Advertisement

ވީރު އަލީދީދީ އަވަހާރަކޮށްލުމާއި ސިހުރުގެ އާދަޔާ ހިލާފް ގަބޫލުކުރުންތައް

26 ފެބުރުވަރީ 2022 - 08:17 9

މަހްފޫޒް ސައީދު

މަހްފޫޒް ސައީދު


ވީރު އަލީދީދީ އަވަހާރަކޮށްލުމާއި ސިހުރުގެ އާދަޔާ ހިލާފް ގަބޫލުކުރުންތައް

26 ފެބުރުވަރީ 2022 - 08:17 9

މީހެއްގެ ސޫރަ ރަމްޒުވާ ގޮތަށް ފުށްގަނޑެއް ހަދައިގެން ކިޔަވައި، އެއަށް ރުކުރާ އަޅައިގެން ކާލައިފިނަމަ އެމީހަކު ނެތިދާނޭ ކަމަށް ގަބޫލުކުރުމަކީ ޖޯކު ވާހަކައަކަށް ވެދާނެ އެވެ. އަހަރު ނުފުރޭ ކުޑަކުއްޖެއްގެ މޭ ނަގައި، އެއިން ތެޔޮހާނައި އެ ތެޔޮ ގައިގާ އުނގުޅައިފި މީހަކު އިންސާނުންގެ ލޯތަކަށް ނުފެންނާނޭ ކަމަށް ބުނާ މީހަކީ މަޖުނޫނެކޭ މެނުވީ މީހަކު ނުބުނާނެ އެވެ. ހައިވަކަރުން އަބެއް ހަދައި، ވެސްނުލުން ކަޅިކޮށް މަތުރައި ސާޅީސް ނުވާ މަހާނައަކަށް ޖަހައިފިނަމަ އެއީ އެހެން މީހެއްގެ ނެތި ދިއުމަށް އޮތް ސަބަބެއް ކަމަށް ބެލުމަކީ ވެސް ކިހައި މޮޔަ ވިސްނުމެއްތޯ އެވެ.

މި ގަބޫލުކުރުންތަކުން އުފެދުނު އީމާނުގެ މައްޗަށް މިފަދަ ކިތަންމެ ކަމެއް ތަޖުރިބާކުރި ކިތަންމެ ބައެއްގެ ނަން މިރާއްޖޭގެ ދިގު ތާރީހުގައި ލިޔެވިފައި އެބަހުއްޓެވެ.

މީގެ 69 އަހަރުކުރިން ރާއްޖޭގައި މަރަށް މަރުހިފި ހާދިސާގެ ސަބަބު ގުޅިފައި އޮތީ ވެސް ސިހުރުގެ އަގީދާ އާ އެވެ. އޭޕްރިލް 7، 1953 ގައި މަރުގެ ހުކުމް ތަންފީޒުކުރެވުނީ ނިލަންދޫ ހަކީމްދީދީގެ މައްޗަށެވެ. ހުޅުލޭ އަތިރިމަތީގައި ހުރި ރުކެއްގައި ބަނދެ ބަހައްޓާފައި އޭނާ ގަޔަށް ބަޑިޖަހައި މަރާލިކަން އެއީ އެންމެން ދަންނަ ވާހަކައެކެވެ. ހުކުމް ތަންފީޒުކުރެވުނީ އެ ހުކުމް ކުރެއްވި ޖަލާލުއްދީނު ފަނޑިޔާރު މަނިކުފާނާއި އޭރުގެ ވަޒީރުލްއަމަންއާންމާއި، ވަޒީރުލްއަމަންއާންމުގެ ވަކީލާއި، މަހުކަމަތުއް ޝަރުއިއްޔާގެ ވެރިޔާގެ ގާއިމު މަގާމު އައްޝައިހް އިބްރާހިމް ރުޝްދީ އަލްއަޒްހަރީ އާއި، މަލިމް މޫސާ ކަލޭފާނުގެ ހާޒިިރުގަ އެވެ.

ބަޑިޖެހުމުގެ ކުރިން ވަސިއްޔަތެއް ނުވަތަ އާދޭހެއް އޮތްތޯ ބެލުމަށް އޭނާއާ ސުވާލުކުރެވުނެވެ. އޭނާ ދިނީ ރުންކުރު، އަދި ޖެހިލުންކުޑަކަން ދައްކުވައިދިން ޖަވާބެކެވެ. 'އަހަރެން ކުރެން ގިނަ ވާހަކަތައް ނާހާ ކަލޭމެން ކުރާ ކަމެއް ކޮށް ނިންމާލާށޭ' އެވެ. ދެން އޭނާގެ ގަޔަށް ބަޑިޖަހައި މަރާލި އެވެ.

މަދު ބައެއްގެ ހާޒިރުގައި މި ހުކުމް ތަންފީޒުކުރެވުނުކަމީ އެކަމުގައި ސުވާލުތަކެއް އުފެދޭ ކަމެކެވެ. ވައްކަންކުރާ މީހުންގެ އަތްކެނޑުމުގެ ގާނޫނު ފާސްކޮށް، އެ ގާނޫނުގެ ދަށުން ތިން މީހެއްގެ އަތް ކެނޑިއިރު އެ މަންޒަރު ދެކެން ހާޒިރުވުމަށް އާންމުކޮށް އިއުލާނުކުރެވުނެވެ. ވަރަށް ގިނަ ބަޔަކު ދިޔަވެސްމެ އެވެ. އެހެންނަމަވެސް މީހަކު މަރަން ކުރި ހުކުމް މި ތަންފީޒުކުރެވުނީ 'ސިއްރުންނެވެ'.

ޝަރީއަތެއް ކުރެވުނުކަމަށް 'އެކި ކަންކަން ހިނގި ގޮތް' ގައި ލިޔެފައި އޮންނާތީ އެ ޝަރީއަތުގެ މައުލޫމާތު ހޯދަންވެސް އަޅުގަނޑު މަސައްކަތްކުރީމެވެ. ޖުޑީޝަލް އާކައިވްއަށް ލިޔުމުން އެތަނުން ލިބުނު ޖަވާބުގައި އޮތީ މަހުކަމަތުއްޝަރުއިއްޔާގެ 1953 ވަނަ އަހަރުގެ ޝަރީއަތުގެ ފޮތްތައް ބެލިއިރު އެ ޝަރީއަތުގެ އެއްވެސް މައުލޫމާތެއް އެ ފޮތްތަކުގައި ރެކޯޑުކުރެވިފައި ނުވާކަމަށެވެ.

އެހެންވީމާ، ހަކީމްދީދީއާއި އޭނާގެ ބައިވެރިންނާ ގުޅޭގޮތުން ލިބެންހުރީ ސަރުކާރުން ފެތުރި ހަބަރެއް އެކަންޏެވެ. އެ ވާހަކަތަކުގައި ހުރީ ތެދޭ ހީވާ ފަދަ ވާހަކަތާއި، ސުވާލު އުފެދޭ ބައިވަރު ކަންކަމެވެ.

އޭނާ އިސްވެހުރެގެން ހެދިކަމަށްބުނާ ސިހުރުތަކާ ގުޅޭ ކިތަންމެ ވާހަކައެއް ރާއްޖެއަށް މަޝްހޫރެވެ. ގިނަ ސިހުރުތައް ހަދާފައިހުރި ކަމަށް ކިޔަނީ އޭނާއާ އަދާވާތްތެރިވެއްޖެ ކަމަށް ފެނިއްޖެ މީހަކު ނެތިކޮށްލުމަށެވެ. އެކަމުގައި އެނގެން އޮތީ ވަރަށްވެސް ފަގީރު ގޮތެއްގައި ލިޔެވިފައި ހުރި މަދު ތަފްސީލު ތަކެކެވެ. އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކާމެދު އޭނާގެ މިނިވަން ރައުޔެއް އެއްވެސް ގޮތަކުން ލިޔެވިފައެއް ނެތެވެ. މުޅީންވެސް ލިޔެވިފައި ހުރީ އޭނާގެ ފުށުން ތަހުގީގަށް އޮޅުންފިލި ކަމަށް ބުނާ އެއްޗެކެވެ. އެޒަމާނުގެ ހާލަތަށް ބަލާއިރު ތަހުގީގެއްގައި މީހެއްގެ ބަސް ހޯދާފައި އޮންނާނޭ ގޮތް އެއީ ތަސައްވުރުކޮށްލުން ދަތި ކަމެއް ނޫނެވެ. ބައެއް ހާދިސާތަކަށް ބަލާލާނަމެވެ.

ކުޑަކުއްޖެއްގެ މޭ ނަގައި ތެޔޮހާނައިގެން ހެދި ސިހުރު

އެދުވަހުގެ މެންދުރުގެ ވަގުތެއްގައި ކުޑަކުއްޖަކު މަރުވި ހަބަރުން ނިލަންދޫ ހަކީމް ދީދީއަށް ކުރުވީ އެފަދަ ހަބަރަކުން އެހެން މީހަކަށް ކުރުވާނެ ކަހަލަ އަސަރެއް ނޫނެވެ. އެއީ އޭނާގެ ދިގު އިންތިޒާރަކަށް ނިމުން ގެނުވި ހަބަރެކެވެ. އޭނާ އެތައް ދުވަހެއް ކުރިން ފެށިގެން ކުރަމުން އައި އުއްމީދާއި، ފޮތްތަކުން ދަސްކޮށް އީމާންވެގެން ހުރި މޮޅު ސިހުރެއްގެ އަމަލީ ތަޖުރިބާގެ ވަގުތު އައިސް ޖެހުނީ އެވެ.

ކުޑަކުއްޖަކު މަރުވެގެން ވަޅުލައިފި ހަބަރު ލިބުމުން ހަކީމް ދީދީ އަވަސްވެގަތީ އޭނާ އެތައް ދުވަހެއް ކުރިން ފެށިގެން ރާވަމުން އައި ރޭވުން ތަންފީޒުކުރުމުގެ ވަގުތު ޖެހިއްޖެކަން އޭނާގެ ބައިވެރިންނަށް އެންގުމަށެވެ. އެއީ ވިލިނގިލީ އަނީސްއާއި ދޮންއަހުމަދުގެ އަލީ ތަކުރުފާނާއި ދޮންދިޔަގެ އަލީ ތަކުރުފާނާއި ހިލިހިލާގޭ ރެކިފުތެވެ.

އިތުރަށް ކުރިއަށް ގެންދިއުމުގެ ކުރިން އެނގެންޖެހޭ ކަމެއް އެބައޮތެވެ. އެއީ ހިލިހިލާގޭ ރެކިފުތާއަކީ ކާކު ކަމެވެ. 'ކަންކަން ހިނގިގޮތް' ގައި އަނީސްގެ ނަން ލިޔެފައި ބުރެކެޓެއްގައި 'ރެކިފުތާ' އޭ ލިޔެފައި އޮވެ އެވެ. އެއީ ދޮންދިޔެގެ އަނީސްގެ ވާހަކަ އެވެ. މި ހިލިހިލާގޭ ރެކިފުތާއަކީ މިމައްސަލައިގެ މައުލޫމާތު އެނގިހުރެ ސިއްރުކުރިކަން ސާބިތުވެ އަދަބު ލިބުނު މީހެކެވެ. އެކަންކަން ހިނގައިދިޔަ ގޮތް މި ރެކިފުތާ ކިޔައިދިނީ އެ މައްސަލައިގައި އަރުވާލެވިފައި ހުރި ދުވަސްވަރު އެވެ. އެ ވާހަކަ ހިލިހިލާގޭ ރެކިފުތާ ކިޔައިދިން ގޮތަށް އަލީ ހުސައިން ލިޔުއްވާފައި އޮވެއެވެ. ކުރިއަށް ވަޑައިގަންނަވާށެވެ.

ހަކީމް ދީދީ އޭނާގެ ބައިވެރިންނާ ބައްދަލުކޮށް އެންގީ މިއަދު މެންދުރު ކުޑަކުއްޖަކު ވަޅުލައިފި ކަމަށާއި މިރޭ އެކުއްޖާ ނަގަންޖެހޭ ކަމަށެވެ. އެ ވާހަކަ އަޑުއިވި އެމީހުންގެ މޫނު މައްޗަށް ވެރިވި ނުތަނަވަސްކަން ދުރުކުރުމަށް ހަކީމްދީދީ ދިން ޔަގީންކަމަކީ ފަޅާއެރުމުގެ އެއްވެސް ފުރުސަތެއް ނެތްކަމުގެ ޔަގީންކަމެވެ. މުޅި ރަށް އޮންނާނީ ކިޔަވައި، ހަތަރުރެސް ފަރުދާކޮށް އަމާންކޮށްފައި ކަމަށް ހަކީމްދީދީ ބުންޏެވެ.

އެ ހުރިހާ އެންމެންނަކީވެސް ހަކީމް ދީދީ އެހެން ބުނީމާ ޝައްކެއްނެތި އެ ވާހަކަ ގަބޫލުކުރާވަރަށް އޭނާގެ 'ކުޅަދާނަކަން' ދެކި ތަޖުރިބާކޮށްފައި ތިބި ބައެކެވެ. ކޮންމެ ދައްޗެއް އުނދަގުލެއްގެ ފަރުވާއަކީ ފަންޑިތަކަމަށް ދެކިގެންތިބި އެޒަމާނުގައި، ހުވަދުއަތޮޅުގައި ތިބި ވަރަށް ގިނަ އަދަދެއްގެ ފަންޑިތަވެރިންގެ ތެރެއިން ނިލަންދޫ ހަކީމްދީދީއަކީ އަރާހުރި މީހެކެވެ. އޭރު ގަބޫލުކުރެވިފައި އޮތްގޮތުގައި އޭނާއަކީ ރާއްޖޭގައި އެވަގުތު ހުރި އެންމެ ބާރުގަދަ ފަންޑިތަވެރިޔާ އެވެ.

ހަކީމް ދީދީގެ އިރުޝާދާ އެއްގޮތަށް ގަބުރުސްތާނަށް ވަނީ އަނީސްއާއި ހިލިހިލާގޭ ރެކިފުތެވެ. އޭރު މެންދަމު ބާރަޖެހީ އެވެ. ކުއްޖާގެ މަހާނަ ކޮނެ ސަންދޯއް ނަގައި ސަންދޯކުގެ މަތިގަނޑު ނައްޓާލީ އަނީސް އެވެ. ކުއްޖާގެ ގަބުރު އޮތީ ތާޒާކަންމަތީގަ އެވެ. ކަފުނާއެކު އޮތް ގަބުރު ސަންދޯކުން ނަގައި ދިއްކޮށްލީ ރެކިފުތާގެ އަތަށެވެ. އޭނާގެ މުންޑުތެރެއަށް ކުއްޖާގެ ގަބުރު އަޅައި ފޮރުވައިގެން ގެންދިޔައީ އަނީސްގެ ގެއަށެވެ. އޭރު ހަކީމްދީދީއާއި ދެ އަލީ ތަކުރުފާނު ގެއަކު ނޫޅެވެ.

ގެއަށް ވަދެވުމާއެކު އަނީސް އެންގީ އޭނާގެ ތުނބުޅި ބާލާ ފޮށިން ރޭޒަރުތިލައަކާއި ދިމާއެނދު ތަންދޮށުން ތެއްޔަކާއި ސަރަފޯހެއް ގެނެސްދިނުމަށެވެ. އޭރު ކުއްޖާ ބާއްވާފައި އޮތީ ގޭގެ ފުޅައް ކައިރީގައި ހުރި ދިގު ފޮށްޓެއްގެ މަތީގަ އެވެ. ރެކިފުތާ ގެނެސްދިން ރޭޒަރު އަތަށް ހެޔޮވަރުކޮށްލައި ކުއްޖާގެ ބަނޑު ކަފާލީ އަނީސް އެވެ. އޭގެ ފަހުން ކަފާލި ތަނުން އަތްކޮއްޕައި ކުއްޖާގެ މޭގަނޑު ނެގި އެވެ.

'މޭގަނޑު ހީވަނީ ހަމަ ބޮޑުކަންނެއްޔެއްގެ މޭގަނޑުހެން' ހިލިހިލާގޭ ރެކިފުތާ ކިޔައިދިންކަމަށް ދުށްތަނާއި އިވުނުއަޑުގެ ހަނދާންހުރިބައި 2 ގައި އަލީ ހުސައިން ލިޔުއްވާފައި އޮވެ އެވެ.

ކުއްޖާގެ މޭގަނޑު ނަގާފައި ލީ ކައިރީގައި ހުރި ތެއްޔަށެވެ. ތެލީގައި ރަނގަޅަށް މަތިޖަހައިގެން ގެންގޮސް ދިނީ ފާތުމާދީ އަތަށެވެ. އޭނާއަކީ އަނީސްގެ ތިމާގެ މީހެކެވެ. އޭނާއާ ހަވާލުވެފައި އޮތް މަސައްކަތަކީ މޭގަނޑުން ތެޔޮ ހޭނުމެވެ. ތެޔޮ ހޭނުމަކީ ތެޔޮ ހުންނަ އެއްޗިހި ކައްކައިގެން ތެޔޮ ނެރުމެވެ.

މިކަމެއް ހިނގަމުންދިޔައިރު ހަކީމްދީދީއާއި ދެ އަލީތަކުރުފާނުވެސް އުޅުނުތަނަކު އުޅެފައި އެނބުރި އަތުވެއްޖެ އެވެ.

ތެޔޮހާނައިގެން ލިބުނު ތެލުން ބައެއް އެޅީ ހުސްފުޅިއަކަށެވެ. އިތުރަށް ތެޔޮ ނެރުމަށް މޭގަނޑު ފޮތިގަނޑަކަށްލައި ފޭލާލައިގެން ފޭބި ތެލާއެކު ހުރިހާ އެއްޗެއް ހަވާލުކުރީ އަނީސްއާ އެވެ. ފާތުމާދީގެ މަސައްކަތް އެހިސާބަށް ނިމުނީ އެވެ.

އަނީސް އަތަށް ތެޔޮފުޅި ދިނުމުން އޭނާ ސިލޯނުން ގެނެސްފައިހުރި އެކި ވައްތަރުގެ މެޓާތަކެއް ކުނޑިކޮށްފައި އެ ތެލަށް އަޅައި ގުޅަތަކެއް ހެދި އެވެ. މެޓާކުނޑި އަޅައިގެން ހެދި ތެޔޮގުޅަތައް ކާން ދޭން ހަވާލުވީ ދޮންއަހުމަދުގެ އަލީ ތަކުރުފާނާ އެވެ. ކާންޖެހޭނީ ވަކި ގޮތަކަށެވެ. ލައިގެން ހުރި ޖަނގިޔާ ފިޔަވައި ހުރިހައި އަންނައުނެއް ބޭލުމަށްފަހު ބިންމަތީގައި ބަނޑުޖަހައިގެން އޮވެ އަލީތަކުރުފާނާ ހަމައަށް ދިއުމުން އޭނާ ސަމްސަލުން އަނގަޔަށް ލައްވައި ދިނުމުންނެވެ. ދޮންދިޔެގެ އަލީ ތަކުރުފާނާ ޖެހުމުން އޭނާއަކަށް އުޅެއުޅެ އެ އެއްޗެއް ދިރުވުނު ކަމަކަށް ނުވި އެވެ. އެ މަންޒަރު ދެކި ހަކީމް ދީދީ އެންގީ މިކަންތައް މި ފަޅާއެރީ ކަމަށެވެ.

ކަންވީވެސް އެހެންނެވެ. މަހާނަ ކޮނެގެން ކުއްޖެއްގެ ގަބުރު ނަގައިފިކަމަށް ރަށުތެރޭގައި ވާހަކަ ދެކެވެން ފަށައިފި އެވެ. އެވާހަކަ އަތޮޅުވެރީންނާ ހިސާބަށް ދިއުމުން ވަފުދަކާއެކު ވަޑައިގެން އެ މައްސަލަ ބެއްލެވި އެވެ. ހަކީމްދީދީއާއި އެކަމުގައި ބައިވެރިވާކަމަށްވީ އެންމެ ހިމަ ރޯނުން ބަނދެ އެމީހުންނަށް އަދަބު ދެވުނެވެ. އަދި އެމީހުން ގެންގުޅުނު ސިހުރުގެ ފޮތްތައްވެސް އަތުލެވުނެވެ.

ކުޑަކުއްޖެއްގެ މޭގަނޑު ނަގައި ތެޔޮހޭނީ ކީއްވެގެންކަން މި މީހުންގެ އިއުތިރާފް ބަޔާނުގައި ކިޔައިދީފައި އޮތް ކަމަށް ސަރުކާރު ހަބަރު ގައި ލިޔެފައި ވެއެވެ.

އަޅުގަނޑުމެން އެކަންތައް ކުރީ އެ ތެޔޮ ގައިގައި އުނގުޅުމަށްޓަކައި އެވެ. އަޅުގަނޑުމެންނަށް އެނގިފައި އޮންނަ ގޮތުން އެ ސިހުރު ހަދައި، މި ތެޔޮ ގައިގައި ލައިފި މީހަކު މީހުންގެ ތެރޭގައި އުޅޭއިރުވެސް އެހެން މީހަކަށް ނުފެންނާނެ އެވެ. އަޅުގަނޑުމެންގެ ގަސްތަކީ އެ ތެޔޮލައިގެން ރަށުގެ ވެރީން ނައްތާލުމަށްޓަކައި ރަށުގެ އެތަންމިތަނުގައި ފަންޑިތަ ވަޅުލުމެވެ. މެޓާކުނޑި އަޅައިގެން ހެދި ތެޔޮގުޅަ ކެއީ އެ ކުނޑި ކެއިމާ އެ ބަޔަކު ކުޅަ ކަމެއް ބޭޒާރުނުވާނޭ ކަމަށް ސިހުރު ފޮތުގައި އޮންނާތީ އެވެ.

މި ބަޔާނުގައި މި މީހުންނާއި ހެކިން ސޮއިކޮށްފައި އޮވެއެވެ.

މިއީ މިކަހަލަ އެންމެ ހާދިސާއެކެވެ. މިކަންކަމުގެ ފެށުމަކީ އޭރުގެ އަތޮޅުވެރިން، ވީރު އަލީދީދީއާމެދު އޮތް ހަސަދަވެރިކަމެވެ.

ވީރު އަލީދީދީ އަވަހާރަކޮށްލުން

ވީރު އަލީ ދީދީއަކީ ޖުމްހޫރީ ފުރަތަމަ ވެރިކަމުގައި ހުވަދުއަތޮޅުގެ އަތޮޅުވެރިޔާ އެވެ. ރައީސް އަމީން ނުހަނު އިތުބާރުކުރެއްވި ބޭފުޅެކެވެ. އޭނާ ގެންދެވީ ރައީސް އަމީންގެ ސިޔާސަތުތައް ހުވަދުއަތޮޅުގައި ތަންފީޒުކުރައްވަމުންނެވެ. އަތޮޅުގެ ރަށްރަށަށް ވަޑައިގެން ވާރު އަތުލެއްވުމާއި، އަންހެނުންގެ ކުރިއެރުމަށް މަސައްކަތްކުރެއްވުންފަދަ ކިތަންމެ ކަމެކެވެ. މިއީ އަތޮޅުގެ ފަންޑިތަވެރިންގެ މަދަދު އެންމެ ބޮޑަށް ހޯދައިގެން އުޅޭ ވިޔަފާރިވެރިން ގަބޫލު ކަންކަމަކަށް ނުވެ އެވެ.

ހިލިހިލާގޭ ރެކިފުތާ ކިޔައިދީ، މަރުހޫމް އަލީ ހުސައިން ލިޔުއްވާފައިވާ ގޮތުން ވީރު އަލީ ދީދީ އަވަހާރަކޮށްލުމުގައި އެންމެ އިސް ދައުރެއް އަދާކުރީ އަނީސް އެވެ. އެކަމުގައި ހަދަންޖެހޭ މަންތަރު ބުނެދިނީ ހަކީމްދީދީ އެވެ. އަތޮޅުވެރިން ވިލިނިގިއްޔަށް ވަޑައިގެންނެވި ދުވަހެއްގައި އަނީސްގެ ގެއަށް ޖާފަތަކަށް ދައުވަތު އެރުވުނެވެ. އަތޮޅުވެރިން ދައުވަތު ގަބޫލުކުރައްވައި ގެއަށް ވަޑައިގެންނެވި އެވެ. ފަރީއްކޮޅު ތައްޔާރުކުރެވިފައި ހުރި އަށީގައި އަތޮޅުވެރިންނަށް ހާއްސަކުރެވިފައި ހުރި ޖާގައިގައި އިށީނދެވަޑައިގެންނެވި އެވެ. އަދި އަތޮޅުވެރިންނަށް ބެހެއްޓިފައިހުރި ފެންތަށި ނަންގަވައި އެ ތަށިން ފެން ފޮދެއް ހިއްޕެވި އެވެ.

އެ ފެންތަށްޓަކީ އަތޮޅުވެރިންގެ ފުރާނަ ދުއްވާލުމަށް ހަކީމްދީދީގެ ބެލުމުގެ ދަށުން ތައްޔާރުކުރެވުނު ފެންތަށްޓެކެވެ. އެއީ މަހަށްދިޔަ ބަޔަކު ލައްވާ ގެނުވި 'ނިލަހިކާ' އެއްގައި ސިހުރު ލިޔެ ކައްކައިގެން ތައްޔާރުކޮށްފައި ހުރި ފެނެކެވެ. އެ ފެންތަށިން ބައެއް ހިއްޕެވިތަނާހެން ވަރަށް ބޮޑަށް ހާލުކޮޅު ދެރަވި އެވެ. ހިލިހިލާގޭ ރެކިފުތާ ކިޔައިދިން ގޮތުން ވީރު އަލީދީދީ އަވަހާރަވީ ތިނަދޫއަށް އެނބުރި ވަޑައިގެންނެވިތާ ހަތަރުވަނަ ދުވަހު އެވެ. އެހެން ބައެއް ލިޔުންތަކުގައި ހުރި ގޮތުން އެ ފެންތަށިން ހިއްޕެވިތާ ސައުވީސްގަޑިއިރު ނުވަނީސް ވީރު އަލީ ދީދީ އަވަހާރަވެއްޖެ އެވެ.

ރައީސް އަމީން އަވަހާރަކޮށްލަން ހެދި ސިހުރުތައް

އެންމެ ކަމެއް ދެކަމެއް ނޫނެވެ. ސިހުރުގެ އެތައް ކަމެކެވެ. މިވެރިން ކުޅަހައި ކަމެއް ކޮށްފައި އޮތީ އެކަންކަމުގެ ސަބަބުން އަމީންދީދީ އަވަހާރަވާނޭ ކަމުގެ އީމާނުގެ މަތީގައި ތިބެގެންނެވެ.

ގަބުރުސްތާނަށް ވަދެ ކުޑަކުއްޖެއްގެ މަހާނަ ކޮނެގެން ނެގުމުގެ މަސައްކަތް ކާމިޔާބުވީ ދެވަނަ ފަހަރުންނެވެ. ފުރަތަމަ ފަހަރު މަހާނަ ކޮނެގެން އުޅެނިކޮށް އަނީސްގެ އަތަށް ނުރަނގަޅު ގޮތެއް ވެއްޖެ އެވެ. މުޅި އަތް އޮތީ ރެދަންގަނޑެއްހެންނެވެ. އޭރު ހިލިހިލާގޭ ރެކިފުތާ ހުރީ އަނީސްގެ މަސައްކަތަށް ފަހިކޮށްދިނުމަށްޓަކައި ފާރައަށެވެ. މިކަމެއް ހިނގީމާ އެރެއަށް އެ މަސައްކަތް ހުއްޓާލާފައި އަވަސްއަވަހަށް ދެމީހުން ދިޔައީ އަނީސްގެ ބައްޕަ، ދޮންއަހުމަދުގެ ގެއަށެވެ. ދޮންއަހުމަދަކީވެސް ނަންހިނގާ ފަންޑިތަވެރިއެކެވެ. އަނީސްއާއި ރެކިފުތާ މިޖެހި ސަކަރާތަކާހެދި އޭނާ ހިތްހަމަނުޖެހުނެވެ. ތިޔައީ 'ބައްޕަމެންނަށްވެސް ނާންގައި ކަންކަން ކުރަން އުޅޭތީ ދިމާވާ ގޮތޭ' ބުނެ ރެކިފުތާއަށް އެންގީ ގޯތީގެ އެންމެ އުތުރުފަރާތު ކަނުގައި ހުރި ރުކުގެ އެންމެ އުތުރަށް އޮތް އިހަލުގެ އެންމެ އުތުރަށް އޮތް ފުޅަފި ކަނޑާލައިގެން ގެނެސްދިނުމަށެވެ.

ދޮންއަހަންމަދު އެންގި ގޮތަށް އެ ފުޅަފި ކަނޑާލައިގެން ގެނެސްދިނުމުން އެންގީ އެ ފުޅަފިން ވަޅިއެއް ހަދައިދިނުމަށެވެ. އެ ފުޅަފި ކޮށައިމަށައި ހަދައިގެން ވަޅިއެއްގެ ސިފައަށް ގެނައުމުން ރެކިފުތާ އަތުން އެ 'ވަޅި' އަތުލީ ދޮންއަހަންމަދެވެ. ދެން އެ ވަޅީގައި އެއްޗެހިތަކެއް ލިޔެ، އަނީސްގެ އަތުގައި ހިފައިގެން ހުރެ އޭނާގެ އަތުގައި ހުރި ރެދަންތައް އެ ވަޅިން ކަހައި ފިލުވައި ދިނީ އެވެ. އަތުގެ ބައެއް ތަންތަން ހުރީ މަށައިގެން ގޮސް ލޭކޮށިފަ އެވެ. އެކަމާ ގުޅިގެން މީހަކު ކޮށްފާނޭ ސުވާލަކަށް ދޭން އަނީސް ތައްޔާރުކުރި ޖަވާބަކީ އޭނާ ކެޔޮޅުކަމު ދާން މާކަކުނި ނަގަން ކަނުނިހޮރަށް އަތްބޭނީމާ އަތް މަށައިގެން ދިޔައީ ކަމަށެވެ. އިތުރު ސުވާލު ނުއުފެދޭނޭ ވަރަށް ގަބޫލުކުރެވޭ ފަދަ ވާހަކައެކެވެ.

އަމީން ދީދީ އަވާހަރަކޮށްލަން ހަދަމުން ގެންދިޔަ ސިހުރުގެ ސިލްސިލާ އެހިސާބަށް ހުއްޓުނީކީ ނޫނެވެ. މި ހިލިހިލާގޭ ރެކިފުތާއާއި އަލިތަކުރުފާނާ ދެމީހުން އޭގެ ދުވަސްކޮޅެއް ފަހުން ވިލިނގިއްޔާ ކައިރީގައި އޮތް ފަޅުރަށަކަށް ދިޔަ އެވެ. ރެކިފުތާއަށް އަންގާފައި އޮތްގޮތުން އެރަށަށް ދަނީ ކާށި ހޮވާށެވެ. އެހެންނަމަވެސް ދުވަހުގެ މެންދުރާ ހަމައަށް ދިޔައިރު އަލީތަކުރުފާނު އިނީ އަމީންދީދީގެ ފޮޓޯއެއް ކުރިމަތީގައި ބަހައްޓައިގެން، އޭނާ މޮޑެފައި އޮތް ފުށްގަނޑެއް އަމީންދީދީގެ ސޫރައާ އެއްގޮތަށް ބަދަލުކުރުމުގެ ކަވި މަސައްކަތެއްގަ އެވެ. އެގޮތް މިގޮތަށް ފުށްގަނޑަށް ބަދަލުގެނެސް އޭނާ ހިތްހަމަޖެހޭވަރުވުމުން ކިޔެވި އެއްޗެއް ކިޔަވާފައި އެ ފުށްގަނޑުގައި އަނގަޖެހިތަނާ އެހެން މީހަކަށް އެތަނަށް އާދެވިއްޖެ އެވެ. ގަބޫލުކުރެވިފައި އޮންނަ ގޮތުން އެފަދަ ކަމެއް ކުރާ ތަނަކަށް އެހެން މީހަކަށް އާދެވޭނީ އޭގެ ކުރިއަށް ކިޔަވަންޖެހޭ ކިޔެވެލިތަކުން އެތަނެއް ފަރުދާކޮށްފައި ނެތުމުންނެވެ. އެތަނަށް އާދެވުނީ ވިލިނގިލީ މޫސާފުތާއަށެވެ. 'ވެރިމީހާ ހަދައިގެން ކަނީ ކީއްވެހޭ' އޭނާ ހަރުއަޑުން ގޮވަންފެށުމުން އަލީތަކުރުފާނަށް އެކަން ކުރެވޭ ގޮތް ނުވީ އެވެ.

މި ސިހުރު ހެދީ އަމީންދީދީ އަވަހާރަކޮށްލުމުގެ ބޭނުމުގައި ކަމަށް އަލީތަކުރުފާނުގެ އިއުތިރާފު ބަޔާނުގައި ބުނެފައި އޮވެއެވެ.

މިކަމެއް ހިނގިފަހުންވެސް އަލީތަކުރުފާނު އޭނާގެ މަސައްކަތް ހުއްޓައެއް ނުލަ އެވެ. ދެން ކުރި ކަމަކީ ހައިވަކަރުން އަބެއް ހަދައިގެން އޭގައި ލިޔުނު އެއްޗެއް ލިޔެ، ވެސްނުލުން ކަޅިކޮށްގެން، އެއަށް ފެން މަތުރާ މަހާނައަކަށް ޖެހީ އެވެ. މިއީވެސް އޭގެ ނަތީޖާއެއްގެ ގޮތުން އަމީންދީދީ އަވަހާރަވާނޭ ކަމަށް ގަބޫލުކޮށް އެ އީމާނުގައި ކުޅަ ކަމެކެވެ. މި އަބެއް ޖެހީ ވިލިނގިލީ އަލިއާ ކިޔާ މީހެއްގެ މަހާނައަށް ކަމަށް ހިލިހިލާގޭ ރެކިފުތާ ކިޔައިދިނެވެ. މި މައްސަލައާ ގުޅިގެން އޮޅަދީދީ ކަތީބު އިސްވެހުރެ ހިންގި ތަހުގީގަށް އެ ބުނާ އަލިއާގެ މަހާނައަށް ޖެހި އަބު ހޯދި އެވެ. ރެކިފުތާ ދިން މައުލޫމާތު ދިމާވެ އެވެ.

މި ކަންކަމުގެ އިތުރުންވެސް ކުދިކުދި ބައިވަރު މަންތަރެވެ. ކަށިމަލެއް ހަތަރު އަރިކޮށް އޭގައި ލިޔެ ކަފުންކޮށްގެން ސިހުރެއް ހެދި އެވެ. އޮޑިހަނެއްގައި ލިޔެ ގޭގެ އަލަމާރީގެ ތިރީގައި ވަތަށް ބޭއްވި އެވެ. އޮޅަދީދީ ކަތީބުގެ ތަހުގީގު ޓީމުން ވަނީ ހެކީގެ ގޮތުގައި މި އޮޑިހަނުވެސް ހޯދާފަ އެވެ.

އަމީންދީދީ ވިލިނގިއްޔަށް ވަޑައިގަތުން

ވިލިނގިލީގައި ތިބެގެން ބަޔަކު ހަދަމުން ގެންދިޔަ ސިހުރުގެ އަސަރު އަމީންދީދީއަށް ކުރި އެވެ. ރާއްޖެތެރޭގައި ފުރަތަމަ ބޭނުންކުރި އިންޖީނު އުޅަނދު، ހައިސިންތުން ހުވަދޫއަށް ކުރެއްވި ދަތުރަކީ މިކަންކަން ހަމައަކަށް އަޅުއްވަން ކުރި ދަތުރެއްކަމަށް ވެއެވެ. ދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންނެވީ ކޮލަމާފުށްޓަށެވެ. 'އެކި ކަންކަން ހިނގާ ގޮތް' ގައި ލިޔުއްވާފައިވާ ގޮތުން ސިހުރުގެ މައުލޫމާތު އަމީންދީދީއަށް ލިބިވަޑައިގަތީ ކޮލަމާފުށީ ވެރިންގެ ފަރާތުންނެވެ. އެހެންނަމަވެސް، ހިލިހިލާގޭ ރެކިފުތާ ދުށްކަމަށް އޭނާ ކިޔައިދިން ވާހަކަތަކަށް ބަލާއިރު 'އެކި ކަންކަން ހިނގާ ގޮތް' ގައި ލިޔުއްވާފައި އެއޮތީ ހަގީގަތުން ބައެއް ކަމަށް ބުނެވޭނެ ޖާގަ ލިބެ އެވެ.

ހައިސިންތު ހުވަދޫ ދަތުރަށް ފެއްޓެވީ ރައީސް އަމީން ސިލޯނަށް ކުރެއްވި ދަތުރުފުޅަކަށް ފަހުގަ އެވެ. އެ ދަތުރުފުޅަކީ ކަރުފުޅަށް ބޭސްކުރެއްވުމަށް ކުރެއްވި ދަތުރެކެވެ. ކަރުފުޅަށް އަނިޔާވެފައި ހުރިކަން ބޭރުފުށުންވެސް އެނގެން ހުރިކަމަށް ވެއެވެ. ވިލިނގިއްޔަށް ވަޑައިގަތުމާއެކު ހޯއްދެވީ ދޮންއަހަންމަދުގެ ގެ އެވެ. އަރިހުގައި ތިއްބެވީ ދެ އަންހެން ބޭފުޅުންނެވެ. އެގެއަށް ވަޑައިގެން ގޭގެ ދެދޮރުކަނީގައި އަތްޕުޅުއަޅުއްވައި އަރިހުގައި ތިއްބެވި ބޭފުޅުންގާތުގައި 'ސިހުރުގެ ބަފާ އެއޮތީ' ކަމަށް ވިދާޅުވިކަމަށް ވެއެވެ. އޭރު ދޮންއަހަންމަދުގެ ލޮލުހާލު ދެރަ އެވެ. ތިއީ ކޮން ބޭފުޅެއްތޯ ސުވާލުކުރުމުން އަމީންދީދީ އެތެރެއަށް ވަދެވަޑައިގެން ދޮންއަހަންމަދުގެ ކިހިލިފައްޗަށް އަތްޕުޅުލައްވައި ނަންގަވައި ކޮޅަށް ބޭންދެވި އެވެ. އަދި 'މިއީ ރާއްޖޭގެ ވެރިމީހާއޭ. ކަލޭގެ ދަރިފުޅު އަހަރެންގެ ކަރުގައި ހިފީމާ އަހަރެން މަރުނުވީ ކިރިޔާ' އޭ ވިދާޅުވި ކަމަށް ހިލިހިލާގޭ ރެކިފުތާ ބުނެފައި އޮވެ އެވެ.

އޭގެ ފަހުން އަމުރުކުރެއްވި ކަމަށްވަނީ ސިހުރުގައި ބައިވެރިވި އެންމެން ތިނަދޫއަށް ގެންދިއުމަށެވެ. 'ކަންކަންހިނގާގޮތް' ގައި ލިޔެފައި އޮންނަ ގޮތުންވެސް، އަމީންދީދީ ވިލިނގިލިން ފުރާވަޑައިގެންނެވީ 'ސިހުރުވެރީން' ތިނަދޫއަށް ގެންދިއުމަށް އަންގަވާފަ އެވެ.

ސިހުރުވެރީން ތިނަދޫއަށް ގެންދިއުމަށް ދޯންޏަށް އަރުވާފައި ތިއްބާ ދޯނީގެ ކުނބަށް އެޅީ ހޮނެކެވެ. ކަނޑައެޅި ވަގުތަށް ނުފުރި މަޑުކުރަންޖެހުނީ އެވެ. އަލުން ދަތުރަށް ފަށައިގަނެވޭ ގޮތްވީ ދޯނީގެ ކުނބު ބަދަލުކޮށްގެންނެވެ. އެއް ބަޔަކަށް މިއީ އިއްތިފާގަކަށްވީއިރު، އަނެއް ބަޔަކު ދުށްގޮތުގައި މިއީ ސިހުރުވެރީންގެ ބާރު ދައްކާލުމުގެ ގޮތުން ކުރި ކަމެކެވެ.

ތަހުގީގު ހިންގުން

ތިނަދޫގައި ތަހުގީގު ހިންގިއިރު އަމީންދީދީ ބައިވެރިވެވަޑައިގެންނެވި އެވެ. ހުކުރު ދުވަހެކެވެ. ތަހުގީގު ފެށުނީ ހެނދުނު 8 ޖެހިއިރު އެވެ. ތަހުގީގަށް ހާޒިރުކުރެވިފައި ތިބީ ހަކީމްދީދީއާއި ދެ އަލީތަކުރުފާނެވެ. ތިން މީހުންވެސް ތިބީ ހިމަރޯނުން ބަނދެފަ އެވެ. އެކަން ހިންގައި ބަލަހައްޓަން ހުރީ ބޮނޑިބަތް ދޮންތުއްތު އެވެ. އޭނާއަކީ އަމީންދީދީ އަރިހުގައި ހައިސިންތުން ވަޑައިގެންނެވި ވަފުދުގައި ހިމެނިވަޑައިގަންނަވާ ވިހި ބޭކަލުންގެ ތެރެއިން ބޭކަލެކެވެ.

ސިހުރުވެރިންގެ ތެރެއިން ދޮންދިޔެގެ އަލީތަކުރުފާނު ގެންދިޔައީ އޭނާގެ މައްޗަށް ކުރެވޭ ހުރިހާ ތުހުމަތަކަށް އިންކާރު ކުރަމުންނެވެ. ތަހުގީގުގައި އޭނާއަށް ބާރު އަޅަމުން ގެންދިޔައީ އިއުތިރާފުވުމަށެވެ. ބޮނޑިބަތް ދޮންތުއްތު ގެންދެވީ އަލީތަކުރުފާނު ބަނދެފައި ހުރި ހިމަރޯނަށް ފަހަރަކު ފަށެއް އިތުރުކޮށް ވާންކުރަމުންނެވެ. އޭނާ އެއްބަސްވެ އެކަމުގެ މައްޗަށް ބަޔާންދީ ސޮއިކުރަންދެނެވެ. މި މަންޒަރު ބައްލަވަން ތަހުގީގު ޓީމުގެ ބައިވެރިއެއްގެ ގޮތުގައި އަމީންދީދީ އިންނެވި އެވެ.

ސިރުހުވެރީން އެމީހުންގެ ކުށަށް 'އިއުތިރާފްވުމާއެކު' އެމީހުން މާލެ ގެނެވުނެވެ. ކުރެވުނީ ބޮޑު ތަހުގީގެކެވެ. ޝަރީއަތުން ބަލައި ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއް ނަމަވެސް، ކަމުގެ ބޮޑުކަމުން ރައްޔިތުންގެ ގެއިންވެސް އެ މައްސަލައިގެ ތެރެއަށް ވަނެވެ.

ރައްޔިތުންގެ ގޭގައި ކުރެވުނު ދިގު ބަހުސަކަށްފަހު ނިންމީ، ވީރުއަލީދީދީ އަވަހާރަކޮށްލުމުގައި ބައިވެރިވިކަމަށް ފެންނަ މީހަކު މެރުމަށް އަމުރުކުރުމަށާއި، އެނޫން މީހުންނަށް އެމީހަކު ބައިވެރިވީ ނިސްބަތަކަށް ބަލައި އަދަބު ދިނުމަށް އުއްތަމަފަނޑިޔާރު އަބްދުﷲ ފަހުމީދީދީ ގެ ކިބައިން އެދިވަޑައިގަތުމަށެވެ. ރައްޔިތުންގެ ގެއިން އެގޮތަށް އެދިވަޑައިގެންނަވާކަން އެންގެވުމަށް އުއްތަމަފަނޑިޔާރަށް ސިޓީ ފޮނުއްވީ އޭޕްރިލް 2، 1953 ގަ އެވެ.

އެ ސިޓީއަށް އުއްތަމަފަނޑިޔާރު ޖަވާބުދެއްވީ ޖެހިގެން އައި ދުވަހު އެވެ. ވިދާޅުވީ، 'ކުށުގެ ބާވަތްތައް ގިނަވަމުން، މީހުންގެ އަހުލާގު ދަށްވަމުންދާ ދުވަސްވަރެއްގައި ހައްގު ދީނާ ތަބާވުމަށް އަޅުގަނޑަށް ގޮވާލިކަން މައްޗަށް ރައްޔިތުންގެ ގޭގެ މާތް ރައީސަށާާއި، ރައްޔިތުންގެ ވަކީލުންނަށް ދީނުގެ ނަމުގައި ޝުކުރު ދަންނަވަން' ކަމަށެވެ. އަދި ކުށް ސާބިތުވެއްޖެ މީހެއްގެ މައްޗަށް ހައްގު އަދަބު ކަނޑައަޅުއްވާނޭކަމަށް އުއްތަމަ ފަނޑިޔާރުގެ ސިޓީފުޅުގައި ވިދާޅުވެފައި އޮވެއެވެ.

ޝަރީއަތް ހިންގީ އޭޕްރިލް 7، 1953 ދުވަހު ނާދީތަމައްދުންގަ އެވެ. އެ ޝަރީއަތުގައި ހަކީމްދީދީ 'ފަށްފަށުންވީ އިއުތިރާފުން' ކުށް ސާބިތުވާތީ އޭނާ މެރުމަށް ހުކުމް ކުރެވުނެވެ. ވީރުއަލީދީދީ އަވަހާރަކޮށްލުމަށް ހަކީމް ދީދީގެ އެންގުމުގެ މަތީން ހިކާ ލައިގެން ސައި ކައްކައިދިން ދޮންއަހުމަދުގެ އާއިސާފާނަށް ކަނޑައެޅުނު އުގޫބާތަކީ 39 އެތިފަހަރުން ތައުޒީރުކުރުމާއެކު އުމުރު ނިމިއްޖެއުމަށް ދާންދެން ހައްޔަރުކޮށްފައި ބޭއްވުމެވެ. ދެ އަލީތަކުރުފާނާ މެދުވެސް ކުރެއްވީ މި ހުކުމެވެ.

ދޮންދިޔެގެ އަލީ ތަކުރުފާނު ޝަރީއަތުގެ މަޖިލީހުގައި ކުޅައީ އިންކާރެވެ. އޭނާގެ މައްޗަށް ކުށްސާބިތުވާކަމަށް ނިންމީ 'ވަޒީރުއްދާހިލިއްޔާއާއި، ހުވަދުއަތޮޅުގެ ނާއިބުންނާއި ރައްޔިތުންގެ ގޭގެ ތިންހަތަރު މެންބަރެއްގެ ހާޒިރުގައި އޭނާ ހަވަރުތިނަދޫގައި ސޮއިކުޅަ ލިޔުމުގެ މައްޗަށް ބުރަވެހުންނަވަ އެވެ.' އެ ހަވާލާދިން ލިޔުމަކީ ތަހުގީގުގައި އަލީތަކުރުފާނު ހިމަރޯނުންބަނދެ، ފަށަކަށްފަހު ފަށެއް އިތުރުކޮށް ވާންކުރަންފެށީމާ އޭނާ ސޮއިކުރި ލިޔުމެވެ.

މި ތަހުގީގާއި ޝަރީއަތް ހިނގިއިރު އަނީސް ވަނީ ކޮޅުނބަށް ފުރި އޮޑިއަކަށް އަރައިގެން ރާއްޖެ ދޫކޮށް ގޮސްފަ އެވެ. ފަހުން ސަރުކާރު ހަބަރުގައި ލިޔެފައިވާ ގޮތުން އެއޮޑި ހަލާކުވެ އޭނާވެސް ކަނޑުވީ އެވެ.

ނިންމުން

މި ލިޔުމުގައި މިވާ ސިހުރުގެ ގަބޫލުކުރުންތަކުގެ ވާހަކަ ވިދާޅުވެ ހިނިފުޅުވެޑުވޭ ގޮތް ވީނަމަވިޔަސް މައްސަލައެއް ނެތެވެ. އެއީ މިކަހަލަ ޒަމާނެއްގައި ބައެއް މީހުންގެ މެދުގައި ނަމަ އުފެދުން ލާއިގު އިހުސާސެކެވެ. އެހެނަސް އެ ޒަމާނުގައި ފަންޑިތައާ ސިހުރަކީ ހުރިހައި ތަކުލީފެއްގެ ފަރުވާ އެވެ. ހަގީގީ ބާރުވެރިންނަކީ ފަންޑިތަވެރިންނެވެ. އާދައިގެ ހުމަށް ފަރުވާ ކުރުމުން ފެށިގެން ދައުލަތުގެ އެންމެ މަތީ ވެރިކަމުގައި ދެމި ހުންނާނީ ކާކުކަން ކަނޑައެޅުންވެސް އޮތީ ސިހުރުގެ ބާރުގަައި ކަމަށް ގަބޫލުކުރި ގިނަ ބަޔަކު އޭރު އުޅުނެވެ.

ހަކީމްދީދީއާއި އޭނާގެ ބައިވެރިންގެ މައްޗަށް ހިންގި ތަހުގީގާއި ޝަރީއަތުގައި އިންސާފުވެރިކަމާ ދުރު ކިތަންމެ ކަމެއް ފެންނާން އެބަހުއްޓެވެ. މި ލިޔުމުގައި އަޅުގަނޑު ބަލާލަން ބޭނުންވީ އެ ކަމަކަށް ނޫނެވެ. އެ ޒަމާނުގައި ދިވެހިންގެ ތެރޭގައި ހުރި ބައެއް ގަބޫލުކުރުންތަކުގެ ތެރެއިން މިންވަރެކެވެ. ސިހުރަކީ އޭގެ ޒާތުގައި ހަގީގަތެއް ކަމާމެދު ދެބަސްވެވޭކަށް ނެތެވެ. މި ހާދިސާގައި، ނުނިޔަތާއި، ހަސަދައިން ފެށިގެން އައި ކަނިތައް ބޮޑު ހުޅަކަށް ބަދަލުވެ، އެތައް އާއިލާއެއްގެ ދިރިއުޅުމުގެ އިންތިޒާމުތައް އަބަދަށް ބަދަލުކޮށްލި ސަބަބަކީ ވެސް ސިހުރުގެ ގަބޫލުކުރުންތަކެވެ.

މައުލޫމާތު؛

އެކި ކަންކަން ހިނގިގޮތް 1 ޖެނުއަރީ 1953 އިން 17 ސެޕްޓެމްބަރު 1955

އަލީ ހުސައިން، ދުށްތަނާ އިވުނުއަޑުގެ ހަނދާންހުރިބައި 3

ސަރުކާރު ހަބަރު، 118 ވަނަ އަދަދު

ޑަރކްނަސް އެންޑް ޑީޑީސް، ޑެނިއެލް ބޯސްލޭ