Advertisement

ސަސް އިން ފުރަތަމަ ޑިވިޝަނުން ވަކިވިކަން އެފްއޭއެމަށް އަންގައިފި؛ ޖާގަ ނިއު ރޭޑިއަންޓަށް؟

25 އޮގަސްޓު 2025 - 19:03 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު


ސަސް އިން ފުރަތަމަ ޑިވިޝަނުން ވަކިވިކަން އެފްއޭއެމަށް އަންގައިފި؛ ޖާގަ ނިއު ރޭޑިއަންޓަށް؟

25 އޮގަސްޓު 2025 - 19:03 0

ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ފުރަތަމަ ޑިވިޝަނުގައި ވާދަކުރެވެން ނެތްކަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް އަންގައިފި އެވެ.

ސަސް އިން އެފްއޭއެމަށް ދާދި ފަހުން ފޮނުވި ލިޔުމެއްގައި އަންގާފައިވަނީ، އެ ކްލަބްގެ މާލީ ހާލަތު ހުރި ގޮތުންނާއި އެކި ސަބަބުތަކާ ހުރެ، ފުރަތަމަ ޑިވިޝަނުގައި ވާދަކުރެވެން ނެތް ކަމަށެެވެ. ފުރަތަމަ ޑިވިޝަނުގައި ފަސް އަހަރު ސަސް ވަނީ ވާދަކޮށްފަ އެވެ.

ސަސް އެންމެ ފުރަތަމަ ތިން ވަނަ ޑިވިޝަނުގައި ކުޅުނީ 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން އައި ދެ އަހަރުގައި ވެސް 2017 އާއި 2018 ގައި ވެސް އެ ޓީމު ވާދަކުރީ ތިން ވަނަ ޑިވިޝަނުގަ އެވެ. އެ ޓީމު 2018 ވަނަ އަހަރުގެ ދެ ވަނަ ޑިވިޝަނުގެ ފައިނަލުން ބަލިވީ ރޮކް ސްޓްރީޓްސް ސްޕޯޓްސް ކްލަބް އަތުންނެވެ.

އެހެން ނަމަވެސް، ދެ ވަނަ ޑިވިޝަނަށް ޕްރޮމޯޓްވުމުން އެ ހިތްހަމަޖެހުން އެ ފަހަރު ލިބުނެވެ. އޭގެ ޖެހިގެން އައި އަހަރު ދެ ވަނަ ޑިވިޝަނުގެ ފައިނަލުން ޖާގަ ހޯދައި ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވީ އެވެ. އެކަމަކު، މިދިޔަ ދެ ސީޒަނުގައި ސަސް ފެނުނީ މާލީ ގޮތުން ވަރަށް ބޮޑަށް އަޑިއަޅާލައިފައި އޮތްތަނެވެ.

އެއާ އެކު އެ ކްލަބްގެ މެނޭޖްމަންޓުން މި ވަނީ ކުރިއަށް އޮތް ސީޒަން ފެށެން މަހަކަށް ވުރެ ކުޑަ ދުވަސްކޮޅަކަށް ވެފައި އޮއްވައި ފުރަތަމަ ޑިވިޝަނުން ވަކިވާން ނިންމައިފަ އެވެ. އަދި ސަސް އިން ވަނީ ފުރަތަމަ ޑިވިޝަނުން ވަކިވި ކަމުގައި ވިޔަސް، އަންނަ ސީޒަނުގެ ދެ ވަނަ ޑިވިޝަނުގައި ވާދަކުރަން ތައްޔާރުވާނެ ކަމަށް ބުނެފަ އެވެ.

އެފްއޭއެމް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސަސް އިން މި މަހު 23 ވަނަ ދުވަހު ފުރަތަމަ ޑިވިޝަނުގައި ވާދަކުރެެވެން ނެތް ކަމަށް އަންގާފައިވާ ކަމަށެވެ. އަދި، އެ ކްލަބުން ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ މާލީ ހާލަތު ހުރި ގޮތުން ވާދަކުރެވެން ނެތް ކަމަށެވެ.

އެފްއޭއެމް އިން ބުނެފައިވަނީ، ސަސްގެ މި ނިންމުމާ އެކު، އެ އެސޯސިއޭޝަންތަކުގެ މުބާރާތުގެ ގަވާއިދުގެ މަތިން ސަސްއާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

ނިއު އަލުން ފުރަތަމަ ޑިވިޝަނަށް؟

"އަދަދު ސްޕޯޓްސް" އަށް މައުލޫމާތު ދިން ފަރާތަކުން ބުނެފައިވަނީ، ނިއު އިން އިއުލާނުކުރަން މަސައްކަތް ކުރަމުން އަންނަ އުފާވެރި ހަބަރަކީ، އެ ކްލަބް، އެނބުރި ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ކުޅޭ ވާހަކަ ކަމަށެވެ. އެ ގޮތުން މައުލޫމާތު ދިން ފަރާތުން ބުނީ، ނިއު، ފުރަތަމަ ޑިވިޝަނަށް އައުމަށް މަސައްކަތް ކުރަނީ، ސަސްގެ ޖާގަ އަށް ކަމަށެވެ.

އެފްއޭއެމުން ދާދި ފަހުން، ރާއްޖޭގެ ދިވެހި ޕްރިމިއާ ލީގު (ފުރަތަމަ ޑިވިޝަން)ގައި ވާދަކުރަނީ، 10 ޓީމު ކަމަށް ފާސްކޮށްފައިވާއިރު، އެ މުބާރާތުގައި ސަސް އިން ވާދަނުކުރާނަމަ، ދެން ދެ ވަަނަ ޑިވިޝަނުން ޓީމަކަށް ލިބޭ ޖާގަ އަށް ނިއު ގެނައުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެންމެ ފަހުން، ބޭއްވި ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން އާއި ރަނަރަޕްގެ ހައިސިއްޔަތުން، އޮޑި ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބް ވަނީ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެފަ އެވެ.

ދެ ވަނަ ޑިވިޝަނުން އަންނަ ޓީމަކަށް ސަސްގެ ޖާގައިގައި ފުރަތަމަ ޑިވިޝަނަށް އައުމުގެ ދޮރު ހުޅުވޭ ގޮތަށް މަސައްކަތް ކުރަމުން އަންނައިރު، އެ ފުރުސަތު ނިއު އަށް ދޭން ވަަރަށް އަވަހަށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މައުލޫމާތު ދިން ފަރާތުން ބުނެފައިވެ އެވެ.

ދެ ވަނަ ޑިވިޝަނުން އަންނަން ޖެހޭ ޓީމެއްގެ ގޮތުގައި، ތިން ވަނަ ޓީމެއް ކަނޑައަޅަން ޖެހޭނީ، ސެމީ ފައިނަލަށް ދިޔަ ޓެންޓް ސްޕޯޓްސް ކްލަބާއި ނިއުގެ ތެރެއިންނެވެ. އަދި، މީގެ ތެރެއިން، ނިއު އަށް ފުރަތަމަ ޑިވިޝަނުން ސީދާ ޖާގައެއް ލިބެން އޮތީ ޓެންޓް އެ ފުރުސަތު ދޫކޮށްލައިފިނަމަ އެވެ.