12 ފެބުރުވަރީ 2022 - 19:57 0
މަރިޔަމް އަރީން އީސާ
ރަޝިޔާއިން ޔޫކްރެއިންއަށް ހަމަލާއެއް ދީފާނެ ކަމުގެ ބިރު ބޮޮޑު: އެމެރިކާއިން އިލްތިމާސްކުރަނީ އެ ޔޫކްރެއިންގައި ތިބި އެހެން ގައުމުތަކުގެ ރައްޔިތުން އެ ގައުމުން ފޭބުމަށް
12 ފެބުރުވަރީ 2022 - 19:57 0
ޔޫކްރެއިންގެ ހާލަތު ގޯސްވެ މިވަގުތު އެ ގައުމުގައި ތިބި އެހެން ގައުމުތަކުގެ ރައްޔިތުން އެ ގައުމުން ފައިބަން އެމެރިކާއިން ގޮވާލައިފި އެވެ.
މި ހަފްތާގެ ތެރޭގައި ރަޝިޔާއިން ޔޫކްރެއިންއަށް ހަމަލާދިނުމަށް ތައްޔާރުވަމުންދާ ކަމަށް އިންޓެލިޖެންސްއަށް މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ އެމެރިކާއިން މިއަދު ވަނީ އެ ގައުމުގައި ތިބި އެހެން ގައުމުތަކުގެ ރައްޔިތުން ސަލާމަތީ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފަ އެވެ. މިގޮތުން އެމެރިކާއިން މިދިޔަ ހުކުރު ދުވަހު ވަނީ ޔޫކްރެއިންގައި ތިބި އެމެރިކާ ރައްޔިތުން 48 ގަޑިއިރުގެ ތެރޭގައި އެ ގައުމުން ބޭރުވުމަށް ވެސް ގޮވާލާފަ އެވެ.
މިކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ. ނަމަވެސް ޔޫކްރެއިންގެ ހާލަތު ވަރަށް ގާތުން ބަލަމުންދާކަމަށް އެ މިނިސްޓްރީން މައުލޫމާތު ދިނެވެ.
ޔޫރަޕިއަން ޔޫނިއަންގެ ކޮމިޝަނުން އިއްޔެ ބުނެފައިވާ ގޮތުގައި އެ ޖަމިއްޔާއިން އަދިވެސް ދަނީ ޔޫކްރެއިންގެ ހާލަތު މޮނިޓާ ކުރަމުންނެވެ. އަދި އެ ގައުމުން ބޭރުވާން ޖެހޭ ވަރުގެ ނުރައްކަލެއް އަތުވެދާނެ ކަމުގެ ފުރުސަތެއް އަދި ނެތް ކަމަށާއި މީހުން އިވެކުއޭޓް ކުރުމުގެ މަސައްކަތެއް ފަށާފައި ނުވާ ކަމަށް ޔޫރަޕިއަން ކޮމިޝަނުން ބުނެފައިވެ އެވެ.
ނަމަވެސް ރަޝިޔާ ސިފައިން ޔޫކްރެއިން ވަށާލައި، ކޮންމެ ވަގުތަކުވެސް އެ ގައުމަށް ހަމަލާއެއް ދިފާނެ ކަމުގެ ބިރުވެރިކަން އިންތިހާއަށް ބޮޑުވެފައިވާތީ ދުނިޔޭގެ ގިނަ ގައުމުތަކުން ދަނީ ޔޫކްރެއިންގައި ތިބި އެ ގައުމުތަކުގެ ރައްޔިތުން އެ މީހުންގެ ގައުމުތަކަށް އަނބުރާ ދިޔުމަށް ގޮވާލަމުންނެވެ.
ޔުކުރެއިންއަށް ހަމަލާދޭން އުޅޭ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ހުޅަނގުން ގެންގުޅޭ އެޖެންޑާއެއްގެ ދަށުން ކުރާ ކަމެއް ކަމަށް ރަޝިޔާ ސަރުކާރުން މީގެ ކުރިން ވަނީ ބުނެފަ އެވެ.
އެމެރިކާއިން އިސް ނަގައިގެން ކުރިއަށް ގެންދާ އަސްކަރީ ޖަމިއްޔާ، ނޭޓޯގެ މެމްބަރެއްގެ ގޮތުގައި ޔޫކްރެއިން ނުހިމެނުމަށް ރަޝިއާއިން ވަނީ ހުޅަނގުގެ ގައުމުތަކަށް މީގެ ކުރިން ޑިމާންޑުކޮށްފަ އެވެ.
ހުޅަނގުގެ ގައުމުތަކުން ތުހުމަތު ކުރާ ގޮތުގައި ރަޝިއާގެ 100،000 ސިފައިން ޔޫކްރެއިނާ ގުޅޭ ބޯޑަރު ކައިރިއަށް ފޮނުވާފައި ވަނީ އެ ގައުމު ހިފުމުގެ ބޭނުމުގަ އެވެ.
Comment