Advertisement

ހއ. އަތޮޅު ޓޫރިޒަމަށް ބްރޭންޑްކޮށްފި

30 ޖަނަވަރީ 2022 - 13:23 0

އަހުމަދު ސައީދު

އަހުމަދު ސައީދު

އެކްސްޕްލޯ ހއ. ދިއްދޫ މޯލްޑިވްސް ލޯގޯ ކައިރީ ބަޔަކު ފޮޓޯ އަކަށް ހުއްޓިލައިގެން-- ފޮޓޯ/ އޯކާ މީޑިޔާ ގްރޫޕް


ހއ. އަތޮޅު ޓޫރިޒަމަށް ބްރޭންޑްކޮށްފި

30 ޖަނަވަރީ 2022 - 13:23 0

ހއ. އަތޮޅުގެ ރަށްތައް ޓޫރިޒަމަށް ހުޅުވާލުމަށް "އެކްސްޕްލޯ ހާ އަލިފު" ގެ ނަމުގައި އެ އަތޮޅުގެ ޓޫރިޒަމް ބްރޭންޑްކޮށްފި އެެވެ.

ހއ. އަތޮޅު ކައުންސިލުން ބުނި ގޮތުގައި އަތޮޅުގެ ރަށްތައް ޓޫރިޒަމް އަށް ބްރޭންޑް ކޮށްދިނީ ރާއްޖޭގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ "އޯކާ މީޑިޔާ ގްރޫޕުން" ހިލޭ ސާބަހަށް ކޮށްދިން ކަމެއްގެ ގޮތުގަ އެވެ. އެކުންފުނީގެ ފަރާތުން ވަނީ ޓޫރިޒަމާ ގުޅޭ ކަންކަމުގަ ބޭނުންކުރާނެ ލޯގޯ އެެއް ހއ. އަތޮޅަށް ހަދައިދީ އަދި ލޯގޯ ޖެހި ޓީޝާޓާއި ތޮތްޕާއި ފޮތި ކޮތަޅު ތައާފަރުކޮށްފަ އެެވެ.

އެކްސްޕްލޯ ހއ. ގެ ބައެއް ރަށްރަށުގެ ލޯގޯތައް-- ފޮޓޯ/ އޯކާ މީޑިޔާ ގްރޫޕް


ރާއްޖޭގެ އެންމެ އުތުރު، ހއ. އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށް އޮންނައިރު ކޮންމެ ރަށަކުން ވެސް ޓޫރިޒަމް އިސްތިހާރު ކުރާނީ އެކްސްޕްލޯ ހާ އަލިފު ގެ ފަހަތަށް އެރަށެއްގެ ނަން އަންނަ ގޮތަށެެވެ.

"ސީއެސްއާރުގެ ދަށުން އޯކާ މީޑިޔާ ގްރޫޕުން މިކަން މި ކޮށްދިނީ، އަތޮޅު އިޝްތިހާރު ކުރުމުގައި އެ ކުންފުނިން އެހީތެރިވެދޭނެ،" ހއ. އަތޮޅު ކައުންސިލުގެ ރައީސް މޫސާ ޝަފީގު ވިދާޅުވި އެވެ.

ހއ. އަތޮޅުގެ އަމާޒަކީ 1000 އެނދު ޓޫރިޒަމަށް ނެރުން

ލޯކަލް ޓޫރިޒަމާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ޓޫރިޒަމް މިނިސްޓްރީގެ "ޓޫރިޒަމް ޑައިވާސިފިކޭޝަން އެންޑު ލޯކަލައިޒޭޝަން" ޓީމުން މިދިޔަ އަހަރު ތެރޭގައި ވަނީ ހއ. އަތޮޅުގެ އަށް ރަށަކަށް ދަތުރުކޮށްފަ އެވެ. ބާކީ ހުރި ރަށްރަށަށް ފެބްރުއަރީ މަހުގެ ތެރޭގައި ދާން ވަނީ ހަމަޖައްސައިފަ އެވެ.

ހިތްގައިމު ދެ ރަށް ކަމަށްވާ ހއ. ކެލާ އާއި ވަށަފަރުގައި މިހާރު ވެސް ގެސްޓް ހައުސް ހިންގަމުން ގެންދެ އެވެ.

"އަޅުގަނޑުމެންގެ ޓާގެޓަކީ މި އަހަރުގެ ތެރޭގައި ޖުމްލަ 1000 އެނދު މި އަތޮޅުން ޓޫރިޒަމަށް ތައާރަފު ކުރުން، އެކަން ވަރަށް ބާރަށް ހިނގަމުން އެބަދޭ،" އަތޮޅު ކައުންސިލުގެ ރައީސް މޫސަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަތޮޅުގެ ރަށްރަށަށް ހޯމް ސްޓޭގެ ލައިސަންސް ހޯދުމަށްޓަކައި ހޯމްސްޓޭ ގަވާއިދަށް އަހުލުވެރިވެ، ފުރިހަމަ ކުރަން ޖެހޭ މަސައްކަތްތައް، އަތޮޅު ކައުންސިލާއި ރަށް ރަށުގެ ކައުންސިލުތަކާއި އެކު ޓޫރިޒަމް މިނިސްޓްރީ އާ ގުޅިގެން ކުރިއަށް ދެ އެވެ.

"ގެސްޓު ހައުސް އެއް އަޅަން މިލިއަނުން ހަރަދުވާނެ، ހޯމް ސްޓޭ އާއެކު ވަރަށް ބޮޑު ފަސޭހައެއް ވެގެން މިދިޔައީ، ގާތްގަނޑަކަށް 35،000ރ. އާއި 50،000ރ. ހަރަދުކޮށްގެން ހޯމް ސްޓޭ އަށް ހުޅުވާލެވިދާނެ،" މޫސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަތޮޅުގައި ޓޫރިޒަމް ފުޅާ ކުރުމަށް ކެލާ އާއި ވަށަފަރުގަ ގެސްޓް ހައުސް ހިންގާ ފަރާތްތަކުގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ ކަމަށެެވެ. ގާތްގަނޑަށް 24،000 މީހުން ދިރިއުޅޭ އަތޮޅުގެ ވަރަށް ގިނަ ފަރާތްތަކުން ޓޫރިޒަމް ފަށަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.