Advertisement

ދިއްގަރުގަ ހޯމްސްޓޭ ކާމިޔާބު ވެދާނެތަ؟

5 ޖަނަވަރީ 2022 - 09:17 0

އަހުމަދު ސައީދު

އަހުމަދު ސައީދު

މ. ދިއްގަރަށް ސަފާރީއެއްގައި ދިޔަ ޓޫރިސްޓުންތަކެއް ފޮޓޯ އަކަށް ހުއްޓިގެން: ދިއްގަރުގައި ޓުއަރިޒަމް ފުޅާ ކުރުމަށް ގިނަ ޕްލޭންތަކެއް އެބަހުރި -- އަދަދު ފޮޓޯ/ އަހުމަދު ސައީދު


ދިއްގަރުގަ ހޯމްސްޓޭ ކާމިޔާބު ވެދާނެތަ؟

5 ޖަނަވަރީ 2022 - 09:17 0

ދުރުން ފެންނަނީ ދިގު ތިން އެންޓަނާ ޖަހާފައިވާ ކުޑަ ރަށެކެވެ. ރުއްގަސް މަދެވެ. އަވި މަޑު ދުވަހެއްގައި ވެސް ހޫނު ރަށް، ފުރިފައި ވަނީ ދެ ބުރި އަށް އިމާރަތްތައް ކުރަމުން ގެންދާ ކުދި ގެތަކުންނެވެ. ވައި ޖައްސާލަން ނުކުމެލާނެ ހިތްގައިމު އަތިރި މައްޗެއް އަދި މޫދަށް އެރިލާނެ އެއްވެސް ދިމާލެއް ނެތެވެ.

ހަތަރު މަސް ދޯނި އޮންްނަ ރަށުގެ ގިނަ ޒުވާނުން ވަޒީފާ އަދާކުރަނީ ރިސޯޓު ތަކުގަ އެވެ. ރަށުގައި ކުޑަވަރެއްގެ ދެ މަސް ފެކްޓަރީ ހިންގަ އެވެ. މަގުތައް އޮންނަނީ ކުނި ކަހާ ސާފުކޮށްފަ އެވެ. ކުނީގެ މައްސަލައެއް ނެތެވެ. ބޭކަރީއަކާއި ދިހަ ވަރަކަށް ފިހާރަ ހުންނަ އިރު، 1436 މީހުން ގެ އާބާދީ އަށް ހިދުމަތް ލިބެން ހުރީ އެއް ކެފޭ އެވެ.

ކަނޑު މަޑު ދުވަހެއްގައި ބާރު ދުވެލީގައި މާލެ އިން ފުރައިގެން ދިއްގަރަށް ލޯންޗެއްގައި ދަތުރުކުރުމަށް ހޭދަ ވަނީ ބަރާބަރު ދެ ގަޑިއިރެވެ. ކޮންމެ ދުވަހަކު ލޯންޗް ފެރީ އޮންނައިރު ދިވެއްސެއްގެ އަތުން ދަތުރަކަށް ނަގަނީ 325ރ. އެވެ.

ފަރުމަސް ވެެރިކަމާއި ޑައިވިން އަށް ހާއްސަ ސަރަހައްދުތައް ރަށާއި ކައިރީ އެބަހުއްޓެވެ. ރާއްޖެގައި މުޅިން އަލަށް ހޯމްސްޓޭ ޓޫރިޒަމް ތައާރަފުކުރީ ރިހާކުރު ކެއްކުމަށް މަޝްހޫރު ދިއްގަރުގަ އެވެ. ސުވާލަކީ އެރަށުގައި މިކަން ކާމިޔާބު ވެދާނެ ތޯއެވެ؟

މޫރިތިގެ ގަދަ މުހައްމަދުގެ ބަސް

ހޯމްސްޓޭގެ ފުރަތަމަ ލައިސަންސް ދޫކޮށްފައި ވަނީ، ތިން ކޮޓަރީގެ "މޫރިތި" ގޭގެ ވެރިފަރާތް މުހައްމަދު އަހުމަދު (ގަދަ މުހައްމަދު) އަށެވެ. އަމިއްލަ މަސައްކަތުން އެޅި ގޭގައި ހޯމްސްޓޭ ކާމިޔާބު ވުމަކީ މުހައްމަދުގެ އެންމެ ބޮޑު އުންމީދެވެ.

"އަހަރެންނަކީ މަސްވެެރިއެއް، މިކަން ކުރެވޭނީ ދަރިފުޅަށް، އަހަރެން މިހުރީ މިކަން ކުރިއަށް ގެންގޮސްދޭނެ ކޮންމެ ފަރާތަކާއި ގުޅިގެން ވެސް ކުރިއަށްދާން،" މުރާލި އަދި ކެރޭ މީހެއްގެ ގޮތުގައި މަޝްހޫރު މުހައްމަދު ބުންޏެވެ.

އޭނާ ބުނީ ގޮތުގައި އުއްމިދަކީ ދަރިފުޅާއި ރަށު ކައުންސިލުގެ އެހީތެރި ކަމާއެކު ޓޫރިސްޓުން ގެނައުމެވެ. މޫރީތި ގެއިން ކުރިން ވެސް އައީ ދުވަހު ކުއްޔަށް މީހުން ބައިތިއްބަމުންނެވެ. ދިވެހިންނަށް އެ ގެއިން ކޮޓަރިއެއް ދޫކުރުމަށްމުން ގެންދިޔައީ ރެއަކަށް 350ރ. އަށެެވެ.

ގެސްޓު ހައުސް އެސޯސިއޭޝަނަށް އުއްމީދު އެބަ އޮތް

ގެސްޓު ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ގެ ރައީސް އަބަދުﷲ ނަޝީދު ވިދާޅުވި ގޮތުގައި މީގެ ދިހަ ވަރަކަށް އަހަރު ކުރިން ކ. މާފުށީގައި ގެސްޓު ހައުސްތައް ފެށިގެން އައި ގޮތާއި މާފުށީގެ ތަޖުރިބާ އަށް ބާލާއިރު، ދިއްގަރުގައި ހޯމްސްޓޭ ކާމިޔާބު ކުރެވޭނެ އެވެ.

މ.ދިއްގަރު: ދިއްގަރަކީ ބިން ފުރިފައި އޮތް ބީޗެއް ނެތް ފަށެއް


"ރީތި ބީޗަކާއި އެއްޗެހި ކޮންމެހެން އޮންނާކަށް ނުޖެހޭނެ ޓޫރިޒަމް ތައާރަފު ކުރާކަށް، ކައިރީގައި ސޭންޑް ބޭންކެއް އޮތިއްޔާ އެކަން ފުދޭނެ،" ނަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާފުއްޓަކީ ރާއްޖޭގެ ނިސްބަތުން ހަޑި ބީޗެއް އޮތް ރަށެއް ކަމަށެެވެ. ރާއްޖޭގެ އެންމެ މަގުބޫލު ޓޫރިޒަމް މަންޒިލަށް މާފުށި ވެގެން ދިޔައީ ވަސީލަތްތައް ފުޅާކޮށް، ރީތި ބީޗު އޮންނަ ތަންތަނަށް ޓޫރިސްޓުން ގެންދެވޭނެ އިންތިޒާމުތަކާއި ޓޫރިސްޓުންނަށް ބޭނުންވާ ގިނަ ކަންތައް ތަކެއް ފުރިހަމަ ކޮށްދެވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މީހުން ބޭތިއްބޭނެ ގޮތް އެކަނި ހަމަޖެއްސި ނަމަވެސް ޓޫރިސްޓުންނެއް ނުގެނެވޭނެ އެވެ. ޓޫރިސްޓުން ގެނައުމަށްޓަކައި ދަތުރުފަތުރު ފަަސޭހަވެ، އެތަނެއް އިސްތިހާރު ކުރަން ވެސް ޖެހޭނެ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ދިއްގަރު ޖެނެރަލް މެނޭޖަރުގެ ބަސް

ހޯމްސްޓޭގެ ގަވާއިދުގެ ދަށުން އެ ހިދުމަތްދޭ ރަަށެއްގައި ޖެނެރަލް މެނޭޖަރަކު ހުންނަން ޖެހެ އެވެ. ދިއްގަރުން ރަށުގެ ޖެނެރަލް މެނޭޖަރަކަށް ހަމަޖައްސާފައި ވަނީ ކައުންސިލުގެ ރައީސް އަހުމަދު ނިޝާން އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގޮންޖެހުން ތަކެއް ހުރި ނަމަވެސް، ރިސޯޓުތަކުގައި މަަސައްކަތްކުރާ ދިއްގަރުގެ ޒުވާނުންގެ އެހީތެރިކާއެކު ރަށުގައި ހޯމްސްޓޭ ކާމިޔާބު ކުރެވޭނެކަމުގެ އުއްމީދު އެބަ އޮތެވެ.

"އެބައޮތް ވަރަށް ވަރުގަދަ ރިސޯސެއް. އެއީ މިހާރު ޓޫރިޒަމްގައި އުޅޭ އަދި އުޅެފައި ތިބި ކުދިން، އެ މީހުންގެ ރިޕީޓާސް އެބަ ތިބި ވަރަށް ބައިވަރު، އޭގެ ތެރެއިން ފަށައި ގަންނާނީ،" ދިއްގަރުގެ ރޭވުން އޭނާ ކިޔައިދެއްވި އެވެ.

ނިޝާން ވިދާޅުވީ ރަށުގެ ޒުވާނުންނާއި އެހެން ފަރާތްތަކުގެ ވެސް އެހީތެރި ކަމާއެކު ރާއްޖެއިން ބޭރުގައި މާކެޓްކޮށް ރަށަށް ޓޫރިސްޓުން ގެނެވޭނެ ކަމަށެވެ. ޓޫރިޒަމަށް ދިއްގަރުގެ ހާއްސަކުރުމުގެ ވަރަށް ބޮޑު ވިސްނުމެއް އެބަ އޮތް ކަމަށް "ރިހާކުރު އައިލެންޑު" ގެ ޖެނެރަލް މޭނޭޖަރު ވިދާޅުވި އެވެ.

ރަށުގެ ބިން ހިއްކައި ނިމޭއިރު، 10 ވަރަކަށް ބީޗު މި ރަށުގައި އޮންނާނެ، ޓޫރިސްޓު ބީޗެއް ހާއްްސަ ކުރުމުގެ ވާހަކަ ވެސް އެބަ ދެކެވޭ، ލޭންޑު ޔޫސް ޕްލޭޓު ހަދާއިރު، ގެސްޓު ހައުސް ވިޔަފާރި އާއި ޓޫރިޒަމަށް އިސްކަން ދޭނަން،" ނިޝާން ވިދާޅުވި އެވެ.

ތޭރަ ހެެކްޓަރުގެ ދިއްގަރުގެ ހުޅަނގު ފަރާތުން ހިއްކަނީ އެ ރަށުގެ ބިމަށްވުރެ ދެ ގުނަ ބޮޑު، 25 ހެކްޓަރުގެ ބިމެކެވެ. މި އަހަރުގެ މެދުތެރޭގައި އެ މަސައްކަތް ނިމޭއިރު، ރާއްޖޭގެ އެހެން ރަށެއްގައި ހަދާފައި ނުވާފަދަ އާޓިފިޝަލް 10 ބީޗު އެ ރަށުގައި ތައްޔާރު ކުރާނެ އެވެ.

އޭގެ އިތުރުން، ރަށުގެ އުވާލާފައި ހުރި ކުރީގެ މިސްކިތުގައި ދާރުލް އާސާރެއް ހެދުމާއި، ވަކަރުން ހަދާފައިހުރި އިހުގެ ގެއެއް ޓޫރިސްޓުންނަށް ހާއްސަ ކުރުމަށް ކައުންސިލުގެ ވިސްނުން އެބަހުރި ކަމަށް ނިޝާން ވިދާޅުވި އެވެ.

"މިރަށް އެންމެ ކުރިން އޮންނަ ގޮތް ވެސް މީހަކު ކުރަހާފަ އެބަ އޮތް، ތާރީހީ އާސާރީ ކަންތައް ވެސް އެބަހުރި ޓޫރިސްޓުންނަށް ދެއްކޭނެ ގޮތަށް ހެދޭނެ،" އޭނާ ވިދާޅުވި އެވެ.

އދ. ގެ މަންދޫބު ކެތުރިންގެ ތަޖުރިބާ ރަނގަޅު

އަހަރުގެ ފުރަތަމަ ދުވަހު ލޯކްލަ ޓޫރިސްޓެއްގެ ގޮތުުގައި ދިއްގަރަށް ވަޑައިގެން އެންމެ ގާތުން ހޯމްސްޓޭ ތަޖުރިބާ ކުރެއްވި ބޭފުޅަކީ އދ. އިން ރާއްޖެ ކަނޑައަޅާފައިވާ މަންދޫބު ކެތުރިން ހެސްވެލް އެވެ. މައިޒާން ތަކާއި ގޭގެ އަށް އެކަމަނާ ވަޑައިގެން ދިއްގަރުގެ ދިރިއުޅުން ތަޖުރިބާ ކުރެއްވި އެވެ.

މ. ދިއަގަރު އަންހެނުން ތަކެއް މަގުމަތީގައި ތާސްކުޅެން މަޑުކޮށްލައިގެން -- އަދަދު ފޮޓޯ/ އަހުމަދު ސައީދު


ކޮމިޔުނިޓީން ވާހަކަ ދައްކައިގެން ނިންމަން ޖެހޭ ކަމެއް އެއީ އެ ރަކަށް ގެންނާނީ ކޮން ކަހަލަ ޓޫރިސްޓުންނެއްތޯ، ގަދީމީ ގޮތްތައް ހިފަހައްޓާ ރަށްރަށް ވެސް އެބަހުރޭ، މިސާލަކަށް އިސްލާމި ޓޫރިޒަމް ވެސް ހޯމްސްޓޭ އާއެކު ރަށަކަށް ތައާރަފު ކުރެވިދާނެ،" ކެތްރިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓޫރިސްޓުންގެ ތެރޭގައި ތަފާތު ކަންތައްތަކަށް ލޯބި ކުރާ ޓޫރިސްޓުން އުޅޭއިރު، ޓޫރިސްޓުންނަށް އެރަށެއް ހާާއްސަ ކުރާނެ ކަމެއް ނިންމުމުގެ އިހުތިޔާރު އެ ރަށެއްގައި ދިރިއުޅޭ ބަޔަކަށް ލިބިގެންވާ ކަމަށެވެ. އޭނާގެ ހިޔާލުގައި ދިއްގަރަކީ ޓޫރިސްޓުން ޝައުގުވެރިވާ ކަންތައްތަކެއް ހުރި ހޯމްސްޓޭ ކާމިޔާބު ވާނެ ރަށެކެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމްގެ އެހީ ލިބޭނެ

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ދިއްގަރުގައި ވަސީލަތްތައް މަދަސް ރަށުގެ ރައްޔިތުން ދައްކައިދިން މެހެމާން ދާރީ އަކީ ރަށެއްގައި ޓޫރިޒަމް ކާމިޔާބު ކުމަށް ބޭނުންވާ އެންމެ މުހިންމު ކަންތައް ކަމަށެވެ.

"ދިއްގަރު ރައްޔިތުންގެ އޮތީ ވަރަށް ބޮޑު ހިތެއް. އެ ހިތާ އެއްކޮށް އެ މެހެމާންދާރީގައި ފަތުރުވެރިކަން ކާމިޔާބު ކުރެވޭނެ،" ޑރ. މައުސޫމް ވިދާޅުވި އެވެ. "ފަތުރުވެރިއަކަށް ބޭނުންވާ އެންމެ މުހިންމު ކަންތައް އެއީ މެހެމާންދާރީ."

މިނިސްޓަރު ވިދާޅުވީ ކޮންމެ ރަށަކީ ވެސް ތަފާތު ރަށަކަށްވާއިރު، ދިއްގަރުގައި ހޯމްސްޓޭ ކާމިޔާބު ކުރެވިއްޖެ ނަމަ ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް އެކަން ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން ލިބޭނެ އެވެ. އޭނާ ވިދާޅުވީ ހޯމްސްޓޭ އަކީ ހަމައެކަނި ބޭރު މީހުންނަށް ހައްސަ ކަމެއް ނޫން ކަމަށާއި ހޯމްސްޓޭގެ ބޭނުން ބިދޭސީންގެ އިތުރުން ދިވެހިން ވެސް ހިފަން ޖެހޭ ކަމަށެވެ.

ސަފާރީތަކުގައި ޗުއްޓީ ހޭދަކުރާ ޓޫރިސްޓުން މިހާރު ވެސް ދިއްގަރަށް ޒިޔާރަތް ކުރެ އެވެ. ދިއްގަރަށް ލިބިގެން ދިޔަ ހޯމްސްޓޭ ފެށުމުގެ ޝަރަފަކީ ދިއްގަރުގެ ކުދިބޮޑު އެންމެންނަށް ލިބުނު އުފަލެކެވެ. އެ މީހުން ދެކެން ބޭނުން ވަނީ ޓޫރިސްޓުން އައިސް ރަށް ފުރާލާ ރަށަށް ތިޔާގިކަން ލިބޭނެ ދުވަސްތަކެވެ.