Advertisement

އޮމިކްރޯން އަށް ހާއްސަ ފައިޒާގެ ކޮވިޑް ވެކްސިންގެ ތަހުލީލު ފަށައިފި

26 ޖަނަވަރީ 2022 - 06:59 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ފައިޒާގެ ކޮވިޑް ވެކްސިނަށް ހުޅަނގުގެ ގައުމުތަކުން ހުއްދަ ދިނީ ޑިސެމްބަރު 2020 ވަނަ އަހަރު. -- ފޮޓޯ: އޭއެފްޕީ


އޮމިކްރޯން އަށް ހާއްސަ ފައިޒާގެ ކޮވިޑް ވެކްސިންގެ ތަހުލީލު ފަށައިފި

26 ޖަނަވަރީ 2022 - 06:59 0

ވޮޝިންޓަން، އެމެރިކާ (ޖެނުއަރީ 25) - ކޮވިޑް ފަތުރާ ވައިރަހުގެ އޮމިކްރޯން ވޭރިއެންޓަށް ހާއްސަކޮށް ފައިޒާ އާއި ބަޔޯއެންޓެކުން އުފެއްދި ވެކްސިންގެ ކްލިނިކަލް ތަހުލީލު ފަށައިފި އެވެ.

ފައިޒާގެ ސީއީއޯ އެލްބާޓް ބޫރްލާ ކުރިން ވިދާޅުވީ އެ ވެކްސިން އާއްމުންނަށް ދިނުމުގެ ހުއްދަ މާޗް މަހުގެ ތެރޭގައި ލިބޭނެ ކަމަށެވެ.

ކުންފުނީގެ ވެކްސިން ރިސާޗްގެ ވެރިޔާ ކެތްރިން ޖެންސެން ނެރުނު ބަޔާނެއްގައި ވިދާޅުވީ މިހާރު ހުރި ވެކްސިންތަކުގެ ބޫސްޓާ ޝޮޓް ދީގެން އޮމިކްރޯންއާ ދެކޮޅަށް ރަނގަޅު ރައްކާތެރިކަމެއް ލިބުނު ނަމަވެސް، އެ ވޭރިއެންޓަށް ހާއްސަ ވެކްސިނެއް އުފެއްދީ ތައްޔާރުވެގެން ތިބުމަށް ކަމަށެވެ.

"ބޫސްޓާ ޝޮޓުން ލިބޭ ރައްކާތެރިކަން ކުޑަވާން ފަށާ ހިސާބަށް ދިޔުމުގެ ކުރިން އަދި މުސްތަގްބަލުގައި އޮމިކްރޯން އާއި އެހެން ވޭރިއެންޓްތަކާ ކުރިމަތިލުމަށް ތައްޔާރުވެގެން ތިބުމުގެ މުހިއްމުކަން އަޅުގަނޑުމެންނަށް ވިސްނޭ."

ޖަރުމަނުވިލާތުގެ ބަޔޯއެންޓެކް ކުންފުނީގެ ސީއީއޯ އުގުރް ސަހިން ވިދާޅުވީ އޮރިޖިނަލް ވެކްސިނުން އޮމިކްރޯންއާ ދެކޮޅަށް ލިބޭ ރައްކާތެރިކަން މާ އަވަހަށް ނެތިގެންދާކަން އެނގެން އެބަ އޮތް ކަމަށެވެ.

ތަހުލީލުގައި ބައިވެރިވާނީ އުމުރުން 18 އަހަރާއި 55 އަހަރާ ދެމެދުގެ 1،420 މީހުންނެވެ.

ފައިޒާގެ ތަރުޖަމާނަކު ވިދާޅުވީ އުމުރުން 55 އަހަރުން މަތީގެ މީހުން ނުހިމެނީ ތަހުލީލުގެ މަގްސަދަކީ ވެކްސިންގެ "އެފިކަސީ" ދެނެގަތުމަށް ވުރެ، ޑޯޒެއް ދިނުމުން ހަށިގަނޑުގެ ދިފާއީ ނިޒާމް މަސައްކަތް ކުރާ ގޮތް ބެލުން ކަމުގައި ވާތީ އެވެ.

ތަހުލީލު ކުރިއަށް ދަނީ އެމެރިކާ އާއި ދެކުނު އެފްރިކާގަ އެވެ. އެންމެ ފުރަތަމަ ބައިވެރިއަކަށް ޑޯޒެއް ދިނީ ނޯތު ކެރޮލައިނާގަ އެވެ.

ތަހުލީލުގެ ބައިވެރިން ބަހާފައިވަނީ ތިން ގްރޫޕަކަށެވެ.

ފުރަތަމަ ގްރޫޕުގައި ހިމެނެނީ ފައިޒާ-ބަޔޯއެންޓެކްގެ ކޮވިޑް ވެކްސިންގެ ދެ ޑޯޒް 90-180 ދުވަސް ކުރިން ޖަހާފައިވާ މީހުންނެވެ. އެ މީހުންނަށް ދޭނީ އޮމިކްރޯން ވެކްސިންގެ 1-2 ޑޯޒެވެ.

ދެ ވަނަ ގްރޫޕުގައި ހިމެނެނީ ފައިޒާ-ބަޔޯއެންޓެކްގެ ކޮވިޑް ވެކްސިން ތިން ޑޯޒް 90-180 ދުވަސް ކުރިން ޖަހާފައިވާ މީހުންނެވެ. އެ މީހުންނަށް ދޭނީ އޮރިޖިނަލް ވެކްސިންގެ އިތުރު ޑޯޒެއް ނުވަތަ އޮމިކްރޯނަށް ހާއްސަ ވެކްސިންގެ ޑޯޒެކެވެ.

ތިން ވަނަ ގްރޫޕްގައި ހިމެނެނީ މީގެ ކުރިން ކޮވިޑް ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ މީހުންނެވެ. އެ މީހުންނަށް ދޭނީ އޮމިކްރޯނަށް ހާއްސަ ވެކްސިންގެ ތިން ޑޯޒެވެ.

ހުޅަނގުގެ ގައުމުތަކުން ކޮވިޑާ ދެކޮޅަށް އެންމެ ފުރަތަމަ ބޭނުން ކުރަން ފެށީ ފައިޒާ-ބަޔޯއެންޓެކްގެ ވެކްސިނެވެ. އެ ވެކްސިނަށް ހުއްދަ ލިބުނީ ޑިސެމްބަރު 2020 ވަނަ އަހަރު އެވެ.

ޑިސެމްބަރު 2019 ވަނަ އަހަރު ކޮވިޑް ފެތުރެން ފެށި ފަހުން މިހާތަނަށް މުޅި ދުނިޔެއިން އެ ބަލީގައި 5.6 މިިިލިއަން މީހުން މަރުވެއްޖެ އެވެ.