ފެޝަންގެ ކޮންމެ ކަމަކީ އެ ދުވަސްވަރަކާއި ގުޅޭ ގޮތަކަށް ބަދަލުވަމުން އަދި ބައެއް ފަހަރު އިއާދަވަމުން އަންނަ ކަންކަމެވެ. ކޮވިޑް-19 އަށް ފަހު 2020 ގައި އެކި ތަފާތު ސްޓައިލްތައް ތަޖުރިބާކޮށް އެކްސްޕެރިމަންޓް ކުރަން ޖެހުނީ ގޭގަ ތިބެގެންނެވެ. އެއަށްފަހު 2021 ގައި މާސްކް ތަކާއި އެކީ "ނިއު ނޯމަލް ލުކްސް" ތަކެއް އުފަންވެގެން އައިއިރު މިހާރު މިއޮތީ އެ ތަޖުރިބާ ކުރިއަރައިގެން ގޮސް މުޅީން އާ ޓްރެންޑްތަކަކަށް މަރުހަބާ ކިޔަން ވެފަ އެވެ. މި ހިމަނާލަނީ މި އަހަރު އެންމެ މަގުބޫލުވާނޭ ކަމަށް ތަޖުރިބާކާރު އެކި މޭކަޕް އާޓިސްޓުން ބުނާ ލުކްތަކެވެ.
ގިނަ ބަޔަކު ލަފާކުރާ ގޮތުގައި މި އަހަރަކީ މާސްކްތަކުން ކުޑަ ނަމަވެސް ލުޔެއް ލިބޭނޭ އަހަރެކެވެ. އެކިއެކި "ނޫޑް ކުލަތަކުން" އަރައިގަނެ މި އަހަރު އެންމެ ގަދައަށް ތުންފަތުގައި ހާކާނެ ކަމަށް ބެލެވެނީ ގަދަ, "ބޯލްޑް" ކުލަ ތަކެވެ. މިގޮތުން ރަތް ކުލައާއި ގަދަ ބްރައުން ކުލަތައް ޓްރެންޑްވާނޭ ކަމަށް ބެލެވެ އެވެ. އަދި ބޮޑަށް ބެލެވޭ ގޮތުގައި ކުލަތަކާއި އެއްވަރަށް ނުވަތަ އެއަށްވުރެވެސް ބޮޑަށް ސަމާލުކަންދެވޭނީ ތުންފަތުގެ ބައްޓަން ހައިލައިޓް ކުރުމަށެވެ. މި ޓްރެންޑްއަކީ ކިމް ކާޑޭޝިއަންގެ މޭކަޕް އާޓިސްޓް މާރިއޯގެ ޓިކްޓޮކަކުން ވައިރަލްވި ސްޓައިލެކެވެ.
ހެދުންތަކާއި އެއްވަރަށް މޭކަޕް ކުރުމުގައިވެސް ވަރަށް ގިނައިން ކުރީގެ ބައެއް މަގުބޫލް ސްޓައިލްތައް އަލުން އިއާދަވަމުން އަންނަތަން ފެނެ އެވެ. މިގޮތުން 80 ގެ އަހަރުތަކުން ފުރަތަމަ ފެނުނު އަދި އޭގެ ފަހުން 2017 ގައިވެސް ކޮންމެވެސް ވަރަކަށް މަގުބޫލުވި ރައިންސްޓޯން އެމްބެލިޝްމަންޓްތަކަކީ ގިނަބަޔަކަށް ކަމުދާނޭ ސްޓައިލެއްކަމަށް މޭކަޕް އާޓިސްޓުން ބުނެ އެވެ. ބޮޑެތި ފެޝަން ޝޯތަކާއި އިވެންޓްތަކުގައިވެސް ކާމިޔާބު އެކި ސެލެބްރިޓީން ރައިންސްޓޯން ބޭނުންކޮށްފައި ހުރި އިރު މި އަހަރު ބޮޑަށް ބެލެވޭގޮތުގައި ރައިންސްޓޯން ބޭނުންކުރެވޭނީ ނިއުޓްރަލް ޓޯންތަކާއި މެޓަލް ޝޭޑްތަކާއި އެކީގަ އެވެ.
ކުރިންވެސް ފާހަގަކުރެވުނު ފަދައިން މި އަހަރު މުޅީންވެސް ޓްރެންޑްވާނޭ ކަމަށް ބެލެވެނީ ގަދަ ކުލަތަކެވެ. ތުންފަތުގެ އިތުރަށް މުޅި މޭކަޕަށް ބަލާއިރު ގިނަބަޔަކަށް ކަމުދާނޭ ކަމަށް ބޮޑަށް ބުރަވެވޭ ޓޯންތަކުގައި ހިމެނެނީ ބެރީ, ކޮރަލް އަދި ރަތް ޓޯންތަކެވެ. މިގޮތުން ބެރީ ކުލަތަކަކީ އާންމުކޮށް ދިވެހިންގެ ހަމުގެ ކުލައާ ގުޅޭ ޓޯން އެކެވެ. އަދި ކޮރަލް އަކީ ވަރަށް ދޮން ކޮށް ތިބޭ ފަރާތްތަކަށް ކަމުދާނޭ ޓޯންއަކަށްވާއިރު, އެންމެ ކްލެސިކް ރަތްކުލައަކީ އެކިއެކި ހަމުގެ ކުލަތަކާއިވެސް ގުޅޭނެހެން ބޭނުންކުރެވިދާނެ ކުލަ އެކެވެ.
މިއީ މި ދުވަސްވަރާއި ގުޅޭހެން ބަދަލުވަމުން އައި އެއް ޓްރެންޑް އެވެ. މިދިޔަ އަހަރު ބޮޑަށް މަގުބޫލުވީ "އަލްޓްރާ-ޑިއުވީ" ސްކިން އެވެ. އެހެންނަމަވެސް ގިނަ އާޓިސްޓުން ބުނާގޮތުންނަމަ ކްރީމީ ފޯމިއުލާތައް ގިނައިން ބޭނުންކުރަންޖެހޭ މި ސްޓައިލަކީ މާސްކްތަކާއި އެކީ އަދި އެންމެ ކަމުދާ ގޮތެއް ނޫނެވެ. އެހެންކަމުން މި އަހަރު އެންމެ މަގުބޫލުވާނެ ކަމަށް ބެލެވެނީ ސެޓިން ސްކިން ފިނިޝް އެކެވެ. ޑެމީ-މެޓް ނުވަތަ މާ ނެޗުރަލް ލުކް އެއް މި ސްޓައިލްއިން ފެނިގެންދާނެ އެވެ.
Comment