1 ފެބުރުވަރީ 2022 - 20:24 0
1 ފެބުރުވަރީ 2022 - 20:24 0
އަކްރާ، ގާނާ (ފެބްރުއަރީ 1) - އިނގިރޭސި އުމުރުފުރާ ގައުމީ ޓީމަށް ކުޅެފައިވާ ގާނާ އަށް ނިސްބަތްވާ ބައެއް ކުޅުންތެރިން ގާނާގެ ގައުމީ ޓީމަށް ކުޅުވަން އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މި ފަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން)ގެ ނާކާމިޔާބީއާ އެކު ގާނާގެ ފުޓްބޯޅަ ޓީމަށް ގެންނަ ބަދަލުތަކުގެ ތެރެއިން މިހާރު ވަނީ އާ ކޯޗެއް ގެންނަން ނިންމައިފަ އެވެ. ގާނާގެ ފުޓްބޯޅަ ހަބަރު ގެނެސްދޭ ނޫހެއް ކަމަށްވާ ގާނާސޮކަނެޓުން ރިޕޯޓްކޮށްފައިވާ ގޮތުން ދެން ގާނާ ޓީމާ ހަވާލުވާނީ އިނގިރޭސި ޕްރިމިއާ ލީގުގެ ނިއުކާސަލް ޔުނައިޓެޑާއި ބްރައިޓަން ހޯލްވް އެންޑް އަލްބިއަން އަށް ކޯޗުކޮށްދީފައިވާ ކްރިސް ހިއުޓަން އެވެ.
ރިޕޯޓްތައް ބުނާގޮތުން ރަސްމީކޮށް ގާނާގެ ކޯޗުކަމާ ހަވާލުވުމުގެ ކުރިން ވެސް ހިއުޓަން އަންނަނީ ގާނާ ފުޓްބޯޅަ އެސޯސިއޭޝަނާ އެކު މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެއިން އެންމެ ބޮޑު ކަަމަކީ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅެމުން އަންނަ ގާނާ ގައުމީ ޓީމަށް ކުޅެވޭނެ ކުޅުންތެރިން ރަސްމީކޮށް އެ ގައުމު ތަމްސީލްކުރާ ގޮތަށް ހެދުމުގެ މަަސައްކަތެވެ.
އެ ގޮތުން ޗެލްސީގެ ވިންގް ކަލުމް ހަޑްސަން-އޮޑޯއި އާއި ބްރައިޓަންގެ ފުލްބެކް ތޯރިގު ލަމްޕްޓޭ އަކީ ގާނާ އަށް ނިސްބަތްވާ ދެ ކުޅުންތެރިންނެވެ. އެކަމަކު، އެ ދެ ކުޅުންތެރިން ވަނީ އުމުރުފުރާ ލެވަލްގައި އިނގިރޭސި ގައުމީ ޓީމަށް ކުޅެފަ އެވެ. އިންގްލެންޑްގެ ސީނިއާ ގައުމީ ޓީމުން ގަވާއިދުން ޖާގަ ހޯދުމުގެ ދަތިތަަކެއް ކުރިމަތިވާތީ ގިނަ ކުޅުންތެރިން އަންނަނީ ބައިނަލްއަގުވާމީ ލެވަލްގައި އާއިލީ ގޮތުން ގުޅުން އޮންނަ އެހެން ގައުމުތަކަށް ކުޅެން ނިންމަމުންނެވެ.
ލަމްޕްޓޭ އާއި ހަޑްސަން އޮޑޯއި އަށް ގާނާ ފުޓްބޯޅަ އެސޯސިއޭޝަން އާއި ހިއުޓަންގެ ފަރާތުން ވަނީ ގާނާ ގައުމީ ޓީމަށް ކުޅެން ޕްރޮޕޯސަލެއް ލިބިފަ އެވެ. މި ދެ ކުޅުންތެރިންގެ އިތުރުން ސައުތުހެމްޓަނަށް ކުޅެމުން އަންނަ ޑިފެންޑަރު މުހައްމަދު ސަލީސޫ ލައްވައި ވެސް އަވަހަށް ގާނާ ގައުމީ ޓީމަށް ކުޅެވޭތޯ އަންނަނީ މަސައްކަތްކުރަމުންނެވެ. ގާނާ ފުޓްބޯޅަ އެސޯސިއޭޝަނުން މި ކުޅުންތެރިންގެ އާއިލާއާ ބައްދަލުކުރަމުން އަންނަ ކަމަށް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
އިންގްލެންޑް ގައުމީ ޓީމުން ފުރުސަތު ނުލިބޭތީ ބައިނަލްއަގުވާމީ ލެވަލްގައި އެހެން ގައުމީ ޓީމުތަކަށް ކުޅެން ނިންމި ކުޅުންތެރިންނަށް ބަލާއިރު، ކްރިސްޓަލް ޕެލަސްގެ ވިލްފްރިއެޑް ޒަހާ ވަނީ އައިވަރީ ކޯސްޓަށް ކުޅެން ނިންމައިފަ އެވެ. އެސްޓަން ވިލާގެ މެޓީ ކޭޝް ދާދި ފަހުން ޕޮލެންޑަށް ކުޅެން ނިންމިއިރު، ލިވަޕޫލާއި ޓޮޓެންހަމަށް ކުރިން ކުޅުނު ސްޓީވް ކޯލްކާ ވަނީ ސިއެރަ ލިއޯނަށް ކުޅެން ނިންމައި، މި ފަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ކުޅެފަ އެވެ.
ގޮތެއް ނުނިންމި ހުރި ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑްގެ ކަނާތު ބެކް، އާރޮން ވަން ބިސާކާ ހިމެނެ އެވެ. އިންގްލެންޑްގައި އޭނާ ކުޅޭ މަގާމަށް ގިނަ ކުޅުންތެރިންތަކެއް ތިބުމުން ވަން ބިސާކާ އަންނަނީ ކޮންގޯ ގައުމީ ޓީމަށް ކުޅެން ލިބިފައިވާ ހުށަހެޅުމާ މެދު ވިސްނަމުންނެވެ.
Comment