Advertisement

ހަޖަމުކުރުމުގެ ނިޒާމަށް ޖެހޭ ބަލިތަކަށް ފަރުވާ ދިނުމަށް އޭޑީކޭގައި ހާއްސަ ޑިޕާޓްމެންޓެއް

3 ފެބުރުވަރީ 2022 - 13:32 0

މަރިޔަމް އަރީން އީސާ

މަރިޔަމް އަރީން އީސާ

އޭޑީކޭގެ ގޭސްޓްރޯއެންޓްރޮނޮލޮޖިސްޓް، ޑރ. މުކޭޝް -- ފޮޓޯ: އޭޑީކޭ ހޮސްޕިޓަލް


ހަޖަމުކުރުމުގެ ނިޒާމަށް ޖެހޭ ބަލިތަކަށް ފަރުވާ ދިނުމަށް އޭޑީކޭގައި ހާއްސަ ޑިޕާޓްމެންޓެއް

3 ފެބުރުވަރީ 2022 - 13:32 0

ހަޖަމުކުރުމުގެ ނިޒާމަށް ދިމާވާ ތަފާތު ބަލިތަކަށް ފަރުވާ ދިނުމަށް ބޭނުންވާ އެންމެ ފަހުގެ ވަސީލަތްތަކާއެކު އޭޑީކޭގައި ގޭސްޓްރޯއެންޓްރޮލޮޖީ ޑިޕާޓްމެންޓުގެ މަސައްކަތް ފުޅާކޮށްފި އެވެ. އޭޑީކޭގައި މި ޑިޕާޓްމެންޓް އެންމެ ފުރަތަމަ ގާއިމްކޮށްފައިވަނީ 2017 ވަނަ އަހަރު އެވެ.

މި ޑިޕާޓްމެންޓުގެ ކޮންސަލްޓިން ޑޮކްޓަރު، ޑރ. މުކޭޝް "އަދަދު"އަށް ވިދާޅުވި ގޮތުގައި ރާއްޖޭގައި އެންމެ ބޮޑަށް ފާހަގަކުރެވެނީ ބަނޑުގައި ގޭސް އުފެދިގެން އެކި އުމުރުފުރާތަކުގެ ކުދިން ޑޮކްޓަރަށް ދައްކަން އަންނަ ކަމެވެ.

"ރިފްލަކްސް ޑިޒީސް އާއި ގޭސްޓްރައިޓިސްއަކީ ރާއްޖޭގެ ގިނަ ބަޔަކު ތަހަންމަލް ކުރަމުންދާ ބައްޔެއް. ހީވެސްނުކުރެވޭހާ ގިނަ އަދަދެއްގެ ޒުވާނުންނާއި ކުޑަކުދިން ވެސް މި ބަލި ތަހަންމަލް ކުރަމުންދޭ." ޑރ. މުކޭޝް ވިދާޅުވި އެވެ.

"ހަގީގަތުގައި މި ބަލިތައް މުޖްތަމައުގައި މިހާ އާންމުވެފައިވަނީ މީހުންގެ ލައިފްސްޓައިލް ހުންނަ ގޮތުން. އަޅުގަނޑަށް ފާހަގަކުރެވުނު ދިވެހިންނަކީ ދުންފަތަށާއި، ކޮފީއަށް ނުހަނު ލޯބިކުރާ ބައެއްކަން." މި ބަލިތައް ރާއްޖޭގައި މިހާ އާންމުވެފައިވަނީ ކީއްވެތޯ ސުވާލުކުރުމުން ޑރ. މުކެޝް ކިޔައިދެއްވި އެވެ.

ރާއްޖޭން އެންމެ ގިނައިން ފެންނަ ބަލިތައް:

ރާއްޖޭން އެންމެ ގިނައިން ފެންނަ އެއް ބަލި ކަމަށް ޑރ. މުކޭޝް ވިދާޅުވީ ރިފްލަކްސް ޑިޒީސް ނުވަތަ ކާއެއްޗެހި މަތިން އެރުމާއި މޭ އެންދުމެވެ. ބައެއް ފަހަރު މާ ސީރިއަސް ކަމެއްގެ ގޮތުގައި މިކަން ގިނަ މީހުން ނުދެކެ އެވެ.

ނަމަވެސް, މިކަމަށް ފަރުވާ ނުދެވި ގިނަ ދުވަހު ދިގުދެމިގެންދާ ނަމަ ނިދުމުގެ އާދައަށް ބުރޫ އަރައި، ގިނަގިނައިން ކެއްސުމަށް މަގުފަހިވުމުގެ އިތުރުން ނޭވާ ހިއްލުމުގެ ބަލި ޖެހުމަށް ނުވަތަ މި ބަލި ހުންނަ މީހުންގެ މި ބަލި އިތުރަށް ގޯސްވުމަށް ވެސް މަގުފަހިވެގެންދެ އެވެ.

"ދިވެހިންގެ ތެރެއިން ބައެއް މީހުންނަކީ ވަރަށް ކުޅިކޮށް ކެއުމަށް ލޯބިކުރާ ބައެއް. މާގިނައިން ކުޅި އެއްޗެހި ކަމުން ގެންދާނަމަ މިފަދަ މައްސަލަތައް ކުރިމަތިވުން އެކަށިގެންވޭ," ޑރ. މުކޭޝް ވިދާޅުވި އެވެ.

ޑރ. މުކޭޝް ވިދާޅުވި ގޮތުގައި ދެން އެންމެ ގިނައިން ފާހަގަ ކުރެވޭ ބައްޔަކީ ގެސްޓްރައިޓިސް ނުވަތަ ދިވެހިން ކިޔައި އުޅޭ ގޮތުން ނަމަ ބަނޑުގައި ވައި އުފެދުމެވެ.

ގޭސްޓްރައިޓިސްއަކީ ކުދިބޮޑު އެންމެންގެ ތެރޭގައިވެސް އާންމު ބައްޔެކެވެ. މިއީ ހަމަ ވަރަށް ކުއްލި ގޮތަކަށް ދިމާވެފައި އަމިއްލައަށް ބައެއް ފަހަރު ރަނގަޅު ވެސް ވާ ބައްޔެކެވެ.

މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ބަނޑުގައި ރިހުމާއި މޭނުބައިކުރުމާއި ހޮޑުލެވުން ހިމެނެ އެވެ. މި ބަލި ޖެހެނީ ބަނޑުގެ އެތެރޭގައިވާ ފަށަލަ ހަލާކުވާން ފެށުމުންނެވެ.

"ބެކްޓީރިއަލް އިންފެކްޝަންއެއްގެ ސަބަބުން ނޫނީ ކެވޭ ތަކެތީގެ ސަބަބުން މި ބަލި ޖެހުން އެކަށީގެންވޭ." ޑރ. މުކޭޝް ވިދާޅުވި އެވެ.

ހަމައެއާއެކު ދިވެހިންގެ ތެރޭގައި އޮންނަ ދޯދިޔާ ސަގާފަތަކަށް ޑޮކްޓަރު އަލިއަޅުވާލެއްވި އެވެ.

"ދިވެހިން އާންމުކޮށް ކޮށްއުޅޭ ކަމެއް އެއީ ބަނޑުގައި ރިއްސުން ފަދަ ކަމެއް ދިމާވުމުން ޑޮކްޓަރަށް ނުދައްކާ އެންމެ ކައިރީގަ ހުންނަ ފާމަސީއަކަށް ވަދެލާ ކޮންމެވެސް ވައްތަރެއްގެ ބޭހެއް ގަނެގެން ކެއުމަކީ. ހަގީގަތުގައި މިގޮތަށް ގަނެގެން ކާ ބޭސްތަކާއި ޕެއިންކިލާޒްތަކުގެ ސަބަބުން ގޭސްޓްރައިޓިސްއަށް މަގުފަހިވުން އެކަށީގެންވޭ. މިއީ ދިވެހިން ވިސްނާލުން މުހިންމު ކަމެއް." ޑރ. މުކޭޝް ވަރަށް ކަންބޮޑޫވުމާއެކު ފާހަގަ ކުރެއްވި އެވެ.

ހަޖަމްކުރުމުގެ ނިޒާމަށް ޖެހޭ އެހެނިހެން ބަލިތަކުގެ ތެރޭގައި ކްރޮނިކް ލިވާ ޑިސީސް އާއި އެކިއުޓް ޕެންކްރިއެޓައިޓިސް ފަދަ ބަލިތައް ވެސް ހިމެނެ އެވެ.

އޭޑީކޭއިން ލިބެން ހުންނަ ފަރުވާ

އޭޑިކޭގައި ގާއިމްކޮށްފައިވާ ގޭސްޓްރޯއެންޓްރޮލޮޖީ ޑިޕާޓްމެންޓުން ވަނީ ހަޖަމް ކުރުމުގެ ނިޒާމަށް ދިމާވާ ތަފާތު ބަލިތަކަށް ފަރުވާ ދިނުމަށް ބޭނުންވާ އެންމެ ފަހުގެ ވަސީލަތްތަކާއި ބޭސްތައް އަތްފޯރާފަށަށް ގެނަސްދީ ފެންވަރު ރަނގަޅު ހިދުމަތް ބަލިމީހުންނަށް ފޯރުކޮށްދެވޭނެ އިންތިޒާމް ފަހިކޮށްދީފަ އެވެ.

މިގޮތުން ހޮސްޕިޓަލުން ދެމުން ގެންދާ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އެންޑޯސްކޮޕީ އާއި ކޮލޮނޮސްކޮޕީގެ ހިދުމަތްވެސް މިހާރު އެ ހޮސްޕިޓަލުން ދެމުން ގެންދާ ކަމަށް އޭޑީކޭއިން މައުލޫމާތު ދިނެވެ. މީގެ އިތުރުން އެތެރެހަށީގެ ގުނަވަނަކުން ލޭ އަތުވުން ފަދަ ކަމެއް ދިމާވެއްޖެ ނަމަ އެފަދަ ހާލަތްތަކުގައި ބޭނުންކުރާ ވަސީލަތްތަކާއި، އިންޖެކްޝަންތަކާއި، ބެލޫން ބޭގް ފަދަ އިކުއިޕްމެންޓްވެސް ހޮސްޕިޓަލުގައި ހުރެ އެވެ.

މިފަދަ ބަލިތަކަށް ފަރުވާ ދިނުމަށް ހާއްސަ ޑޮކްޓަރު، ޑރ. މުކޭޝްގެ އާދޭހަކީ ދުވާލަކު އެންމެ މަދުވެގެން ދެއެއް ނުވަތަ ތިން ލީޓަރުގެ ފެން ކޮންމެ މީހަކުވެސް ބުއިމަށް އާދަކުރުމެވެ. އަދި އެވަކާޑޯ، ބްރޮކޮލީ އާއި އެލްމަންޑްސް ފަދަ ފައިބަރ ގިނައިން އެކުލެވޭ ތަރުކާރީ އާއި މޭވާގެ ބާވަތްތައް ކެއުމެވެ.

ހަޖަމްކުރުމުގެ ނިޒާމަށް ދިމާވާ ބަލިތައް އާންމު ގޮތެއްގައި ރަނގަޅު ސިއްހީ ފަރުވާގެ ހިދުމަތް ފޯރުކޮށްދެވިއްޖެ ނަމަ ފަސޭހައިން ރަނގަޅުވެ އެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި ހޮސްޕިޓަލުން ލިބެން ހުންނަ ފަރުވާތަކުގެ ފެންވަރު ރަނގަޅު ކުރުމަށާއި ބޭސްފަރުވާގެ އާ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އޭޑީކޭ ހޮސްޕިޓަލުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.

ގޭސްޓްރޯއެންޓްރޮލޮޖީ ޑިޕާޓްމެންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ އިތުރުން ރޫމަޓޮލޮޖީ ޑިޕާޓްމެންޓެއް އަލަށް ހުޅުވާލުމާއެކު ރާއްޖޭން ފަސޭހައިން ލިބެން ނެތް އެހެނިހެން ހިދުމަތްތައް ވެސް މިހާރު އެ ހޮސްޕިޓަލުން ލިބެން އެބަހުއްޓެވެ.

އޭޑީކޭއަކީ ރާއްޖޭގެ ގިނަ ރައްޔަތުންތަކެއްގެ އިތުބާރާ ޔަގީންކަން ހޯދާފައިވާ އެންމެ ގިނަދުވަސްވީ ޕްރައިވެޓް ހޮސްޕިޓަލެވެ.