(ފުރަތަމަ ބައި)
ވީކަމެއް ވެ ނިމުނީ އެވެ. އެކަމާ އަހަރެންގެ އެއްވެސް ޝަކުވާއެއް ނެތެވެ. އެއްވެސް ދެބަސް ވުމެއް ނެތެވެ. މައްސަލައެއް ނެތެވެ. އެއީ އަހަންނަށް މިންވަރު ކުރެއްވި ގޮތްކަމުގައި އަހަރެން ނިންމީމެވެ. ފައިޒާން ވެސް އެގޮތަށް ގަބޫލުވި އެވެ. އަހަރުމެންނަށް ހުރި ގޮތް ކަމަށް ނިންމީމެވެ. މި ހުރިހާ ކަމެއް މެދުވެރިމިވީ އަހަރުމެންގެ ސަބަބުންނެވެ. އަހަރުމެންގެ އިހުމާލުންނެވެ. ދުނިޔަވީ އެދުމަށް އިސްކަން ދެވުމުންނެވެ. ދުނިޔޭގެ ދަޅަތަކަށް ގެއްލިގެން ފަހުން ނުކުމެދާނެ ނަތީޖާއަކަށް ނުވިސްނީމަ އެވެ. އެކަން ނޭނގުނީމަ އެވެ. އަހަރެންގެ ހަޔާތުގެ ފަރުދާވެވިފައިވާ މި ވާހަކަތައް ހާމަކޮށްލަން މި ޖެހުނީ އެހެން ވީމަ އެވެ. މީހުންނަށް ވިސްނައިދޭން ޖެހޭތީ އެވެ. ދުނިޔެއަށް ޓަކައި ހެދޭ ކޮންމެ ގޯހެއްގެ ހިތި ރަހަ އަރުބުޑުގައި ލާނެކަން ވިސްނައިދޭން ބޭނުންވާތީ އެވެ.
އާއެކެވެ. އަހަރުމެން ކިޔަވާން މެލޭޝިޔާއަށް ފުރީ ބޮޑެތި ނިންމުން ތަކެއް ނިންމައިގެންނެވެ. އެއްބަސްވުންތަކެއް ހަދައިގެންނެވެ. ނުކުރާނެ ކަންތައްތަކެއް ކަނޑައަޅައިގެންނެވެ. ފުރުމުގެ ދެ ދުވަސް ކުރީން ކައިވެނީގެ ކަންކަން ނިންމައިލީ ވެސް އާދައިގެ ގޮތަކަށެވެ. އަލަތު ކާވެންޏަކަސް އެއްވެސް ޚާއްޞަކަމެއް ނެތި އެވެ. ކޯޓަށް ގޮސް ކައިވެނީގެ މަޖިލީހުގައި ބައިވެރިވުން ފިޔަވާ އެއްވެސް ޚާއްޞަކަމެއް އެ ދުވަހަކު ނެތެވެ. އެ ރެޔަކު ވެސް ނެތެވެ. އަލަށް ކުރެވުނު ކަމަކީ އަހަރުމެންގެ ގުޅުން ރަސްމީ ކުރެވުމެވެ. ކޯޓުގައި ދަފުތަރު ކުރެވުމެވެ. އެކަން ކުރީ ވެސް މައިންބަފައިން ބޮލަށް އުނދަގޫ ކުރާން ފެށީމަ އެވެ.
މި ބުނަނީ އަހަރުމެން ލޯބި ނުވާ ވާހަކައެއް ނޫނެވެ. ކައިވެނި ކުރާން ބޭނުން ނުވާ ވާހަކައެއް ވެސް ނޫނެވެ. ކައިވެނީގެ ވަލީމާއެއް ނެތް ވާހަކަ އެވެ. ޚާއްޞަ ކަމެއް ނެތް ވާހަކަ އެވެ. ކައިވެނި ނުކުރާއިރު ވެސް ފައިޒާން އުޅެނީ އަހަރުމެން ގޭގަ އެވެ. އަހަރެންގެ ކޮޓަރީގަ އެވެ. އެއީ އަހަރުމެން ބޭނުންވި ގޮތެވެ. ފުރަތަމަ ދުވަސްކޮޅު މަންމަމެންނަށް އެ މަންޒަރު ބަލަން އުނދަގޫވި އެވެ. އެ ވާހަކަ ދައްކަން ވެސް ދެއްކި އެވެ. އަހަރެންގެ ދިފާއުގައި ކޮންމެ ފަހަރަކު ނުކުންނަނީ ދޮންތަ އެވެ. ދޮންތައަކީ އަހަންނަށް ވުރެ އެއް އަހަރު ދޮށީ އަހަރެންގެ ހުރި ހަމައެކަނި ދައްތަ އެވެ. އާއިލާގައި ތިބީ އަހަރުމެން ދެބެއިންނެވެ.
"ހަނާއްކޮއަށް ވެސް އެނގޭނެ، ދޮންތަމެން ވެސް މެރީ ކުރުމުގެ ކުރީން، އެއްކޮށް އުޅެން ފަށައިފިކަން. މެރީ ކުރީ އެކުގައި އުޅޭތާ ވަން މަންތު ފަހުން،" ދޮންތަގެ އެ ޖުމުލަ އަހަރެންގެ ކަންފަތުގައި ހަރުލާ ހުރެ އެވެ. "އަސްލު އެގޮތަށް އުޅުނީމަ އެނގެނީ ދެމީހުން. އޭރުން މެރީކުރާން ވުމުގެ ކުރިން ވަރަށް ބޮޑަށް ދެމީހުން ދަސްވޭ."

"އެކަމަކު މަންމަމެން ވަރަށް ކުދި ކިޔެއްނު. ރުޅިން ވެސް ތިއްބެއްނު." އަހަންނަށް ވިސްނުނީ އެހެން ދިމާއަކަށެވެ.
"މަންމަމެން ވަކި އެ ޒަމާނުގައި ސަހަލުތަ؟ އުމުރުން ބާރަ އަހަރުވާއިރު ތިބެނީ މީހުންނާ އިނދެލައިފަ. އަދި އެވަރުން ނިމެނީއެއް ނޫނެއްނު. ކޮންމެ އަންހެން ކުއްޖަކު ވެސް އުމުރުން ވިއްސަށް އަޅަންވާއިރަށް ދެތިން މީހުންނާ އިނދެލާނެ." ދޮންތަގެ ތުންފަތުގައި ލާނެތް ހިނިތުންވުމެއް ކުރަހައިލި އެވެ.
"އާން ދޯ. ޒަމާނާއެކު އަހަރުމެން ވެސް ޖެހޭނެ ޗޭންޖުވާން. މި ދިވެހިންގެ މިހުންނަ ވައްޓަފާޅިއަކުން މަ ވެސް ވަރަށް ނައްޓާ. އަބަދުވެސް ކިޔާނީ ބޭރުމީހުންނޭ މޮޅީ. އެކަމަކު އެމީހުންގެ ސްޓައިލުގައި އުޅެލާކަށް ނުކެރޭނެ." އަހަންނަށް ވެސް ވިސްނެނީ ދޮންތަގެ ސިކުނޑިންނެވެ.
"ކޮބާ މައްސަލައެއް؟ އަހަރުމެން އެގޮތަށް އުޅުނީމަ ކިހާ ފަސޭހަ މިހާރު،" ދޮންތަ ހިފައިލީ އަހަރެންގެ ކޮލުގަ އެވެ. "ދެން މަންމަމެންނަށް މި ކަހަލަ ޒަމާނީ ގޮތްތައް ވަނީ ޓެބޫއަށް ދޯ. ލަދުކަމަކަށް. އަހަރުމެންނަށް ނޯވެ ސިޓިން ރޫމުގަ ނޫނީ ބެލްކަނީގައި ވެސް ލޯބިން އުޅެލެވެން ވެސް. އެ މައްސަލައެއް ނޫނެއްނު ދޯ."
"އާނ އަސްލު ގޭގައި އުޅެވެންވާނެ ދޯ އެހެން. ބޭރުގަތާ އެހެން މީހުން ބަލާނީ." ދޮންތަގެ ހުރިހާ ވާހަކައަކަށް އަހަންނަށް އެއްބަސް ވެވެމުން ދިޔަ އެވެ.
މަންމަމެން ކިތައްމެ ނުގަބޫލަސް އަހަރެން ވެސް ހިނގީ ދޮންތަގެ ފިޔަވަޅު މަތިންނެވެ. އެހެންވެ މަންމަމެން ތިބީ އަހަރުމެން މަތީން ފޫހިވެފަ އެވެ. އަހަރުމެންގެ ވިސްނުމާ މަންމަމެންގެ ވިސްނުމާ ތަފާތު ވާތީ އެވެ. މަންމަމެންގެ ޤަބޫލުކުރުމާ އަހަރުމެންގެ ގަބޫލުކުރުމާ ތަފާތު ވީމަ އެވެ.
"މަންމާ! ކޮބައިތަ މައްސަލައަކީ؟ ދޮންތައާއި ދޮންތަބެއާ އެގޮތަށް ގާތްކޮށް ލޯބިކޮށް އުޅުމަކީ މައްސަލައެއް ނޫނޭ. އަހަންނަށް ފައިޒާން ވެސް. އަހަރުމެންނަކީ އިންނަން އުޅޭ މީހުންނެއް ނޫންތަ؟" މަންމަގެ ޝަކުވާތަކަށް އަހަންނަށް ދެވެނީ އެއް ޖަވާބެކެވެ.
ބަދަލުގައި މަންމަ ވެސް ދައްކަނީ އެއް ވާހަކައެކެވެ. ކިޔަނީ އެއް ލަވައެކެވެ. އަބަދުވެސް އެކައްޗެކެވެ.
"ދަރިފުޅާ ހަނާ. މީހަކު އުޅޭހާ ގޮތަކަށް އަހަރުމެން އުޅޭކަށް ނުޖެހޭނެ. މީހަކު ކުރާހާ ކަމެއް ކުރާކަށް ވެސް ނުޖެހޭނެ. އަހަރުމެންނަކީ މުސްލިމުން. އަހަރުމެންގެ ދީނަކީ އިސްލާމްދީން. ދީނުގައި ކައިވެނީގެ ގުޅުން އޮންނަނީ ވަރަށް މަތިވެރި ހިކުމަތަކަށް. މާތް މަޤުޞަދެއްގަ. ކައިވެނީގެ އިން ފަހަނަ އަޅާ ދިޔުމަކީ ގޯހެއް. ވަރަށް ބޮޑު ގޯހެއް." މަންމަގެ ރަސްމީ ވަޒަނަށް ވާހަކަ ބައްޓަންކުރިއެވެ.
"ދީނަކީ ބުރައެއް ނޫނޭ މަންމާ. އަހަރުމެންނަކީ ވެސް މުސްލިމުންނޭ. އަހަރުމެން މި ކިޔަނީ ޒަމާނީ ގޮތަށް އަހަރުމެން ވެސް ބަދަލުވާން ޖެހޭނޭ. ފިރިމީހާ ކައި ނިމުނީމަ ނޫނީ އަނބިމީހާ ނުކައި އުޅުނު ޒަމާން ހިނގައްޖޭ. ފިރިމީހާ ކާން އައީމަ އަތްދޮއްވާ ފަންކާއިން ވިހެދީ ހެދި ޒަމާން މާޒީ ވެއްޖެ. އެގޮތްތަކެއް މިހާރަކު ވޯކެއް ނުކުރާނެ. އެ ހަމަ ކަޓު ގޮތް. މިއީ ހަމަހަމަ ޒަމާން." މަންމައަށް ވިސްނައިދެވޭތޯ އަހަރުމެން ދައްކަނީ އެއް ވާހަކައެކެވެ. ކިޔަނީ އެއް ލަވައެކެވެ.
"ކައިވެނިން ބޭރު ކަންކަން ކުރުމަކީ ރަނގަޅު ކަމެކޭ ނޯންނާނެ އެއްވެސް ފޮތަކު." އެންމެ ފަހުން މަންމަ ގާތަށް ރުޅި އައެވެ.
އަހަރެން އަނގައިން ނުބުނަމެވެ. މަންމަ ހިތްހަމަ ނުޖެހުނީމަ އެވެ. އިތުރަށް ޒުވާބު ކުރާން ބޭނުން ނުވީމަ އެވެ.
"ކައިވެންޏަކަށް ފަހު ކުރާން ޖެހޭ ހުރިހާ ކަމެއް މި ޒަމާނުގެ ކުދިންނަކަށް ނޭނގެ. މިއީ ދިވެހިން ކުރިން އުޅުނު ގޮތެއް ނޫން. ދިވެހިންނަކީ ވަރަށް އަބުރުވެރި، ނިޔަނެތި ރީތި ދިރިއުޅުމެއް އުޅުނު ބަޔެއް." މަންމަ ބުނެލި އެވެ.
"ކިހާ ސަޅި. އެ ޒަމާނުގައި އަންހެން ކުދިން ހެދުން ލެއްވުން. ބޮޑުވެ ތަސައްރަފު ފުދެންދެން ހެދުމެއް ނުލައްވާނެ. އަނެއްކޮޅުން ފިރިހެނުން ގަޔަށް ގަމީހެއް ނުލާނެ. އުނުގައި އޮންނަނީ ހުދު ތުނި ފޮށަޔެއް." އަހަންނަށް އެނގިފަ ހުރިނަމަ ހުރި މައުލޫމާތެއް ވިއްޔާ އަމުނައިލީމެވެ.
"ދެން ކޮބާ މައްސަލައެއް؟" މަންމަ އަހައިލި އެވެ. "އެއީ އޭރުގެ ހާލަތު، ނިކަމެތިކަން."
"އޭރުގެ މީހުން ކޮށްފަ ހުރި ކަންކަން ބަލާނަމަ، މި ޒަމާނުގަ މިހުރި ހުރިހާ ޤާނޫނަކުން އަދަބު ލިބޭނެ. އަންހެންކުދިންނާއި ކުޑަކުދިންނާ ބެހޭ ހުރިހާ ޤާނޫނެއްގެ ދިގު އަތުން ސަލާމަތެއް ނުވާނެ." އަހަރެން ބޭނުންވީ މަންމައަށް ކަމެއް ވިސްނައިދޭށެވެ.
"ދަރިފުޅާ މަންމަ މިދައްކާ ވެސް ތިޔަ ވާހަކައޭ. އެންމެ މަތިވެރި ޤާނޫނަކީ ކޮބައިތަ؟ އެ ޤާނޫނާ ޚިލާފުވީމަ އަދަބުދެއްވަނީ ކޮން ފަރާތަކުން؟" މަންމަ ފެންކަޅިވި އެވެ.
"އެ މާފަހުންވާ ކަމެއްނު." އަހަރެން ވިސްނައި ނުލާ ބުނެލީމެވެ.
"ނޫން ދަރިފުޅާ. ދުނިޔެމަތީގައި ތިމާ ކުޅަ ޢަމަލެއްގެ ސަޒާ ކޮންމެ ވެސް ސިފައެއްގައި ދައްކަވާފަ ނޫނީ އެ މީހަކު ނުގެންދަވާނެ. މި މަންމައަށް ކުރެވުނު ތަޖުރިބާ. ފެނުނު މަންޒަރު." މަންމަ ފެންކަޅިވެ އިނދެ ބުނެލިއެވެ.
އެ ހުރިހާ ވާހަކައެއްގެ ކުންނަކަށްވީ އަހަރުމެންގެ ކައިވެނި އަވަސްކުރުމެވެ. އަހަރުމެން ބޭނުން ނުވި ނަމަވެސް އަހަރުމެންގެ ގުޅުމުގެ ނަން ބަދަލުކުރުމެވެ. އެހައި ހިސާބުން އަހަރުމެންގެ ގުޅުން ދެ ލޯބިވެރިންގެ ލިސްޓުން އުނިވެ ދެމަފިރިންގެ ލިސްޓަށް އަރާނެ ކަން އެއީ އަހަންނަށް ނުވިސްނި އޮތް ކަމެކެވެ. ނަމަވެސް، އެކަން ހަމަ އެގޮތަށް ވެގެން ދިޔައީ އެވެ.
"އަދި ވަރަށް ގިނަ އުއްމީދުތައް އެބަހުރިތާ ދޯ. އެހެންވީމަ އެ ހުރިހާ ކަމެއްގަ ކުލަ ޖައްސަން އަހަރެން ބޭނުންވޭ." އަހަރެންގެ ބޮލުގައި އިނގިލިން ފުނާ އަޅަމުން ފައިޒާން ބުނެލި އެވެ.
"އެހެންވީމަ އަހަރެން މެރީ ކުރަން ނޫޅުނީ."
ފައިޒާންގެ ތަނަވަސް މޭމަތީގައި އަހަރެންގެ އިނގިލިން ފިރުމައިލެވުނެވެ. އެއީ ކޮންމެ ރެޔެއްގެ ވެސް އަހަރުމެންގެ އާދަ އެވެ. ނިދަން އޮށޯވެ ތިބެ ފުރަތަމަ އަޅައިލެވޭ ސުރުޚީއަކީ އެއީ އެވެ. ފުރަތަމަ ދެއްކޭ ވާހަކައަކީ ވެސް އެއީ އެވެ.
"ދެން އެ ވާހަކަ ބާއްވަމާ. މިހާރު ދެން ބިރުން އުޅޭކަށް ނުޖެހޭނެއްނު. ގައިމު އަހަންނަށް އެ ހިތްހަމަ ޖެހުން ވަރަށް ބޮޑަށް ލިބޭ. ހަނާއަކަށް ނުލިބޭތަ؟" ފައިޒާން ލާނެތް ރާގެއްގައި ބުނެލިއެވެ.
ފައިޒާން ބުނީ ކޮން ވާހަކައެއްކަން ނަގައިގަންނަން އަހަންނަށް ފަސޭހަވީ އެ ވާހަކަ ބުނެލި ރާގުންނެވެ. އެއާއެކު އޭނާގެ ހަރަކާތްތަކަށް ގެނުވި ހިމޭން ބަދަލުތަކުންނެވެ. ފައިޒާނަކީ ހުސިޔާރު މީހެކެވެ. އޭނާގެ ކޮންމެ ހަރަކާތެއް ހުންނާނީ ތަރުތީބުކޮށްނެވެ. ފެށޭނީ ވަކި ގޮތަކަށެވެ. ނިމޭނީ ވަކި ގޮތަކަށެވެ. މިހާރު އަހަންނަށް އެ ހުރިހާ ކަމެއް ދަސްވެއްޖެ އެވެ. އޭނާގެ ހިތުގެ ވިންދު ސާފުވެއްޖެ އެވެ. އޭނާގެ ބޭނުންތައް ވަރަށް ރަނގަޅަށް ދެނެގަނެވިއްޖެ އެވެ.
"ސޭފުޓީ ފަސްޓު އިނގޭ." ފައިޒާނަށް އަހަރެން ކަމެއް ހަނދާންކޮށްދިނީމެވެ.
"ހަނދާން އެބަހުއްޓޭ ބޭބީ." ފައިޒާންގެ ތުންފަތް އަހަރެންގެ ނިތްކުރީގައި ޖައްސައިލި އެވެ.
އަހަރެން އަބަދުވެސް ކަންބޮޑުވަމުން ދިޔައީ އެންމެ ކަމަކާ އެވެ. ވިސްނެމުން ދިޔައީ ވެސް އެންމެ ކަމަކާ އެވެ. އެއީ އޭގެ ޒާތުގައި ބޮޑުކަމެކެވެ. ތައްޔާރު ނުވެ ތިއްބާ އެފަދަ ކަމެއް މެދުވެރިވެއްޖެ ނަމަ ހުރިހާ އުއްމީދުތަކެއް އެ ފުށް މިފުށަށް ޖެހޭ ވަރުގެ ކަމެކެވެ. ފައިޒާނަކީ ވިސްނޭ މީހެކެވެ. އޭނާ ވެސް ބޭނުން ވާނީ އަހަރެން ބޭނުންވާ ގޮތެވެ. އޭނާގެ ހިތް މަތަ ކުރުވުމުގެ ބާރު އަހަންނަށް އޮވެ އެވެ. ނަމަވެސް އޭނާގެ އިހުސާސްތައް މަތަ ކުރުމުގެ ބާރު އަހަންނަށް ލިބިފައި ނުވެ އެވެ. ޚުދު ފައިޒާނަށް ވެސް އެ ބާރު ނުލިބޭ ކަހަލަ އެވެ. އޭނާގެ ބައެއް ވާހަކަތަކުން އެކަން ދޭހަވެ އެވެ.
ކޮންމެ ފަހަރަކު ވެސް އަހަންނަށް ހުންނަން ޖެހެނީ ބިރުވެރި ކަމެއްގެ ތެރޭގަ އެވެ. ކިރިޔާ ލަސްވެ ލިޔަސް ދެ ދުވަސްވާއިރަށް އަހަންނަށް ކެތް ނުވެގެން ޓެސްޓު ކުރާން މަޖުބޫރުވަނީ އެވެ. ފައިޒާން ބުނެލާ ބައެއް ވާހަކަތަކުން އަހަރެންގެ ހިތުގައި ބިރުވެރިކަމުގެ ރަނގަބީލު ހެލިލާތީ އެވެ. ނަމަވެސް މިފަހަރު މާ ލަސްވެއްޖެ އެވެ. ދުވަސް ފަހަނައަޅާ ދިޔަތާ ހަފުތާއެއްވީ އެވެ. މިހާރު ގޯހެއް ވާން އުޅޭކަމުގެ ކޮޅުމަތި ފެންނަހެން ވެސް ހީވެ އެވެ.
ކެތް ނުވެގެން އަމިއްލައަށް ކިޓެއް ހޯދައިގެން ޓެސްޓު ކުރީމެވެ. ކުރިން ފަހަރުތަކުގައި ފެންނަ ގޮތަށް ރޮނގުކޮޅުން އަހަރެން ބޭނުންވާ ނަތީޖާ ނުފެނުނެވެ. އެހެންވެ މީހާ ހާސްވެ ކަންބޮޑުވާން ފެށި އެވެ. ދާހިތްލާ ގޮތްވާން ފެށި އެވެ. މޭނުބައި ކޮށް ބޮލަށް އުނދަގޫވާހެން ވެސް ހީވާން ފެށި އެވެ. ފާހާނާއިން ނުކުމެ ދެކޮޅަށް ހިނގެން ފެށުނެވެ. ދެފަހަރުން އެއް ފަހަރު ގަޑިއަށް ބަލައިލެވެ އެވެ. އަނެއް ފަހަރު ފޯނަށް ބަލައިލެވެ އެވެ. ގުޅަންވީބާއޭ ހިތަށް އަރަމުން ދިޔަ އެވެ. ގަޑި ހިނގުން ހާދަ ލަހޭ ބުނެލެވެ އެވެ.
އާއެކެވެ. ފައިޒާންވީ ކުލާހަށް ގޮހެވެ. ކުލާސް ނިމޭނީ ހަތެއް ޖަހާއިރު އެވެ. ކުލާހަށް ވަނުމަށްފަހު އޭނާއަކަށް ނުގުޅޭނެ އެވެ. އޭނާ ކުލާހަށް ވަނުމަށްފަހު ފޯނު ފުލައިޓް މޯޑަށް ބަދަލުކުރާނެ އެވެ. ކިޔެވުމަށް ސަމާލުކަން ދޭން ވެގެންނެވެ. އެއީ އަހަރެން ވެސް ކަން ކުރާ ގޮތެވެ. ނޫނެކެވެ. އަހަރުމެން ކިޔަވަމުން މިދާ ޔުނިވަރސިޓީގައި ގެން ގުޅެން ޖެހޭ އާއްމު ގަވާއިދެކެވެ.
އަހަރުމެން ކާވެންޏަށް ފަނަރަ ދުވަސް ނުފުރި އުޅެނިކޮށް އަހަރުމެން މެލޭޝިއާއަށް ބަދަލުވީމެވެ. ކުރިމަގުގެ ތަސައްވަރުގައި ކުލަ ޖައްސަން ބޭނުންވާތީ އެވެ. އުއްމީދުތައް ހާސިލުކުރާން ބޭނުންވާތީ އެވެ. އަހަރެން ފުރަތަމަ ޑިގުރީއަށް ކިޔަވަމުން މިދަނީ ނޫސްވެރިކަމުގެ ދާއިރާއިންނެވެ. އެ ދާއިރާއިން ވެސް އިންވެސްޓިގޭޓިވް ޖަރނަލިޒަމެވެ. ފައިޒާން ވެސް ފުރަތަމަ ޑިގުރީއަށް ކިޔަވަމުންދަނީ އޮފީސް ހިންގުމުގެ ދާއިރާއިންނެވެ. ކުލާސްތައް އޮންނަ ގޮތުން އަހަންނަށް ހުރިހާ ކުލާހެއް އޮންނަނީ ހެނދުނު އެވެ. ފައިޒާންގެ ކުލާސްތައް ފެށެނީ މެންދުރު އެވެ. ނިމެނީ ރޭގަނޑު ހަތަކަށެވެ. އަހަރުމެން ދެމީހުން ދިމާވާނީ އޭގެފަހުންނެވެ. ކުލާސްތައް ނިމުމުން އަހަރުމެންގެ ވަގުތު ފެށުނީ އެވެ.
ހަތެއް ޖަހަންދެން ދެކޮޅަށް ހިނގައިލަ ހިނގައިލާ ހުރުން ނޫން ގޮތެއް އަހަންނަކަށް ނެތެވެ. އަހަރެންގެ މާގިނަ ދަންނަ މީހުންނެއް ނެތެވެ. ރައްޓެހިން އަމުދުން ނެތެވެ. ކިރިޔާ ވެސް ގާތް މީހަކަށް ހުރީ އިފާޝާ އެވެ. އެއީ ދިވެއްސެކެވެ. އަހަރެންގެ ކުލާސް ކުއްޖެކެވެ. އަހަރުމެންގެ ވިސްނުން އެއް ތިލަފަތުން ކިރައިލެވެ އެވެ. އެއީ އަހަރުމެންގެ ދެމެދުގައި އެކުވެރިކަން ބަދަހިވަމުން ދިޔުމުގެ އަސްލެވެ. އަސާސެވެ. އިފާޝާއަށް ގުޅަންވީބާއޭ ހިތަށް އެރި އެވެ. އޭނާއަށް މިހާ ޒާތީ ވާހަކައެއް ކިޔައިދޭން އަހަންނަށް ކެރޭނެ ހެއްޔެވެ؟ މިއީ ދައްކަން ކަމުދާނެ ވާހަކައެއް ބާވައެވެ؟ އިފާޝާ އަހަންނާ އެހާ ގާތް ވެއްޖެ ހެއްޔެވެ؟
"ހައި."
އިފާޝާގެ ނަން ހިތަށް އަރުވާލި އިރަށް އޭނާ މެސެންޖާ އިން ހައި ޖަހައިލި އެވެ. މިއީ ކިހާ ބޮޑު އިއްތިފާގެއް ހެއްޔެވެ؟ ހިތް ބުނެލީ އިފާޝާއަށް އަހަރެންގެ އިހުސާސްތައް އެނގުނީ އެވެ.
"ހަނާއަށް ގުޅަން އުޅެނިކޮށް ތި ގޮވާލީ." އަހަރެން ލިޔުނީ ލެޓިނުންނެވެ.
"އަނެއްކާ ކަމެއްވީތަ؟" އިފާޝާ އަހައިލިއެވެ.
"އާން. ބޮޑުކަމެއް. ނޫން ކުޑަކަމެއް." އަހަންނަށް ވިސްނައި ނުލައި ދެ ގޮތަށް ލިޔެފައި ފޮނުވާލެވުނެވެ.
"ނޭނގުނު. އެބަގުޅަން." އިފާޝާގެ މެސެޖު ކިޔައި ނުނިމެނީސް އޭނާ ގުޅި އެވެ.
ފޯނު ނަގަން ނުނަގަން އިނދެފައި ފޯނު ނެގީމެވެ. ކޮންމެ ގޮތެއް ވިޔަސް ކަމެއް ދިމާވެގެން އުޅޭކަން އޭނާ ގާތު މިހާރު ބުނެވިއްޖެ އެވެ. އޭނާއަށް އެކަން އެނގެން ވެސް އެނގިއްޖެއެވެ. ނޭނގޭނީ ވީ ކީއްކަމެވެ.
"ހަނާ ކީކޭތަ ތި ކިޔަނީ؟" ބަހެއް ނުބުނެ އުޅެނިކޮށް އިފާޝާ ކޮށްލީ ސުވާލެކެވެ. "އަހަރެން މިގެއަށް އައިސް ބެލް އަޅާއަޅާ ވަރުބަލިވެގެން ދަމުން މި މެސެޖުކޮށްލީ. އަނެއްކާ މި ދަނީ ތި ކޮޅަށް. ދޮރު ހުޅުވަބަލަ. ހަނާމެންނަށް ދޭން ގެނައި އެއްޗެއް ހިފައިގެންނޭ މިދަނީ."
އަހަންނަށް ވާހަކައެއް ދައްކާނެ ފުރުސަތު ނުދީ އިފާޝާ އަމުނައިލުމުން އިތުރު ވާހަކައެއް ބުނާން ބޭނުން ނުވީ އެވެ. އެހެންވެ ފޯނު ބޭއްވުމަށް ފަހު ދޮރުކައިރިއަށް ހިނގައިގަތީމެވެ. މަޑުމަޑުން ދޮރު ހުޅުވާލުމަށްފަހު ދޮރުފަތުގައި ހިފައިލެވުނެވެ. ފާޑަކަށް ދޮރުފަތުގައި ބައްދާލެވުނީ އެވެ. އިފާޝާ އާއިރު ވެސް އަހަންނަށް ހުރެވުނީ އެގޮތަށެވެ. ހުރެވުނީ ދެރަވެ މާޔޫސްވެފައިކަން އެނގުނީ ވެސް އިފާޝާ އެހެން ބުނީމަ އެވެ.
"އާދެބަލަ. މަންމަ ފޮނުވި ހަދިޔާއެއް. އަހަރެން ހިތަށް އެރީ ހަނާއަށް ވެސް އެއްބައި ދޭން. ކުރިން ދުވަހު ފައި ބުންޏެއްނު އޭނާއަށް ރިހާކުރު މީރު ވާހަކަ." އިފާޝާ ގެނައި ކޮތަޅު މޭޒުމަތީގައި ބަހައްޓައިލަމުން އަހަރެންގެ ގެނެސް ގޮނޑީގައި ބޭންދި އެވެ.
އޭރުވެސް އަހަންނަށް އިނދެވުނީ އެވެ. ހަރަކާތެއް ވެސް ނުކޮށެވެ. ވަކި ދިމާއަކަށް ބަލާކަށް ނޫނެވެ. ނަމަވެސް ބަލާ މީހަކަށް ހީވާނީ އަހަރެން އިނީ ކަޅި ޖަހައިނުލައި ތަނެއް ބަލަން ކަމަށެވެ.
"ކިހިނެއްތަވީ؟ ކިޔައިދީބަލަ."
އިފާޝާ ތަކުރާރުކޮށް އެ ސުވާލުކުރިކަން އަހަންނަށް އެނގެ އެވެ. ނަމަވެސް އަހަންނަށް ދޭނެ ޖަވާބެއް ނުވިސްނުނެވެ. ބުނާންވީ ކީކޭ ކަމެއް ވެސް ނޭނގުނެވެ.
"ހަނާ! ދެން ތި ކުރިން ތިހެން އުޅުނު މީހެއް ނޫން. އަނެއްކާ ފައިއާ ދެމީހުން މައްސަލަ ޖެހުނީތަ؟" އިފާޝާ އަހަރެންގެ ދަތްދޮޅީގައި ހިފައިލަމުން އޭނާއާ ދިމާއަށް އަހަރެންގެ މޫނު އަނބުރައިލި އެވެ.
(ނުނިމޭ)








