Advertisement

އޮމިކްރޯންގެ ނުރައްކާ ބޮޑީ ވެކްސިން ނުޖަހާ މީހުންނަށް: ޑަބްލިއުއެޗްއޯ

13 ޖަނަވަރީ 2022 - 14:59 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ކެނެޑާގައި މީހަކަށް ކޮވިޑް ވެކްސިން ދެނީ. -- ފޮޓޯ: ބްލޫމްބާގް


އޮމިކްރޯންގެ ނުރައްކާ ބޮޑީ ވެކްސިން ނުޖަހާ މީހުންނަށް: ޑަބްލިއުއެޗްއޯ

13 ޖަނަވަރީ 2022 - 14:59 0

ޖެނީވާ، ސްވިޓްޒަލޭންޑް (ޖެނުއަރީ 13) - ކޮވިޑް ފަތުރާ ވައިރަހުގެ އޮމިކްރޯން ވޭރިއެންޓުގެ ނުރައްކާ ބޮޑީ ވެކްސިން ނުޖަހާ ތިބި މީހުންނަށް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

ޑަބްލިއުއެޗްއޯ އިން ބުނީ މިހާރު ދުނިޔޭގައި ހަލުވިކަމާ އެކު ކޮވިޑް ފެތުރެނީ އޮމިކްރޯންއާ ހެދި ކަމަށާއި މިއީ ޑެލްޓާއަށް ވުރެ އެތައް ގުނައެއް ހަލުވި ވޭރިއެންޓެއް ކަމަށެވެ.

މިދިޔަ ހަފްތާގައި އެކަނިވެސް ކޮވިޑް 15 މިލިއަން ކޭސް ޑަބްލިއުއެޗްއޯއަށް ރިޕޯޓުކުރި އެވެ. އެތައް މިލިއަން ކޭސް ރިކޯޑް ނުކުރެވި ދާނެ ކަމަށް ސިއްހަތު ޖަމިއްޔާއިން ބުނެ އެވެ.

ނަމަވެސް ޑަބްލިއުއެޗްއޯ އިން ބުނީ މި ވޭރިއެންޓަށް އަމާން ދީގެން ނުވާނެ ކަމަށާއި މިއީ ބަލިމަޑުކަން ނިންމަން އޮތް ގޮތް ކަމަށް ހީވާ ހީވުމަކީ ގޯހެއް ކަމަށެވެ.

"އޮމިކްރޯންގައި ޑެލްޓާއަށް ވުރެ ބަލިވުން ކުޑަވިޔަސް، މިއީ ހަމަ ނުރައްކާތެރި ވައިރަހެއް. ވަކިން ހާއްސަކޮށް ވެކްސިން ނުޖަހާ ތިބި މީހުންނަށް،" ޑަބްލިއުއެޗްއޯގެ ވެރިޔާ ޓެޑްރޯސް އަދަނޮމް ވިދާޅުވި އެވެ.

"މި ވައިރަހަށް މިނިވަންކޮށް ކުރިއަށް ދާން ނުވަތަ ހުދު ދިދައެއް ނެރި އަމާން ދީގެން ނުވާނެ. ދުނިޔޭގައި އެތައް ބަޔަކަށް އަދި ވެކްސިން ޖެހިފައި ނުވާއިރު، އެކަން ވާނީ ގޯހަކަށް."

ޓެޑްރޯސް ވިދާޅުވީ ހޮސްޕިޓަލުގައި އެޑްމިޓުކޮށް ފަރުވާ ދޭން ޖެހޭ މީހުންގެ "ބޮޑު މެޖޯރިޓީ" އަކީ ވެކްސިން ނުޖަހާ ތިބި މީހުން ކަމަށެވެ.

ވެކްސިންއާ އެކު ބަލީގެ ސީރިއަސްކަން ކުޑަވެ، މަރާ ދުރުކޮށްދިން ނަމަވެސް، ވެކްސިންގެ ސަބަބުން ބަލު ފެތުރުން ނުހުއްޓެ އެވެ.

"ބޮޑަށް ބަލި ފެތުރޭ ނަމަ އޭގެ މާނައަކީ އެޑްމިޓު ކުރުން އިތުރުވާނެއޭ. އެހެން ވެއްޖެ ނަމަ، މަރުތައް އިތުރުވެ، ގިނަ ބަޔަކު ހިމެނޭ ގޮތަށް ސިއްހީ މަސައްކަތްތެރިންނާއި ޓީޗަރުންނަށް ވަޒީފާއަށް ނުނިކުމެވި، ހަލުވިކަމާ އެކު ފެތުރޭ މިއަށްވުރެ ނުރައްކާ ވޭރިއެންޓެއް ފެނުމުގެ ފުރުސަތު ބޮޑުވާނެ."

ޓެޑްރޯސް ވިދާޅުވީ ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު ހަފްތާއަކު 50،000 ގައި ހިފެހެއްޓިފައިވާ ކަމަށެވެ.

"ވައިރަހާ އެއްކޮށް އުޅެން ދަސްކުރުމުގެ މާނަ އަކީ، މިހާ ގިނަ އަދަދެއްގެ މަރުތަކާ އެއްކޮށް އުޅެން ދަސްވުމެއް ނޫން."

ޑަބްލިއުއެޗްއޯ އިން ކުރިން އަމާޒު ހިފީ މިދިޔަ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ކޮންމެ ގައުމެއްގެ 10 ޕަސެންޓަށް ވެކްސިން ދީ، ޑިސެމްބަރު މަސް ނިމުމުގެ ކުރިން 40 ޕަސެންޓަށް އަދި 2022 ވަނަ އަހަރުގެ މެދަކާ ހަމައަށް ދާއިރު 70 ޕަސެންޓަށް ވެކްސިން ދިނުމަށެވެ.

ނަމަވެސް 90 ގައުމަކަށް އަދިވެސް އާބާދީގެ 40 ޕަސެންޓަށް ވެކްސިން ދިނުމުގެ ޓާގެޓަށް ވާސިލްނުވެވެ އެވެ. އޭގެ އިތުރުން 36 ގައުމަކަށް އާބާދީގެ 10 ޕަސެންޓަށް ވެކްސިން ދެވިފައެއް ނުވެ އެވެ.

"އެފްރިކާގައި 85 ޕަސެންޓު މީހުންނަށް ވެކްސިން އެންމެ ޑޯޒެއް ވެސް އަދި ނުލިބޭ. މި ބާގަނޑު ނުލެއްޕޭ ނަމަ ބަލިމަޑުކަމުގެ މި މަރުހަލާ ނިމުމަކަށް ނުގެނެވޭނެ،" ޓެޑްރޯސް ވިދާޅުވި އެވެ.

ޑަބްލިއުއެޗްއޯ އިން ބުނީ ޖެނުއަރީ ހަ ވަނަ ދުވަހުގެ ނިޔަލަށް 149 ގައުމަކުން އޮމިކްރޯން ފެނިފައިވާ ކަމަށެވެ.

މި ވޭރިއެންޓްގެ ހަލުވިކަމާ ހެދި، މިއަށްވުރެ ނުރައްކާތެރި ވޭރިއެންޓްތައް ފަހަތަށް ޖެއްސުމަށް ފަހު، ބަލިމަޑުކަމަށް ނިމުމެއް ގެންނަން އޮމިކްރޯން އެހީވާނެ ކަމަށް ބައެއް މީހުން އުއްމީދު ކުރެ އެވެ. ނަމަވެސް ޑަބްލިއުއެޗްއޯ އިން ތަކުރާރުކޮށް ބުނަމުން ދަނީ ވެކްސިންގެ ނަހަމަކަން އޮއްވާ ބަލިމަޑުކަން ނުނިމޭނެ ކަމަށެވެ.

ޓެޑްރޯސް ވިދާޅުވީ މާބަނޑު މީހުންނަށް އޮމިކްރޯން ވޭރިއެންޓް ޖެހުމުގެ ނުރައްކާ ވަކި ބޮޑު ނޫން ނަމަވެސް، ޖެހިއްޖެ ނަމަ ބަލީގައި ބޮޑުވަރުވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

އެހެންކަމުން އޭނާ ގޮވާލެއްވީ މާބަނޑު މީހުންނަށް ވެކްސިން ފޯރުކޮށްދީ، މުޅިން އާ ވެކްސިންތަކާއި ފަރުވާތަކުގެ ދިރާސާގައި މާބަނޑު މީހުން ހިމަނައިގެން ކުރިއަށް ދިޔުމަށެވެ.