Advertisement

ފޯކައިދޫއަށް 26 އަހަރަށްފަހު އަމާންކަން، ރަށު މެދުގައި ހުރި އިންޖީނުގެ ނިއްވާލައިފި

4 ފެބުރުވަރީ 2022 - 11:49 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އިންޖީނުގެ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު، ރައީސް ނަޝީދު، ފެނަކަ އެމްޑީ ސައީދު އަދި އެ ރަށު ކައުންސިލްގެ ފަރާތުން ބައިވެރިވަނީ -- ފޮޓޯ؛ ފެނަކަ


ފޯކައިދޫއަށް 26 އަހަރަށްފަހު އަމާންކަން، ރަށު މެދުގައި ހުރި އިންޖީނުގެ ނިއްވާލައިފި

4 ފެބުރުވަރީ 2022 - 11:49 0

ށ. ފޯކައިދޫގައި ކަރަންޓު ދިނުމަށް 1996 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އައި ބާ އިންޖީނުގެ ނިއްވާލައި ފެނަކަ ކޯޕަރޭޝަނުން އެ ރަށުގައި އަލަށް ގާއިމްކުރި އިންޖީނުގޭގެ ހިދުމަތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފައްޓަވައި ދެއްވައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު ށ. ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ކެމްޕެއިނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވަނީ އިއްޔެ ވަނީ ފޯކައިދޫގެ އައު އިންޖީނުގެ ހުޅުވުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ރަސްމިއްޔާތުގައި ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަހްމަދު ސައީދު ވެސް ބައިވެރިވެވަޑައިގަތެވެ.

ފޯކައިދޫގެ އިންޖީނު ގެ ރަށު މެދުގައި ހުރުމުގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކަށް އެކަމުގެ އުނދަގޫ މިދިޔަ 26 އަހަރުގެ ތެރޭ ފޯރާފައިވާ ކަމަށް އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.

"އެތައް ބަޔަކަށްް ޒަމާނުއްސުރެ އަޑުގެ އުނދަގޫ ލިބިގެންދިޔަ އިންޖީނުގެ ނިއްވާލައި އައު އިންޖީނު ގޭގެ ހިދުމަތް ފެށިގެންދާނެ" މި އިންޖީނުގެ ނިއްވާލުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ރައީސް ސޯލިހު ވިދާޅުވި އެވެ.

މި ވެއެތުވެދިޔަ ތިން އަހަރުގެ ތެރޭގައި ކޮމަންޑޫ ހިމެނޭ ގޮތަށް ފެނަކައިން 39 ރަށެއްގައި މުޅިން އާ އިންޖީނުގެ ބިނާކޮށްފި އެވެ. އަދި 31 ރަށެއްގައި އިންޖީނުގެ އެޅުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރިއަށެވެ. އަލަށް ހުޅުވި އިންޖީނުގޭގައި 1.5 މެގަވޮޓްސް ގެ ކެޕޭސިޓީ ހުންނާނެ ކަމަށް ފެނަކައިން ބުނެ އެވެ.

"އަސާސީ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން ވީ ވައުދެއް. އޭގެ ތެރޭގައި ކަރަންޓުގެ ހިދުމަތަކީ އެއް ވައުދު. ފެނަކައިން ކުރަމުންދަނީ އެ މަސައްކަތް." އެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.

ފެނަކައިން ފޯކައިދޫ އިންޖީނުގޭގެ މަސައްކަތް ކުރުމަށް 2019 ވަނަ އަހަރު ހަވާލުކޮށްފައިވަނީ ވަލީދު ކޮންސްޓްރަކްޝަނާ އެވެ. އެ ކުންފުނިން މި މަސައްކަތް ކޮށްފައިވަނީ 5.66 މިލިއަން ރުފިޔާއަށެވެ.

"ހަމަ ގައިމު ވެސް ފެނަކައިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަރަންޓުގެ ހިދުމަތް ދިނުމަށްޓަކައި އެ ކުރަމުންދާ މަސައްކަތުގައި ފެނަކައިގެ ހީވާގި މުވައްޒަފުންގެ ދައުރު ބޮޑު. އެފަދަ ޓީމެއް ނެތްނަމަ ސައީދުގެ އެ މަސައްކަތް އެ ސްޕީޑަކު ނުގެނެދެވުނީސް" ފެނަކައިގެ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވަމުން އިއްޔެ ރައީސް ވިދާޅުވި އެވެ.

ފެނަކައިން ވަނީ މި މަޝްރޫއުގެ ދަށުން ޑިސްޓްރިބިއުޝަން ނެޓްވޯކް އާކުރުމަށްޓަކައި ޖުމްލަ 3،000 މީޓަރުގެ ކޭބަލް ވަޅުލައި، 4 ޓްރާންސްފޯމަރު ބަހައްޓައި، ހައިވޮލްޓޭޖް ވިއުގައެއް ވެސް ގާއިމްކޮށްފަ އެވެ.

ށ. ކޮމަންޑޫގައި ހުރި 32 އަހަރުވީ އިންޖީނުގެ ވެސް ވަނީ ނިއްވާލާފަ އެވެ. އެގޮތުން 1990 ވަނަ އަހަރުން އެ ރަށުގައި ހިދުމަތް ދެމުން އައި އިންޖީނުގެ ރައީސް ސޯލިހު ނިއްވާލަ ދެއްވީ މިދިޔަ ޖެނުއަރީ 7، ގެ ހަވީރު 5:30 ގަ އެވެ.