Advertisement

ރާއްޖޭގައި ކޮވިޑް ކޭސްތައް 10 ދުވަހުގެ ތެރޭ ގާތްގަނޑަކަށް ތިން ގުނަ އިތުރުވެއްޖެ

12 ޖަނަވަރީ 2022 - 12:01 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ސޯޝަލް ސެންޓަރުގެ ބޭރުގައި ހިލޭ ކޮވިޑަށް ޓެސްޓު ކުރަން ކިޔު ހަދާފައި. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ރާއްޖޭގައި ކޮވިޑް ކޭސްތައް 10 ދުވަހުގެ ތެރޭ ގާތްގަނޑަކަށް ތިން ގުނަ އިތުރުވެއްޖެ

12 ޖަނަވަރީ 2022 - 12:01 0

ރާއްޖޭގެ ކޮވިޑް ކޭސްތައް 10 ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް ތިން ގުނަ އިތުރުވެފައިވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުން ދައްކައިފި އެވެ.

އެޗްޕީއޭގެ ހިސާބުތަކަށް ބަލާއިރު މި ޖެނުއަރީ މަހުގެ ދެ ވަނަ ދުވަހުން ފެށިގެން ގޮސް އިއްޔެއާ ހަމައަށް ހޭދަވި ނުވަ ދުވަހުގެ ތެރޭގައި ކޮވިޑްގެ ކޭސްތަކުގެ އަދަދު ވަނީ 268 ޕަސެންޓު އުފުލިފަ އެވެ.

އެގޮތުން ޖެނުއަރީ ދެ ވަނަ ދުވަހު 161 ކޭސް ރިޕޯޓު ކުރިއިރު، ޖެނުއަރީ 11 ވަނަ ދުވަހު 593 ކޭސް ރިޕޯޓުކޮށްފައިވާކަން ކޮންމެ ރެޔަކު ވެސް އެޗްޕީއޭއިން އާންމުކުރާ ތަފާސްހިސާބުން ދައްކަ އެވެ.

މި ޖެނުއަރީ މަސް ފެށި ފަހުންކޮންމެ ދުވަހަކު ވެސް ކޭސްތައް އިތުރުވަމުން ގޮސްފައި ވާއިރު، އެޗްޕީއޭ އިން އަންގާރަ ދުވަހު ބުނީ ރާއްޖޭގައި މިހާރު އޮތީ ހަލުވިކަމާ އެކު ފެތުރޭ އޮމިކްރޯން ވޭރިއެންޓްގެ ކޮމިއުނިޓީ ސްޕްރެޑެއް ކަމަށެވެ.

"ޑެލްޓާ ވޭވްއަށް ވުރެ ކޭސްތައް ގިނަވާނެ ކަމަށް، އަދި ގާތްގަނޑަކަށް ޖެނުއަރީ މަހުގެ ފަހުކޮޅާ ހަމައަށް ދާ އިރު ނޫނީ ފެބްރުއަރީ މަހުގެ ކުރީކޮޅު ހަމަ ޕީކެއް ފެންނާނެ ކަަމަށް ޕްރޮޖެކްޝަންތަކުން ދައްކަނީ،" ހެލްތު މިނިސްޓްރީގައި އަންގާރަ ދުވަހު ބޭއްވި މީޑިއާ ބްރީފިންގައި އެޗްޕީއޭގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ އޭޕްރިލް މަހުން ޖުލައި މަހުގެ ނިޔަލަށް ކުރިމަތިވި ޑެލްޓާ ވޭރިއެންޓްގެ ރާޅުގައި ކޭސްތައް އެންމެ މަތިވިއިރު ހުރީ ދުވާލަކު އެވްރެޖުކޮށް 1،600 އަށް ވުރެ މަތީގަ އެވެ.

ނަޒްލާ ވިދާޅުވީ ކޮވިޑްގެ ޕީކް ފެންނާނީ ހަމައެކަނި މާލޭގައި ނޫން ކަމަށާއި މުޅި ރާއްޖޭގައި ވެސް ކޭސްތައް އިތުރުވާނެ ކަަމަށް ލަފާކުރެވޭ ކަމަށެވެ.

ތަފާސްހިސާބުން ދައްކާ ގޮތުގައި ޖެނުއަރީ ދެ ވަނަ ދުވަހު މާލެއިން ފެނުނީ 40 ކޭސް، މީހުން ދިރިއުޅޭ ރަށްރަށުން 41 ކޭސް އަދި ރިސޯޓުތަކުން 80 ކޭސް ފެނުނެވެ. ނަމަވެސް ޖެނުއަރީ 11 ވަނަ ދުވަހު މާލެއިން ފެނުނީ 199 ކޭސް، މީހުން ދިރިއުޅޭ ރަށްރަށުން 197 ކޭސް އަދި ރިސޯޓުތަކުން 124 ޕޮޒިޓިވް ކޭސް އެވެ.

އެހެންކަމުން، ލަފާކުރެވޭ ގޮތުގައި މުޅި ރާއްޖޭގައި ވެސް މިހާރު ބަލި ފެތުރެމުން ދަނީ އެއް ރޭޓެއްގަ އެވެ.

ނަޒްލާ ވިދާޅުވެފައިވާ ގޮތުގައި އޮމިކްރޯން ވޭރިއެންޓް ފެތުރޭ ގައުމުތަކުގައި ތިން ދުވަހާއި ހަތް ދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ކޭސްތަކުގެ އަދަދު ދެގުނަވާކަން ވަނީ އެނގިފަ އެވެ.

ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ އަދަދު ވެސް ވަނީ ފާއިތުވި 10 ދުވަސް ތެރޭ ދެ ގުނަ އިތުރުވެފަ އެވެ. އެގޮތުން ޖެނުއަރީ ދެ ވަނަ ދުވަހު 2،463 އިން ޖެނުއަރީ 11، އާ ހަމައަށް ކޭސްތަކުގެ އަދަދު 4،320 އަށް ވަނީ މަތިވެފަ އެވެ.

އޭގެ އިތުރުން، ކޮވިޑް ޖެހިގެން ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދާ މީހުންގެ އަދަދު ވަނީ 13 އިން 20 އަށް އުފުލިފަ އެވެ. ނަމަވެސް މިހާތަނަށް އެނގޭ ގޮތުގައި އޮމިކްރޯން ވޭރިއެންޓްގައި ބަލީގައި ސީރިއަސްވުން ކުޑަވެ އެވެ.

އެކަމަކު ކުއްލިއަކަށް ކޭސްތަކުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެއްޖެ ނަމަ ހޮސްޕިޓަލްތަކާއި ސިއްހީ މަސައްކަތްތެރިންނަށް ބާރުބޮޑުވެދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

ބަލިމަޑުކަން ފެށުނު ފަހުން ރާއްޖޭގައި މިހާތަނަށް ރިޕޯޓުކޮށްފައި ވަނީ އެ ބަލީގެ 99،099 ކޭސް އެވެ. އޭގެ ތެރެއިން މަރުވެފައި ވަނީ 264 މީހުންނެވެ.