20 އަކަފޫޓާ ދޭތެރޭ

އެޗްޑީސީން ވިއްކަން ނިންމާފައިވާ 34 ބިމުގައި ޖުމްލަ 68502.66 އަކަފޫޓު ހުންނާނެ އެވެ. އެންމެ ކުޑަ އަގުން ބެލި ނަމަވެސް މި 34 ބިން ވިއްކައިގެން އެ ކުންފުންޏަށް 239.7 މިލިއަން ރުފިޔާ ލިބޭނެ އެވެ. ނަމަވެސް ހުށަހަޅާފައިވާ ބިޑުތަކަށް ބަލާއިރު މިއަށް ވުރެ ވެސް ބޮޑު އާމްދަނީ ލިބޭނެ އެވެ.

އެންމެފަހުން ބީޗް ފްރޮންޓުން ވިއްކި 26 ބިމުން ވެސް އެ ކުންފުންޏަށް 377.4 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބެލެވެ އެވެ. މިހެން ހިސާބުތަކުން ދެއްކި ނަމަވެސް ބިންތައް ވިއްކައިގެން ލިބޭ ސީދާ އަދަދު އެނގޭނީ ބިޑު ކާމިޔާބުކުރި މީހުން ހިޔާރު ކުރާ ޕްލޮޓުތައް އެނގުނީމަ އެވެ. ސަބަބަކީ ވިއްކާލާ ޕްލޮޓުތަކުގެ ސައިޒު ތަފާތު ވީމަ އެވެ.

އެޗްޑީސީން ބުނެފައި ވަނީ ބިންތައް ވިއްކައިގެން ލިބޭ އާމްދަނީ ހަރަދު ކުރާނީ ހުޅުމާލޭގެ އިންފްރާސްޓްރަކްޗާ ބިނާކުރުމަށް ކަމަށެވެ. އެގޮތުން ސްކޫލާއި އެފަދަ އިމާރާތްތައް އެޅުމަށް އެ ފައިސާ ހަރަދު ކުރާނެ ކަމަށް އެޗްޑީސީން މީގެ ކުރިން ބުނެފައިވެ އެވެ.