Advertisement

ކުޑަކުދިންގެ ހިޔާގައި ހިނގި އަލިފާނުގެ ހާދިސާތަކާ ގުޅިގެން ވެރިންގެ ޖިނާއީ ތަހުގީގެއް ހިންގަން އެދެފި

17 ޖަނަވަރީ 2022 - 18:53 1

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ކުޑަކުދިންގެ ހިޔާގައި ހިނގި އަލިފާނުގެ ހާދިސާއަކަށްފަހު: ކުޑަކުދިންނަށް ޒިންމާވާ މަގާމުތަކުގައި ތިބޭ މީހުން މަސްލޫކިއްޔަތު އަދާ ނުކުރާ ނަމަ ފިޔަވަޅު އަޅަމުންގެންދާނެ -- ފޮޓޯ: ފައިލް


ކުޑަކުދިންގެ ހިޔާގައި ހިނގި އަލިފާނުގެ ހާދިސާތަކާ ގުޅިގެން ވެރިންގެ ޖިނާއީ ތަހުގީގެއް ހިންގަން އެދެފި

17 ޖަނަވަރީ 2022 - 18:53 1

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބަލަހައްޓަމުންދިޔަ ކުޑަކުދިންގެ ހިޔާ ހިންގަމުންދިޔައީ އެތަނުގައި ތިބި ކުދިންގެ ދިރިހުރުމުގެ ހައްގައް ބެލުމެއްނެތި ކަމަށް ކަނޑައަޅައި، ހިޔާގެ އަލިފާނުގެ ހާދިސާތަކާ ގުޅިގެން އިސް ވެރިން ޒިންމާދާރު ކުރެވޭނެ ގޮތަށް ޖިނާއީ ތަހުގީގެއް ހިންގުމަށް ޗިލްރެންސް އޮމްބަޑްސްޕާސަންގެ އޮފީހުން އެދެފި އެވެ.

ކުޑަކުދިންގެ ހިޔާ ހިންގަމުންދިޔައީ އެތަނަކީ "ކުޑަކުދިން ބޭތިއްބުމަށް އެކަށީގެންވާ ތަނެއް ނޫން ކަމަށް" މެއި 4، 2021 ގައި އޮމްބަޑްސްޕާސަންގެ އޮފީހުން އަންގާފައި އޮއްވާ ކަމަށް އެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

"ކުޑަކުދިން ބައިތިއްބާ އޯލްޓަރނޭޓިވް ކެއަރ ފެސިލިޓީތަކުގައި، އަލިފާނުގެ ހާދިސާއިން ކުދިންނާއި މުވައްޒަފުން އަދި ތަން ސަލާމަތްކުރުމަށް ބޭނުންވާނެ އާލަތްތައް ހުރުން ގާނޫނުތަކާއި ގަވާއިދުތަކުން ލާޒިމްކުރި ނަމަވެސް، ކުޑަކުދިންގެ ހިޔާގައި ބޭނުންކުރެވޭ ގޮތަށް ހުރި އެފަދަ އެއްވެސް ވަސީލަތެއް ނެތްކަން ފާހަގަކުރެވިފައިވޭ،" އެ ބަޔާނުގައިވެ އެވެ.

އޮމްބަޑްސްޕާސަންގެ އޮފީހުން ބުނެފައި ވަނީ ޖެންޑާ މިނިސްޓްރީން ކުޑަކުދިންގެ ހިޔާ ހިންގަމުންދިޔައީ "މި އެންގުމަށް ސަމާލުކަންނުދީ، އަލިފާނުން ރައްކާތެރިކުރުމަށް ބޭނުންވާނެ ސާމާނު ހޯދުމެއް ނެތި" ކަމަށެވެ. އަދި "އަލިފާނުގެ ހާދިސާތަކުން ކުޑަކުދިންނާއި ތަން ރައްކާތެރިކުރުމަށް ބޭނުންވާނެ ފިޔަވަޅުތައް އެޅުމެއްނެތި" ހިޔާ ހިންގާފައި ވަނީ އެތަނުގައި ތިބި ކުޑަކުދިންގެ ދިރިހުރުމުގެ ހައްގާއި ހެދިބޮޑުވުމުގެ ހައްގައް އުނިކަން އަންނާނެ ގޮތަށް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

"އަލިފާނުގެ ހާދިސާތަކާ ގުޅިގެން، މަރުކަޒުގެ މަސްއޫލު މަގާމުތަކުގައި ތިބި މުވައްޒަފުން ޖަވާބުދާރީ ކުރުވޭނެހެން ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް، ދިވެހި ފުލުހުންގެ ހިދުމަތުގައި މި އޮފީހުންވާނީ އެދިފަ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ ފަހުން، "ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ ޒިންމާ" އޮތް މުވައްޒަފުން މަސްއޫލިއްޔަތު އަދާނުކުރާނަމަ ފިޔަވަޅު އަޅަމުންގެންދާނެ ކަމުގެ އިންޒާރު ވެސް އެ އޮފީހުން ދީފައިވެ އެވެ.

"ގާނޫނުތަކާއި ގަވާއިދުތަކުން ކަނޑައަޅާފައިވާ ގޮތުގެމަތިން [މަސްއޫލިއްޔަތު] އަދާނުކުރާ ނަމަ، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހަށް ގާނޫނުން ލިބިދީފައިވާ ދާއިރާގެ ތެރޭގައި ތަންދޭ އެންމެ ފުޅާ މިނެއްގައި އަޅަމުންގެންދާނެކަމުގެ ޔަގީންކަން އަރުވަން،" އެ ބަޔާނުގައިވެ އެވެ.

އޭގެ އިތުރުން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓާނެ ގޮތުގެ އުސޫލުތައް އެކުލަވާލުމަކީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސާސްގެ ގާނޫނީ ޒިންމާއެއް ނަމަވެސް މިހާތަނަށް އެފަދަ އުސޫލުތައް ކަނޑައަޅާފައިނުވާ ކަމަށް އޮމްބަޑްސްޕާސަންގެ އޮފީހުން ބުނެފައިވެ އެވެ.