31 އޮގަސްޓު 2025 - 18:57 2
31 އޮގަސްޓު 2025 - 18:57 2
ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ފުރަތަމަ ޑިވިޝަނުން ވަކިވާން ނިންމި މައްސަލައިގައި، އެފްއޭއެމް އިން އެ ކްލަބް 200،000 ރުފިޔާ އިން ޖޫރިމަނާކޮށް، ތިން ވަނަ ޑިިވިޝަނަށް ރެލިގޭޓް ކުރަން ނިންމައިފި އެވެ.
ސަސް އިން މި މަހު 23 ވަނަ ދުވަހު ފުރަތަމަ ޑިވިޝަނުގައި ވާދަކުރެެވެން ނެތް ކަމަށް އަންގާފައިވާ ކަމަށެވެ. އަދި، އެ ކްލަބުން ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ މާލީ ހާލަތު ހުރި ގޮތުން ވާދަކުރެވެން ނެތް ކަމަށެވެ. އެފްއޭއެމް އިން ބުނެފައިވަނީ، ސަސްގެ މި ނިންމުމާ އެކު، އެ އެސޯސިއޭޝަންތަކުގެ މުބާރާތުގެ ގަވާއިދުގެ މަތިން ސަސްއާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.
އެ ގޮތުން، މިއަދު ބޭއްވި އެފްއޭއެމް ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ނިންމާފައިވަނީ ސަސް، 200،000 ރުފިޔާ އިން ޖޫރިމަނާކޮށް، ތިން ވަނަ ޑިވިޝަނަށް ރެލިގޭޓް ކުރުމަށެެވެ.
ސަސް އިން ލީގުން ވަކިވިކަން އަންގައި، އެފްއޭއެމަށް ފޮނުވި ސިޓީގައި ވަނީ ދެ ވަނަ ޑިވިޝަނުގައި އެ ކްލަބް ވާދަކުރާނެ ކަމަށް ބުނެފަ އެވެ. އެކަމަކު، އެފްއޭއެމް އިން ނިންމީ އެ ކްލަބަށް އަޅާ ފިޔަވަޅެއްގެ ގޮތުން، އެންމެ ދަށް ޑިވިޝަނުން ފެށުމަށެވެ.
ސަސް އެންމެ ފުރަތަމަ ތިން ވަނަ ޑިވިޝަނުގައި ކުޅުނީ 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން އައި ދެ އަހަރުގައި ވެސް 2017 އާއި 2018 ގައި ވެސް އެ ޓީމު ވާދަކުރީ ތިން ވަނަ ޑިވިޝަނުގަ އެވެ. އެ ޓީމު 2018 ވަނަ އަހަރުގެ ދެ ވަނަ ޑިވިޝަނުގެ ފައިނަލުން ބަލިވީ ރޮކް ސްޓްރީޓްސް ސްޕޯޓްސް ކްލަބް އަތުންނެވެ. އޭގެ ޖެހިގެން އައި އަހަރު ދެ ވަނަ ޑިވިޝަނުގެ ފައިނަލުން ޖާގަ ހޯދައި ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވީ އެވެ. އެކަމަކު، މިދިޔަ ދެ ސީޒަނުގައި ސަސް ފެނުނީ މާލީ ގޮތުން ވަރަށް ބޮޑަށް އަޑިއަޅާލައިފައި އޮތްތަނެވެ. އެއާ އެކު އެ ކްލަބްގެ މެނޭޖްމަންޓުން މި ވަނީ ކުރިއަށް އޮތް ސީޒަން ފެށެން މަހަކަށް ވުރެ ކުޑަ ދުވަސްކޮޅަކަށް ވެފައި އޮއްވައި ފުރަތަމަ ޑިވިޝަނުން ވަކިވާން ނިންމައިފަ އެވެ.
Comment