ސަވާދިއްތަ ދަތުރަށް ހޯރަފުށީގައި ހަޓެއް ހެދުމުގެ މަސައްކަތް އެ ރަށުގެ ޒުވާނުން ކުރަމުންދަނީ. މި ތައްޔާރީތަކުގައި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ ބައިވެރިވަމުން -- ފޮޓޯ: އެމްއައިޓީޑީސީ
އެއްބަޔަކު އުޅުނީ މާދަމާ އެރަށަށް އަންނަ ފަތުރުވެރިންނަށް މަރުހަބާ ކިޔަން ދޭނެ މާބޮނޑިތައް ތައްޔާރު ކުރުމުގަ އެވެ. އަނެއް ބަޔަކު މައި މަގަށް ދޮންވެލި އަޅާ އެއްވަރު ކުރުމުގަ އެވެ. އަންހެންވެރިން ރަށު ތެރެ ކުނިކެހުމުގަ އެވެ. ފިރިހެންވެރިން ބީޗް ސަރަހައްދު ތައްޔާރު ކުރުމަގަ އެވެ. ހަފްތާއެއް ވަންދެން ހިންދެމި ނުލާ ރެޔާއި ދުވާލު މުޅި ހއ. ހޯރަފުށީގެ ރައްޔިތުން މަސައްކަތް ކުރަމުން ދިޔައީ ސަވާދީއްތަ ދަތުރުގެ ފުރަތަމަ މަންޒިލަކަށް އެރަށް ވުމުންނެވެ.
މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން އިންތިޒާމް ކޮށްގެން ރާއްޖޭގައި ބާއްވާ އެންމެ ފުރަތަމަ ޔޮޓް ރެލީ މާދަމާ ހެނދުނު ހޯރަފުށިން ފަށާއިރު، ކައުންސިލް ބަޖެޓުން ބޮޑު ހަރަދެއް ކޮށް، ގިނަ ތައްޔާރީތަކެއް އެރަށުން ވަނީ ވެފަ އެވެ. ގޮނޑެއްހެން އޮތް ބީޗް ސަރަހައްދު ސާފުކޮށް، އުދޯލިތަކާއި، މޭޒުތަކާއި، ބެންޗުތައް ވަނީ ޖަހާފަ އެވެ. ދޮންވެލި ތުނޑީގެ ވެލިގަނޑު ފަތުރާލާ، ރީތި ބޮޑު ތުނޑިއެއް ހަދައިފި އެވެ. އެ ސަރަހައްދުގައި ފާހަނަ ބަރިއަކާއި، އެނޫންވެސް ސްޓޯލްތަކާއި ތަންތަން ދިވެހިވަންތަ ސިފައެއްގައި ފަނުން ހަދާފައި އެބަ ހުއްޓެވެ.
ރަށް ޒީނަތްކުރުމަކުން އަދި ނިމުނީކީއެއް ނޫނެވެ. ރަށަށް އަންނަ ފަތުރުވެރިންނަށް ތިންއިރު ކާންދީ، ބީޗު ދައްކާލާފައި ފޮނުވާލަން ހޯރަފުށި ރައްޔިތުން ބޭނުމެއް ނުވި އެވެ. އެހެންވެ ސަވާދީއްތަ ދަތުރުގައި ބައިވެރިވި، 12 ޔޮޓުގެ 34 ބައިވެރިންގެ ޝަރަފުގައި ސަގާފީ ނެށުންތަކަށް އެ ރަށު ފަތްމިނީން ތައްޔާރުވަމުން ދާއިރު، ތަކުރުން ދަނީ ބޮޑުބެރަށް ފަރިތަކުރަމުންނެވެ. ހޯރަފުށީގައި އެމީހުން ހޭދަކުރާ އެންމެ ސިކުންތުކޮޅެއްގައި ވެސް ފޫހި ނުވާވަރު ކުރުމަށް އެކި ހަރަކާތްތަކާއި ކުޅިވަރުތައް ވެސް ވަނީ ރާވާ އިންތިޒާމް ކޮށްފަ އެވެ.
ސަވާދިއްތަ ދަތުރުގެ ބައިވެރިންނަށް މަރުހަބާ ކިޔުމަށް ވަމުންދާ ތައްޔާރީތަކުގައި ހޯރަފުށީގެ ގިނަ ރައްޔިތުން އަންނަނީ ބައިވެރިވަމުން
މިވަރުންވެސް އަދި ނިންމާލެވޭކަށް ނެތެވެ. ހަދާނުން ފިލައިގެން ނުދާނެ ވަރު މަރުހަބާ އެއް ކިޔުމަށްފަހުވެސް، އެމީހުންނަށް އެރަށުން ދޭ މެހެމާންދާރީގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ފަތުރުވެރިކަމުގެ ދާއިރާގައި ތަޖުރިބާހުރި އެރަށު ބަޓްލަރުންތައް ވެސް ރިސޯޓްތަކުން ގެނެސްފި އެވެ. އެއީ މާދަމާ އެރަށަށް އަންނަ ރެލީގެ ބައިވެރިންގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު ސެލެބްރިޓީން ވެސް ހިމެނޭތީ އެވެ.
ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ހަދާފައި ހުރި ބޮކޭތައް ފެނި އަހަރެން ވެސް އާށޯހުވި އެވެ. ހާދަ މަސައްކަތެކޭ ހިތައް ހުރި އެވެ. އެ ހަދާފައި ހުރީ ހުސް ރުކުގެ ބައިތައް ބޭނުންކޮށްގެން ނެވެ. ރުކުގެ އެތް ފަޅާލާ، އޭގެ ތެރޭ އޮންނަ ރީނދޫ ކުލައިގެ ރުކުމާ ބޭރަށް ނެރިލާފައި އިންއިރު، ދެން ހުރީ ފަނުން މާ ހަދާފަ އެވެ. އަދި ވަށަފަތް ވަކިން ނަގާ ދަކިހާގައި ހިއްޕައި ގެންވެސް މާ ހަދާފަ ހުރި އެވެ. އެ ހުރިހާ މާތަކެއް ރުކުގެ އެތް ތެރެއަށް ލުމަށްފަހު މާބޮޑި އައްސާލާފައި ހުރީ ރުކުގެ ފުޅަފި ގަނޑަކުންނެވެ.
ހުސް ރުކުގެ ބައިތަކުން ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ހަދާފައި ހުރި މާބޮޑިތައް -- ފޮޓޯ: އަދަދު
ކޮންކްރީޓުން ހަދާފައި ހުރި މޭޒެއް ބީޗު ސަރަހައްދުގައި ހުރި ގަސްތަކުގެ ހިޔަލުގައި ހުރިއިރު، އެ ވަށް މޭޒާއި، ވަށައިގެން ޖަހާފައި ހުރި ގޮނޑިތަކަށްވެސް ހީވަނީ ފަން ވިޔެގެން ހަދާފައި ހުރި ކަވަރު ސެޓެއް އަރުވާފައި ހުރިހެނެވެ. އެހާވެސް ޗާލު އަދި ނަލަ އެވެ. މިގޮތަށް އެ ސަރަހައްދުގައި ހުރި ހުރިހާ އެއްޗަކަށްވެސް ކޮންމެސް ގޮތަކަށް ދިވެހިވަންތަ ސިފަ ގެނެސްފައި ހުއްޓެވެ.
ފަން ވިޔެގެން ކަވަރު ސެޓެއް ލައްވާފައިވާ މޭޒުތަކާއި ގޮޑިތައް -- ފޮޓޯ: އެމްޓީއައިޑީސީ
ފަތުރުވެރިންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ ދިވެހި ސަގާފަތާއި އާދަކާދަތައް ތަޖުރިބާ ކުރުމުގެ ފުރުސަތު ނުލިބުމެވެ. ރަށްފުށުގެ ދިރިއުޅުން ނުފެނުމެވެ. އަދި އެމީހުންނާއި ގުޅުން ބަދަހިކޮށް ވާހަކަ ދައްކާލާނެ ފަހި ފުރުސަތެއް ނުލިބޭ ކަމެވެ.
ހޯމް ސްޓޭ ޓުއަރިޒަމް ތައާރަފް ކުރުމަށް ތައްޔާރުވަމުން އަންނަ ހޯރަފުށީގައި ބާއްވާ ހަރަކާތްތަކުގެ ތެރޭގައި އޮއްވަޅު ގޮނޑި އާއި ބޯޅައެއް ބޭނުންކޮށްގެން ކުޅޭ 'އޮޑި ބޯ ސޮލާ' ފަދަ ސަގާފީ ކުޅިވަރުތައް ކުޅުން އެބަ އޮތެވެ. އޭގެ އިތުރުން ރިލޭ ރޭހާއި، ގޯނި ރޭހާއި، ފައިގެ ތަޅާ އާއި ބީޗް ވޮލީ ވެސް އޮންނާނެ އެވެ. ކައުންސިލުން ބުނީ ފަތުރުވެރިންނާއި އެކު ކުޅެން ބޭނުންވާ ޓީމުތަކަށް އެ ފުރުސަތު އޮތް ކަމަށެވެ. އަދި ކުޅިވަރުގެ ހަރަކާތްތަކުގައި އެ އިދާރާގެ މުވައްޒަފުންވެސް ބައިވެރިވާނެ ކަމަށެވެ.
މޫދު ހަރަކާތްތަކުގެ ތެރޭގައި ފަލި ޖެހުމުގެ މުބާރާތަކާއި، ސްނޯކްލިން އަދި ޑައިވިނަށް ދިއުމުގެ އިތުރުން މަހަށް ދިއުން އޮންނާނެ އެވެ. އަދި ރޭގަނޑު ބާބަކިއުއެއް ބާއްވަން ވެސް ރާވާފައި އެބައޮތެވެ.
މިހާ ބޮޑަށް ހޯރަފުށީ ރައްޔިތުން މި ރެލީއަށް ތައްޔާރު ވަނީ ބޮޑު އުންމީދެއް އޮވެގެންނެވެ.
އެގޮތުން ޖީބަށް ޑޮލަރު ވެއްދޭ ގޮތެއް ހޯދުމަށްޓަކައި އެންމެ ފުރަތަމަ އެރަށު ރައްޔިތުން އެދިގެން މީގެ ދެ އަހަރު ކުރިން އެއާޕޯޓެއް އެޅި އެވެ. އެއަށްފަހު، ޓޫރިޒަމް ޒޯންގެ ބިޑް ކާމިޔާބުކުރި އެވެ. މިހާރު އެ ޒޯންއިން ގެސްޓް ހައުސްތައް ހަދަން ބިންތައް ދޫކޮށްފައިވާއިރު، މިވަގުތު ހޯރަފުށީގައި އޮޕަރޭޓް ކުރަނީ ތިން ގެސްޓު ހައުސް އެވެ.
"އަޅުގަނޑުމެން މިހާ ވަރަށް މި މަސައްކަތް ކުރަނީ ފަތުރުވެރިކަން މިރަށަށް ގެނައުމަށް، އިރާދަކުރެއްވިއްޔާ މާފުއްޓާ ވެސް ވާދަކުރެވޭނެ، އަމާޒަކީ ހޯރަފުށި ބްރޭންޑަކަށް ހެދުން،"
ރަށުގެ ޓޫރިޒަމްގެ މަސައްކަތްތަކާއި ހަވާލުވެ ހުންނަވާ ކައުންސިލް މެމްބަރު ރައޫފް ވިދާޅުވި އެވެ.
ސަވާދީއްތަ ދަތުރުގެ ފުރަތަމަ މަންޒިލަކަށް ހޯރަފުށި ވިއިރު، ފަތުރުވެރިންގެ "ފަސްޓް އިމްޕްރެޝަން" "ޕާފެކްޓް" ކުރަން ޖެހޭ ކަމަށް އޭނާ ދެކެ އެވެ. އޭރުން އެ ތަޖުރިބާ ހަނދާނުން ފިލައިގެން ނުދާނެ ކަމަށް އޭނާ ގަބޫލުކުރެ އެވެ. ކައުންސިލްގެ އަމާޒަކީ ދެވަނަ ފަހަރަށް ވެސް އެމީހުން ހޯރަފުއްޓަށް ގެނައުމެވެ. އަދި އެމީހުންގެ ފަރާތުން ހޯރަފުށި ބޭރުގެ މާކެޓްތަކަށް އިޝްތިހާރުވެ، މަޝްހޫރުވެގެން ދިއުމެވެ.
ސަވާދިއްތަ ދަތުރުގައި އެ ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ހަދާފައިވާ ގިޑިގެއެއް -- ފޮޓޯ: އެމްއައިޓީޑީސީ
އެމްއައިޓީޑީސީގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ރާއިދު ވިދާޅުވީ ހޯރަފުއްޓަކީ ފަތުރުވެރިކަން އެރަށަށް ގެނައުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ރަށެއް ކަމަށެވެ. އަދި އެ މަސައްކަތް މާ ދުރު ނޫން މުސްތަގްބަލެއްގައި ކާމިޔާބު ކުރެވިގެންދާ މަންޒަރު ފެންނާނެ ކަމުގައި އުންމީދު ކުރެވޭކަން އޭނާ ފާހަގަކުރެއްވި އެވެ.
"މަސައްކަތް ކުރާ ބަޔަކަށް ކާމިޔާބު މިންވަރުކޮށްދެއްވާނެ، ހޯމް ސްޓޭގެ މިސާލަކަށް ހޯރަފުށި އިރާދަކުރެއްވިއްޔާ ވެގެން ދާނެ،" ރާއިދު ވިދާޅުވި އެވެ.
ނަމަވެސް ރަށު ރައްޔިތުން ދެކޭ ގޮތުގައި ހޯމްސްޓޭ އެރަށުގައި ފައްކާވެގެން ދާނީ އެރަށު އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ގެނެވުމުނެވެ. ކައުންސިލުން ބުނީ އެކަމާ މަޝްވަރާ ކުރެވެމުންދާ ކަމަށެވެ.
ރިޔަލު ޔޮޓް ފަހަރުގައި ރާއްޖެ އަށް އަންނަ ޓޫރިސްޓުންނަށް ހާއްސަކޮށް އިންތިޒާމުކުރާ، ރާއްޖޭގެ އެންމެ ފުރަތަމަ ޔޮޓް ރެލީގައި މިފަހަރު ބައިވެރިވީ ރާއްޖެއިން ބޭރުގެ ފަރާތްތައް އެކަންޏެވެ. އެއްހާސް ޑޮލަރުގެ ފީއެއް ދައްކައިގެން ރެލީގައި ބައިވެރިވެފައިވާ ބޭރުގެ ފަރާތްތަކުގެ ތެރޭގައި އިންޑިއާ އާއި ތައިލެންޑާއި މެލޭޝިޔާ ފަދަ ގައުމުތަކުން ދަތުރުކޮށްފައި އައި ޔޮޓްތައް ހިމެނެ އެވެ.
އެގޮތުން މާދަމާ ހެނދުނު ސަވާދިއްތަ ދަތުރު ފަށާނީ ހޯރަފުށީން އެކަމަށް ބާއްވާ ކުޑަ ރަސްމިއްޔާތަކަށް ފަހު އެވެ. އެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާނީ ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އެވެ. އޭނާގެ އިތުރުން ހެރިޓޭޖް މިނިސްޓަރު، ޔުމްނާ މައުމޫންއާ، ހަޔާ އެޑިއުކޭޝަން މިނިސްޓަރު، އިބްރާހިމް ހަސަންވެސް އެ ރަސްމިއްޔާތަށް ވަޑައިގަންނަވާނެ އެވެ.
Comment