Advertisement

ޔޫތު ޗެމްޕިއަންޝިޕް: ގްރީން ސްޓްރީޓްސް ބަލިކޮށް ސަސް ސެމީއާ ގާތަށް

2 ފެބުރުވަރީ 2022 - 22:19 0

ލަނޑު ޖެހުމަށް ފަހު ސަސްގެ ވިޝާހު (ވ) އާއި އެ ޓީމުގެ ލަޔާން އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ޔޫތު ޗެމްޕިއަންޝިޕް: ގްރީން ސްޓްރީޓްސް ބަލިކޮށް ސަސް ސެމީއާ ގާތަށް

2 ފެބުރުވަރީ 2022 - 22:19 0

އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި މިރޭ ކުޅުނު މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް 4-0 އިން ބަލިކޮށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ސެމީ ފައިނަލުގެ ޖާގައަކާ ގާތަށް ޖެހިލައިފި އެވެ.

ފަސް ޓީމު ވާދަކުރާ ގްރޫޕް އޭގައި މި ވަގުތު އެއް ވަނައިގައި އޮތީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެވެ. މާޒިޔާ އަށް ހަތަރު މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، އީގަލްސް އިން ވަނީ ތިން މެޗުން ހަތް ޕޮއިންޓް ހޯދައިފަ އެވެ. މާޒިޔާ އަށް ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ނިމިފައިވާއިރު، އެ ޓީމު މި ވަގުތު އެއް ވަނައިގައި އޮތީ ލަނޑުގެ ތަފާތުންނެވެ. މާޒިޔާ އަށް ފައިދާ އަށް ގޯލު އޮތްއިރު، އީގަލްސްގެ އޮތީ ހަތް ގޯލެވެ.

މިރޭގެ މޮޅާ އެކު ތިން ވަނައިގައި އޮތް ސަސް އިން ވަނީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިފަ އެވެ. ހަތަރެއްގައި އޮތް ދަ ގްރާންޑޭ އަށް ތިން މެޗުން ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ގްރާންޑޭ ވަނީ މިއަދު ކަޓައިފަ އެވެ. އެންމެ ފުލުގައި އޮތް ގްރީން ސްޓްރީޓްސް އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ގްރީން ސްޓްރީޓްސް ކޮޅަށް ގޯލު ޖެހުމަށް ފަހު ސަސްގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


މި ގްރޫޕުން މި ވަގުތު ސެމީގެ ފުރުސަތު އޮތީ އީގަލްސް، މާޒިޔާ އަދި ސަސް އަށެވެ. ސަސް އާއި އީގަލްސް އަށް ބާކީ މެޗެއް އެބައޮތެވެ. ހޮނިހިރު ދުވަހު ހަވީރު އީގަލްސް ކުޅޭނީ ގްރީން ސްޓްރީޓްސްއާ އެެވެ. އެރޭ ދަ ގްރާންޑޭއާ ދެކޮޅަށް ސަސް ކުޅޭނެ އެވެ. ސަސް އާއި އީގަލްސް ފަހު މެޗެއް މޮޅުވެއްޖެނަމަ އެ ދެ ޓީމު ސެމީ އަށް ދާނެ އެވެ. މާޒިޔާ އަށް ސެމީގެ ފުރުސަތެއް އޮތީ ސަސް އާއި އީގަލްސްގެ މެޗުތަކުން ނުކުންނަ ނަތީޖާ އަކަށް ބަލައިގެންނެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން ސަސް އިން ދިޔައީ ވަރަށް ބޮޑަށް އެޓޭކަށް ވިސްނައިގެން ކުޅެމުންނެވެ. މެޗުގެ 10 ވަނަ މިނިޓްގައި ސަސްގެ މިޑްފީލްޑަރު ވިޝާހު އަބްދުލް މަޖީދު އޭރިއާބޭރުން ޖެހި ބާރު ބޯޅަ ގްރީން ސްޓްރީޓްސްގެ ކީޕަރު އަލީ ޔަނީއު އަހުމަދު ވަނީ މަތަކޮށްފަ އެވެ. އޭގެ ތިން މިނިޓް ފަހުން އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި ސަސްގެ ލަޔާން ހުސެއިން ވަނީ އެ ޓީމަށް ލީޑުނަގައިދީފަ އެވެ. މެޗުގެ 13 ވަނަ މިނިޓްގައި ލަޔާން ތިރިތިރިން ޖެހި ބޯޅަ ގޯލަށް ވަނީ ކީޕަރު ޔަނީއު އަތްދަށުންނެވެ.

މެޗުގެ 25 ވަނަ މިނިޓްގައި ސަސްގެ އަހުމަދު ޖުމާން ޖެހި ބޯޅަ ގްރީން ސްޓްރީޓްސްގެ ކީޕަރު ޔަނީއު ވަނީ ހުއްޓުވައިފަ އެވެ. އެކަމަކު، އޭގެ 10 މިނިޓް ފަހުން ލިބުނު ޕެނަލްޓީ އަކުން ސަސް އިން ލީޑުފުޅާކުރި އެވެ. މެޗުގެ 35 ވަނަ މިނިޓްގައި ވިޝާހު ޖެހި ޕެނަލްޓީ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.

ސަސްގެ އިޝްއާފު ގްރީން ސްޓްރީޓްސްގެ ގޯލަށް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ގްރީން ސްޓްރީޓްސްގެ ޑިފެންޑަރުންނަށް ސަލާމަތް ނުކުރެވުނު ބޯޅައެއް ހޯދައި، މެޗުގެ 57 ވަނަ މިނިޓްގައި ސަސްގެ ތިން ވަނަ ގޯލު ޖެހީ ސާލިފް ހުސެެއިންނެވެ. ސާލިފް ގޯލުގެ ތެެރެއަށް ބޯޅަ ފޮނުވާލީ ތިރިތިރިންނެވެ. އޭގެ ފަހުން ސަސްގެ އިޝްއާފު މުހައްމަދު ފިރާގު ރަނގަޅު ދެ ހަމަލާއެއް ފޮނުވާލި އެވެ. އެ ތަނުން އެއް ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.

ސަސް އިން ހަތަރު ވަނަ ގޯލު ޖެހީ މެޗުގެ 75 ވަނަ މިނިޓްގަ އެވެ. އޭރިއާތެެރެއިން އިޝްއާފަށް ލިބުނު ބޯޅަ ގޯލުގެ ކައިރީ ކަނަށް ފޮނުވާލީ ކީޕަރު ޔަނީއު އަތުގައި ޖައްސައިފަ އެވެ.

މުޅި މެޗުގައި ވެސް ސަސްގެ ގޯލުގައި ހުރި ކީޕަރު ޔޫސުފް މީސަމް އަބްދުﷲ ކައިރިން މާ ނުރައްކާތެރި ހަމަލާތަކެއް ގްރީން ސްޓްރީޓްސް އަށް ފޮނުވާނުލެވުނެވެ. ސަސް އަށް ފަސް ވަނަ ގޯލެއް ޖަހައިދޭން އެންމެ ރަނގަޅު ފުރުސަތެއް ނަގާލީ މީސަމް އެވެ. ގްރީން ސްޓްރީޓްސްގެ ކުޅުންތެރިއަކު އަތުގައި އޭރިއާތެރެއިން ބޯޅަ ޖެހުމުން ސަސް އަށް ލިބުނު ޕެނަލްޓީ ފޮނުވާލީ މީސަމް އެވެ. މެޗުގެ 83 ވަނަ މިނިޓްގައި މީސަމް ޖެހި ޕެނަލްޓީ ދިޔައީ ގޯލާ ސީދާނުވެ ހުރަސްދަނޑިމަތިންނެވެ.

ޔޫތު ޗެމްޕިއަންޝިޕްގައި މާދަމާ ކުޅޭނީ ގްރޫޕް ބީގެ ދެ މެޗެވެ. މާދަމާ ހަވީރު ކުޅޭ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އެވެ. މާދަމާރޭ މަހިބަދޫ ސްޕޯޓްސް ކްލަބް ކުޅޭނީ ކްލަބް ވެލެންސިއާއާ އެވެ.