3 ފެބުރުވަރީ 2022 - 05:55 0
ފާތިމަތު ސާޔާ އަހުމަދު
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ނަން ބޯޑެއް. -- ފޮޓޯ: އޭއެފްޕީ
3 ފެބުރުވަރީ 2022 - 05:55 0
ޕެރިސް، ފްރާންސް (ފެބްރުއަރީ 2) - ކޮވިޑް ފަތުރާ ވައިރަހުގެ އޮމިކްރޯން ވޭރިއެންޓްގެ ސަބް ވޭރިއެންޓް 57 ގައުމަކުން ފެނިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.
ހަލުވިކަމާ އެކު ފެތުރޭ އޮމިކްރޯން ވޭރިއެންޓަކީ މިހާރު ހުރިހާ ގައުމެއްގެ ވެސް "ޑޮމިނެންޓް" ވޭރިއެންޓެވެ. މީގެ 10 ހަފްތާ ކުރިން ދެކުނު އެފްރިކާއިން ފެނުނު އެ ވޭރިއެންޓް މިޔުޓޭޓްވެގެން ސަބް ވޭރިއެންޓްތައް ވެސް އުފެދިފައިވެ އެވެ.
ޑަބްލިއުއެޗްއޯއިން ނެރޭ ހަފްތާގެ އެޕިޑެމިއޮލޮޖިކަލް ރިޕޯޓުގައި ބުނީ ފާއިތުވި ޖެނުއަރީ މަހު ނެގި ސާމްޕަލްތަކުގެ 93 ޕަސެންޓުގައި ހިމެނެނީ އޮމިކްރޯން ކަމަށެވެ. އޭގެ ތެރޭގައި ސަބް ވޭރިއެންޓްތައް ވެސް ހިމެނެ އެވެ. އެއީ ބީއޭ.1، ބީއޭ.1.1، ބީއޭ.2 އަދި ބީއޭ.3 އެވެ.
މިހާތަނަށް ރިކޯޑްކޮށްފައިވާ އޮމިކްރޯން ސީކުއެންސްތަކުގެ 96 ޕަސެންޓަކީ އެންމެ ފުރަތަމަ ފެނުނު ބީއޭ.1 އަދި ބީއޭ.1.1 އެވެ.
ނަމަވެސް ބީއޭ.2 ސަބް ވޭރިއެންޓާ ގުޅިފައިވާ ކޭސްތައް އިތުރުވަމުންދާކަން ތަފާސްހިސާބުން ދައްކަ އެވެ. އެ ސަބް ވޭރިއެންޓަކީ އޮމިކްރޯންގެ އޮރިޖިނަލް ވޭރިއެންޓާ އަޅާ ބަލާއިރު ގިނަ ބަދަލުތަކެއް އައިސްފައިވާ އެއްޗެކެވެ.
"ބީއޭ.2 ސީކުއެންސްތައް 57 ގައުމަކުން ފާހަގަވެފައިވޭ،" ޑަބްލިއުއެޗްއޯއިން ބުންޏެވެ. ބައެއް ގައުމުތަކުގައި ސީކުއެންސް ކުރާ އޮމިކްރޯން ކޭސްތަކުގެ 50 ޕަސެންޓަކީ މިހާރު އެ ސަބް ވޭރިއެންޓާ ގުޅިފައިވާ ކޭސްތައް ކަމަށް ވެސް ސިއްހަތު ޖަމިއްޔާއިން ބުންޏެވެ.
އޮރިޖިނަލް ވޭރިއެންޓާއި ސަބް ވޭރިއެންޓާ ހުރި ތަފާތުތައް އަދި ހޯދިފައެއް ނުވެ އެވެ. އެހެންވެ، ޑަބްލިއުއެޗްއޯއިން ބާރު އަޅަނީ އެކަމާ ގުޅޭ ދިރާސާތައް ކުރުމަށެވެ.
މިހާތަނަށް ހެދި ދިރާސާތަކުން ދައްކާ ގޮތުގައި ބީއޭ.2 ސަބްވޭރިއެންޓަކީ އޮރިޖިނަލް އޮމިކްރޯމް ވޭރިއެންޓަށް ވުރެ ހަލުވިކޮށް ފެތުރޭ އެއްޗެކެވެ.
Comment