Advertisement

ގައްދޫ ޒުވާނުންގެ ކުރީގައި ހުރެ ސްމައިލީ މި އަޅަނީ އުއްމީދުގެ ރާޅެއް!

4 ޖަނަވަރީ 2022 - 09:02 0

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް


ގައްދޫ ޒުވާނުންގެ ކުރީގައި ހުރެ ސްމައިލީ މި އަޅަނީ އުއްމީދުގެ ރާޅެއް!

4 ޖަނަވަރީ 2022 - 09:02 0

ގދ. ގައްދޫގެ ހުނަރުވެރި ރާޅާ އެޅުންތެރިޔާ އިސްމާއިލް ރަޝީދު ނުވަތަ އެންމެން ދަންނަ ސްމައިލީގެ މާސިންގާ ކާމިޔާބީގެ ފަހަތުގައި މުޅިން ވެސް އޮތީ، އުއްމީދުތައް ހާސިލުކުރަން، ބިރާއި މާޔޫސްކަން ފަހަނައަޅައިދާން މަސައްކަތްކުރާ ކޮންމެ މީހަކަށް ހިތްވަރަކަށް ފުދޭ ވާހަކަތަކެކެވެ. ތޭރަ ވަރަކަށް އަހަރުގައި ގައްދޫގެ ދެކުނު ކޮޅުގައި އޮންނަ އޮއެ ބާރު ރާޅުގަނޑަށް ފުރަތަމަ އެރުނު ދުވަހު ކުއްލިއަކަށް ނަގައި ބިންދައިލި އުސް ރާޅަކާ އެކު އަތުން ބޯޑު ދޫވެ، ބާނިގަނޑުގެ ތެރޭގައި އޮޅަމުން އަޑިއަށް ގަންބަމުން ދިޔަ ވަގުތު ނޭވާ ނުލެވި ހާސްކަމުގައި އޭނާ ތެޅުނީ މަރަށެވެ.

އެ ހާދިސާ އަށް މަހެއްވީ އިރު ވެސް، ލިބުނު ޝޮކުގައި ހިތަށް ވަތް ބިރު ފިލައިގެނެެއް ނުދެ އެވެ. އެކަމަކު ސްމައިލީ ހާސިލުކުރަން ބޭނުންވި ހުރިހާ ހުވަފެނެއް އޮތީ އެ ރާޅުތަކުގެ ތެރޭގަ އެވެ. އެ ހާދިސާ އަށް 15 ވަރަކަށް އަހަރު ވީއިރު، މިހާރު އޭނާ އަކީ ރާއްޖޭގައި ތިބި ރާޅާ އެޅުންތެރިންގެ މެދުގައި ހުރި އެންމެ ހުނަރުވެރި އެއް ޗެމްޕިއަނެވެ. ޕްރޮފެޝަނަލް ސާފަރެއްގެ ގޮތުގައި ރިސޯޓެއްގެ ސާފް ގައިޑަކަށް އުޅެމުން، ގައްދޫގެ އެތައް ޒުވާނުންނެއް ރާޅާ އެޅުމުގެ ހުނަރަށް ފައްކާ ކުރަމުން، މޮޅުކޮށްދެމުން އަންނަ އެރަށުގެ އެންމެން ފަހުރުވެރިވާ ޒުވާނެކެވެ.

ސްމައިލީ: އޭނާ އަކީ ރާއްޖޭގައި މިހށާރު ހުރި އެންމެ މޮޅު އެއް ރާޅު ޗެމްޕިއަން


"ސްމައިލީގެ އެންމެ ބޮޑު މަގްސަދަކީ މީހުން ގަދަރުކުރާ، ރީތި ވަޒީފާއެއްގެ ގޮތުގައި ސާފްކުރުން ދައްކާލުން. ރާޅާ އަޅާ މީހުންނާ މެދު މީހުންނަށް ގަބޫލުކުރެވިފައި އޮންނަ އާންމު ވިސްނުން ނައްތާލައި މިއީ ޒުވާނުންނަށް އުންމީދީ ކެރިއަރެއް ކަން ސާބިތުކޮށްދިނުން."

ސްމައިލީގެ ބިޒީ، އާ ދިރިއުޅުން

މިދިޔަ ތިން އަހަރުގެ ތެރޭގައި ސްމައިލީގެ ދިރިއުޅުން ބަދަލުވެއްޖެ އެވެ. ސާފަރުންގެ ގައުމީ ޓީމަށް މީހުން ނަގަން 2019 ގައި ބޭއްވި "ޓްރަޔަލްސް" ގެ އެއްވަނަ އާ އެކު، ރާއްޖޭގެ އެންމެ މޮޅު ސާފަރުގެ ލަގަބު ލިބި ބޮލުގައި އެޅުނު ޒިންމާތައް ގިނަ ވެއްޖެ އެވެ. ދަރިއަކު ލިބި، ބައްޕައެއްގެ ޒިންމާ އޭގެ ތެރޭގައި ހިމެނި ދެގުނަ ވެއްޖެ އެވެ.

ސްމައިލީ އޭނާގެ ދެ އަހަރުގެ ދަރިފުޅާ އެކު


މޫދު ކުޅިވަރަށް ހިތްވަރުދޭ ދިވެހި "ކައުރީ" ގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި އެ ބްރޭންޑް މަޝްހޫރުކޮށްދެމުން، "ސްމައިލީ އާޓްސް" ގެ ނަމުގައި އަމިއްލަ ބްރޭންޑެއް ނެރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ސްމައިލީ ބުނާ ގޮތުން، ކާމިޔާބީ އަކީ ވަކި ހިސާބަކުން ނިމެން އޮތް، އިމެއް އޮތް އެއްޗެއް ނޫނެވެ. ރާޅާ އެޅުމުގެ ދާއިރާގައި ދުވަހެއް ދުވަހަކަށް ކުރިއެރުން ހޯދަމުން، ދަރިފުޅަށްޓަކައި ގަދަރުވެރި، ހެޔޮ ދިރިއުޅުމެއް ހޯދަން ކުރާ މަސައްކަތުގައި ހިތްތިރި، ނަމޫނާ މީހެއްގެ ގޮތުގައި އޭނާ ހިފަހައްޓަނީ އެ ދެ ކަމަށް ހިތުގައި އޮތް ބޮޑު ލޯތްބެއްގެ ސަބަބުން ކަމަށް ބުންޏެވެ.

ސްމައިލީ، އިލާލާ ގެ "ކައުރީ" ބްރޭންޑްގެ ވޯޓާ ބޮޓަލް އެއްގެ އިޝްތިހާރެއްގައި: އޭނާގެ އަމިއްލަ ބްރޭންޑް "ސްމައިލީސް އާޓް" އަކީ އޭނާގެ އަމިއްލަ ކުރެހުން އެޅި ރާޅު ބޯޑު ބްރޭންޑެއް ނެރުމަށް ފަށައިގެން އުޅޭ ޕްރޮޖެކްޓެއް


"ނަމޫނާ އެއްގެ ގޮތުގައި ކުރިއަށް ދާން ކުރާ ދަތުރެއް"

މޫދު ކުޅިވަރުގެ ދާއިރާ އަށް ލިބެމުން އަންނަ ތަރުހީބު ބޮޑުވެ، މީގެ ތެރެއަށް ވަންނަ ޒުވާނުންގެ އަދަދު މިހާރު އިތުރުވެފައިވީ ނަމަވެސް، ސްމައިލީ ދެކޭ ގޮތުގައި އަދިވެސް ގިނަ ބަޔަކު ދެކެނީ، އޭނާގެ ދާއިރާ އަކީ އަހުލާގީ ފެންވަރު ދަށް ދާއިރާ އެއްގެ ގޮތުގަ އެވެ. އެކަމަކު ދާއިރާގެ ކުރިއެރުމާއި މުސްތަގުބަލަށްޓަކައި އެ ވިސްނުން ބަދަލުކުރުމަކީ ސްމައިލީގެ އެންމެ ބޮޑު އަމާޒެވެ. އެންމެ އުނދަގޫ ބޮޑު ޗެލެންޖެވެ.

"އެ އިމޭޖް އެހެން އޮތީ ސަބަބެއް ނެތި އެއްވެސް ނޫން. މޫދު ކުޅިވަރުގައި އުޅޭ ކުދިންނަކީ ގިނައިން ގެސްޓުންނާ އެކު އުޅޭ ބައެއް. ގިނަ ފަހަރަށް ގެސްޓުން އުޅޭ ގޮތް ދަސްކޮށް އެ ގޮތް މާ މޮޅު ގޮތެއް ކަމަށް ދެކެނީ. ގަބޫލުކުރެވެން ފަށަނީ އެ ހުރިހާ ގޮތްގޮތަކަށް އުޅެންގެންނޭ ދާއިރާ އަށް ފިޓު މީހަކަށް ވެވެނީ. އަސްލު ބޮޑަށް މި ދާއިރާގަ އުޅޭ ގިނަ ކުދިންނަށް ނުވެސް ފެންނަނީ އެ އުޅޭ ވަޒީފާ އަށްވުރެ އިތުރަށް، ކުރިއަށް ދާނެ ގޮތްތަކެއް ވެސް. އެހެންވީމަ އިތުރަށް ކުރިއަށް ދެވޭނެ މަގު ނުފެނި ހުއްޓޭ ހިސާބުން އެކަހަލަ ބޭކާރު ކަންކަން ފަށަނީ،" ސްމައިލީ ބުންޏެވެ.

"އެހެންވީމަ ބޭނުންވަނީ އެ ކުދިންނަށް ޕާޕަސް އެއް ނުވަތަ އުންމީދެއް ހޯދައިދޭން. ވަޒީފާގެ އިމަށްވުރެ މާ ދުރަށް މި ދާއިރާއިން ކުރިއަށް ދެވޭނެކަން ސާބިތުކޮށްދޭން."


އޭނާ ބުނީ، މޫދު ކުޅިވަރުގައި އުޅޭ ކުދިންނަށް އުންމީދު ހޯދައިދިނުމަކީ، ކުޅިވަރުގެ ރޫހު ގަދަ، އަހުލާގު ރަނގަޅު ޖީލެއް މި ދާއިރާ އިން ވެސް ނެރެވޭނެ ގޮތެއް ކަމަށެވެ. ދާއިރާ އިން ކުރިއަށް ގޮސް ގައުމީ އަދި ބައިނަލް އަގުވާމީ ފެންވަރުގައި ނަމެއް ހޯދިދާނެކަން ސާބިތުކޮށްދެވިއްޖެ ނަމަ އެ މަގުން ކުރިއަށް ދާން ބޭނުންވާ އެތައް ޒުވާނުންނެއް ތިބޭނެ ކަމަށް ވެސް ބުންޏެވެ.

އޭނާގެ އެންމެ ބޮޑު އަމާޒަކީ އެ ނަމޫނާ އަށް ވުމެވެ.

"މިހާރު ގައްދޫގައި އޮތް ސާފް ޓީމަކީ އުންމީދީ ޓީމެއް. ބޮޑެތި ހުވަފެންތަކެއް އޮތް ޓީމެއް. އެހެންވީމަ މޫދު ކުޅިވަރުގެ ފިއުޗާ ކުރިއަރަމުން އަންނަ ޖީލަށް ބަދަލުކޮށްލެވޭނެ. ފޯކަސް ހިފަހައްޓައިފި ނަމަ ސަޅިކޮށްލެވޭނެ."