2 ޖަނަވަރީ 2022 - 10:19 0
ހުސެއިން އަރުބާން ފައްވާޒް
ހުރާ ކުޅި: އެރަށު ކުޅި ހިމާޔަތް ކުރަން ދިން ފައިސާއިން އަޅަނީ ބްރިޖެއް -- ފޮޓޯ: ފްލިކާ، އަހްމަދު އަރުޝަދު
2 ޖަނަވަރީ 2022 - 10:19 0
މާލެ އާއި 20.3 ކިލޯމީޓަރު ދުރުގައި އޮންނަ ކ. ހުރާގެ ކުޅި ހިމާޔަތް ކުރުމަށް ޔޫއެންޑީޕީއިން ހަތް ލައްކަ ރުފިޔާގެ އެހީއެއް ދީފި އެވެ.
މާލެ ސަރަހައްދުގައި ހިމެނޭ ރަށްތަކުގެ ތެރެއިން ހަމަ އެކަނި ކަނޑޫފަލަކާއި ކުޅިއެއް އޮންނަނީ އެ ރަށުގަ އެވެ. ރަށުގެ މެދުން ފެށިގެން އުތުރަށް އޮންނަ މި ކުޅީގެ ކައިރި ފަށުގައި ކަނޑޫ، ރަނޑޫ، ތަކަފަތި، ބޮޑަވަކި، ގަސް ހެދިފައި ހުރެ އެވެ.
މި ކުޅި ހިމާޔަތްކޮށް، އެ ރަށުގެ ނާޒުކު ތިމާވެށި ރައްކާތެރި ކުރުމަށްޓަކައި ޔޫއެންޑީޕީއިން އެހީވާން ނިންމީ 2014 ވަނަ އަހަރު ކަމަށް ހުރާ ކައުންސިލްގެ ރައީސް އީސާ އަހުމަދު މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ. ނަމަވެސް, އެ ފައިސާ ދިނުމަށް އެންވަޔަރެމެންޓް މިނިސްޓްރީން އެ ރަށު ކައުންސިލާއެކު އެމްއޯޔޫއެއްގައި ސޮއި ކުރީ މިދިޔަ ހަފްތާގެ ތެރޭގައި ކަން އޭނާ ފާހަގަކުރެއްވި އެވެ.
"އެ ފައިސާ ދިނީ ކުޅި ހިމާޔަތް ކުރުމަށް ކޮންމެސް މަސައްކަތެއް ކުރަން. އެހެން ނަމަވެސް މިނިސްޓްރީއާއެކު ވާހަކަދެކެވިފައި އޮތީ ކުޅިއާއި މޫދާއި ގުޅޭ ތަން ގުޅުވާލަން ބްރިޖެއް އަޅުމަށް." އީސާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ބްރިޖް އެޅޭނީ ކައުންސިލްގެ ބަޖެޓުން ވެސް ކޮންމެސް ވަރެއް ހޭދަކޮށްގެންނެވެ. އެގޮތުން, އީސާ ބޭނުންވަނީ އެރަށުގައި އީކޯ ޓުވަރިޒަމް ފުޅާކުރުމަށެވެ. އަދި ކުޅި އޮންނަ ސަރަހައްދުގައި ރެސްޓޯރެންޓަކާއެކު ގެސްޓް ރޫމްތަކެއް އެޅުމަކީ އޭނާގެ ތަސައްވަރުގައިވާ ކަމެކެވެ.
"2018 ވަނަ އަހަރު އިންޑިއާ އެމްބަސަޑަރު ނިންމާފައި އޮތީ ހުރާ ކުޅީ ސަރަހައްދު ތަރައްގީކޮށް، އީކޯ ޓުވަރިޒަމްއަށް އެތަން ތަރައްގީކުރަން. 7.8 މިލިއަން ރުފިޔާ ދޭން ނިންމާފައި އޮތީ. ނަމަވެސް އެ ލިބޭނެ ކަމުގެ ޔަގީންކަމެއް މިހާރު ނެތް," އީސާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ކޮންސެޕްޓް ތައްޔާރު ކުރީ އެންވަޔަރެމެންޓް މިނިސްޓްރީން ކަމަށެވެ. އަދި އެ އެހީ ހޯދުމަށް ޕްރޮޕޯސަލްތައް ތައްޔާރުކޮށް، އިންޓީރިއާ ކުރެހުންތައް ހެދީވެސް އެ ވުޒާރާއިން ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް, އެކަން މިހާތަނަށް ހަމަނުޖެހި, އެކި ގޮންޖެހުންތަކާ ކުރިމަތިވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
އީސާ ވިދާޅުވީ ރާއްޖޭން ބޭރުން އަންނަ ތިމާވެށީގެ ކޮންމެ މީހަކުވެސް އެންމެ ފުރަތަމަ ޒިޔާރާތް ކުރަނީ ހުރާ ކުޅިއަށް ކަމަށެވެ. އަދި ގިނަ އެހީތައްވެސް އެގޮތަށް ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ހުރާ ކައުންސިލަށް އެއިން އެއްވެސް ފައިސާއެއް ނުލިބޭ ކަމަށާއި، ކުޅި ހިމާޔަތް ކުރަން ސަރުކާރުން މާ ބޮޑު މަސައްކަތެއް ނުކުރާ ކަމަށް އޭނާ ދެކެ އެވެ.
Comment