Advertisement

ބޭލް އެނބުރި އައި މެޗުގައި ރެއާލް އެއްވަރު

13 ފެބުރުވަރީ 2022 - 10:16 0


ބޭލް އެނބުރި އައި މެޗުގައި ރެއާލް އެއްވަރު

13 ފެބުރުވަރީ 2022 - 10:16 0

މެޑްރިޑް (ފެބްރުއަރީ 13) - ސްޕެނިޝް ލީގުގައި ރޭ ވިޔަރެއާލް އާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު، ގިނަ ދުވަސްތަކަކަށް ފަހު ގެރެތު ބޭލް ވަނީ ރެއާލްގެ ފުރަތަމަ 11 އިން ފެނިފަ އެވެ.

މި މެޗު އެއްވަރު ވިޔަސް، ރެއާލް ތާވަލްގެ އެއްވަނައިގައި އޮތީ ހަތަރު ޕޮއިންޓްގެ ލީޑަކާ އެކު އެވެ. ރެއާލް 54 ޕޮއިންޓާ އެކު އެއްވަނައިގައި އޮތްއިރު، ދެވަނައިގައި 50 ޕޮއިންޓާ އެކު އޮތީ ސެވިއްޔާ އެވެ.

ވިޔަރެއާލްގެ ދަނޑުގައި ކުޅުނު މެޗުގައި ރެއާލްގެ ފުރަތަމަ 11 އިން ބޭލް ޖާގަ ހޯދިއިރު، މިއީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ފަހުން ރެއާލަށް އޭނާ ކުޅުނު ފުރަތަމަ މެޗެވެ. ފާއިތުވި މަސްތަކުގައި ބޭލް އަށް ވަނީ އަނިޔާގެ މައްސަލަތަކެއް ކުރިމަތިވެ، ގިނަ މެޗުތަކެއް ގެއްލިފަ އެވެ.

"ބޭލް އަށް ސީރިއަސް އަނިޔާއެއް ކުރިމަތިވީ. މި މެޗުގައި އޭނާ އަށް ފުރުސަތެއް މި ދިނީ. ބޭލް ދައްކައިދީފި އޭނާ ހުރީ އަހަރެމެންނާއެކުކަން،" މެޗަށް ފަހު ރެއާލްގެ ކޯޗު ކާލޯ އެންޗަލޮޓީ ބުންޏެވެ. " ބޭލްގެ ކުޅުން ރަނގަޅު. އަހަރެން ބުނި ގޮތަށް އޭނާ ކުޅުނު."

ލަ ލީގާގައި އިއްޔެ އެލްޗޭ އަތުން ސެވިއްޔާ މޮޅުވީ 2-0 އިންނެވެ. މި މެޗުގައި ސެވިއްޔާ އަށް ލަނޑު ޖަހައިދިނީ ޕާޕޫ ގޯމޭޒް އަދި ރަފާ މިރް އެވެ.

އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑް ވަނީ ރޭ ކުޅުނު މެޗުގައި ގެޓާފޭ އަތުން 4-3 އިން މޮޅުވެފަ އެވެ. މެޗުގެ ނުވަ ވަނަ މިނިޓްގައި ލުއިސް ސުއަރޭޒް އަތުން ޕެނަލްޓީއެއް ނާކާމިޔާބުވި ނަމަވެސް އެންހެލް ކޮރޭއާ ވަނީ އެތުލެޓިކޯ އަށް ލީޑުނަގައިދީފަ އެވެ. އަދި މަޓެއުސް ކޫންޏާގެ ގޯލުން ލީޑުފުޅާކުރި އެވެ. އެކަމަކު، 12 މިނިޓް ތެރޭ ތިން ގޯލު ޖަހައި ގެޓަފޭ އިން ނަތީޖާ އަނބުރާލި އެވެ. ގެޓަފޭގެ ފުރަތަމަ ގޯލު ޖެހީ ބޯހާ މަޔޮރާލް އެވެ. އަނެއް ދެ ލަނޑަކީ ދެ ޕެނަލްޓީން އެނެސް އުނިއާލް ޖެހި ދެ ގޯލެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުުތުގައި ކޮރޭއާގެ ގޯލުން އެތުލެޓިކޯ އިން އެއްވަރުކުރި އެވެ.

ދެ ވަނަ ހާފުގެ ކުރީ ކޮޅުގައި އެތުލެޓިކޯގެ ފިލީޕޭ އަށް ރަތް ކާޑެއް ދެއްކިއިރު، އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެ އެ ޓީމުން މޮޅުވި ގޯލު ޖެހީ ފަހު މިނިޓްގަ އެވެ. ޔާއޯ ފެލިކްސް ދިން ބޯޅައަކުން މި ލަނޑު ޖެހީ މާރިއޯ ހާމޯސޯ އެވެ.

އެތުލެޓިކޯ އޮތީ 39 ޕޮއިންޓާ އެކު ތާވަލްގެ ހަތަރު ވަނައިގަ އެވެ. -- ބީބީސީ