Advertisement

މިދިޔަ އަހަރު އެންމެ ގިނަ މީހުން އައީ އެމިރޭޓްސް އެއާލައިނުން

13 ޖަނަވަރީ 2022 - 08:36 0

އަމަން ހަލީމް

އަމަން ހަލީމް

އެމިރޭޓްސް އެއާލައިނުގެ ފްލައިޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ނައްޓާލަނީ: އެ އެއާލައިނުން ރާއްޖެ ދަތުރުކުރަން ބޭނުންކުރަނީ ބޮއިން 777 މަރުކާގެ ފްލައިޓު. -- ފޮޓޯ: ޑެސްޓިނޭޝަން ގައިޑް


މިދިޔަ އަހަރު އެންމެ ގިނަ މީހުން އައީ އެމިރޭޓްސް އެއާލައިނުން

13 ޖަނަވަރީ 2022 - 08:36 0

މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ މީހުން އުފުލި އެއާލައިނަކަށް އެމިރޭޓްސް ވެއްޖެ އެވެ.

އެމިރޭޓްސް އެއާލައިނުން ހިއްސާކޮށްފައިވާ މައުލޫމާތު ދައްކާ ގޮތުގައި ނިމުނު އަހަރުގެ ތެރޭގައި އެ އެއާލައިނުން 265،000 ފަސިންޖަރުން ރާއްޖެ ދަތުރުކުރި އެވެ. މީގެ ތެރޭގައި ގިނައީ އެ އެއާލައިނުގެ މައި ހަބު ކަމުގައިވާ ޑުބާއީ މަގުން ރާއްޖެ ދަތުރުކުރި އެކި ގައުމުތަކުގެ ޓޫރިސްޓުންނެވެ.

އެމިރޭޓްސް އެއާލައިނުން ވަނީ ރާއްޖޭގެ ޓޫރިޒަމް ރިކަވަރީގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

އެގޮތުން ބޯޑަރު ހުޅުވާލި ފަހުން އެންމެ ފުރަތަމަ ރާއްޖެ ދަތުރު ފެށި އެއާލައިންތަކުގެ ތެރޭގައި އެމިރޭޓްސް ހިމެނެ އެވެ. އެފަހުން މެދުކެނޑުމެއް ނެތި އެ އެއާލައިނުން އަންނަނީ ރާއްޖެއަށް ފްލައިޓުތައް ބާއްވަމުންނެވެ. މިހާރު ދުވާލަކު ހަތަރު ފްލައިޓު ޑުބާއީ އާއި މާލެއާ ދެމެދު ދަތުރުކުރެ އެވެ.

މިިދިޔަ އަހަރު އެމިރޭޓްސްއިން ދަތުރުކުރި ފަސިންޖަރުންގެ ތެރެއިން އެންމެ ގިނަ ޓޫރިސްޓުން އައީ ޔޫއޭއީ އާއި، ރަޝިއާ އަދި ޖަރުމަނު ވިލާތުންނެވެ. އޭގެ އިތުރުން ވެސް، އެ އެއާލައިނުން ދަތުރުކުރާ 120 މަންޒިލުގެ ވިއުގައިގެ ތެރެއިން އެހެން ގިނަ ގައުމުތަކެއްގެ ޓޫރިސްޓުންނަށް ރާއްޖެ އާދެވޭނެ މަގުފަހިކޮށް ދިނެވެ.

ބައިނަލްއަގުވާމީ އެންމެ ބޮޑު އެއާލައިން ކަމުގައިވާ އެމިރޭޓްސް އިން ރާއްޖެ ދަތުރުތައް ފެށީ 1987 ވަނަ އަހަރު އެވެ. އެފަހުން މިވީ 34 އަހަރު ދުވަހުގެ ތެރޭގައި އެ އެއާލައިނުން ވަނީ ޓޫރިޒަމް ސިނާއަތާއި ކާގޯ ދާއިރާގައި މުހިންމު ރޯލެއް އަދާކޮށްފަ އެވެ.

އެގޮތުން ޑުބާއިގައި ކުރިޔަށްދާ އެކްސްޕޯ 2020 ގައި، އެމިރޭޓްސް އެއާލައިނުން ވަނީ ޓޫރިޒަމަށް އެހީތެރިވާން ގުޅިގެން މަސައްކަތްކުރަން ދިވެހި ސަރުކާރާ އެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފަ އެވެ. އެ އެއްބަސްވުމުގެ ދަށުން އެމިރޭޓްސް އިން ވަނީ ޓޫރިޒަމާއި ވިޔަފާރި ކުރިއަރުވަން އެހީތެރިވާން އެއްބަސްވެފަ އެވެ.

ކޮވިޑު ބަލިމަޑުކަމުގެ ހާލަތުގައި އެމިރޭޓްސްގެ އެންމެ ބޮޑު ކާމިޔާބީގެ ސިއްރަކީ އެ އެއާލައިނުން ދަތުރުކުރާ ފަސިންޖަރުންގެ ސިއްހީ ދުޅަހެޔޮކަން އިސްކުރުމެވެ. މިގޮތުން އެ އެއާލައިނުން ވަނީ ހާއްސަ ދަތުރުމަތީގެ ހުރިހާ ހިސާބެއްގައި ފަސިންޖަރުންގެ ސަލާމަތަށް ހާއްސަ މިންގަނޑުތަކެއް ތައާރަފުކޮށްފަ އެވެ.

އޭގެ އިތުރުން އެ އެއާލައިނުން އަންނަނީ ކޮންޓެކްޓް ލެސް ޓެކްނޮލޮޖީ އާއި ޑިޖިޓަލް ވެރިފިކޭޝަން ގާބިލިއްޔަތު އިތުރުކޮށް، އަޔާޓާއިން ގެންގުޅޭ ޓްރެވަލް ޕާސް ބޭނުން ކުރެވޭނެ އިތުރު ގޮތްތައް ފަހިކޮށްދެމުންނެވެ. އަދި، މި ދަނޑިވަޅުގައި ދަތުރުވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ބުކިން ޕޮލިސީ ލުއިކުރުމާއެކު، ކޮވިޑް-19 ޓްރެވަލް އިންޝުއަރެންސް ލިބޭނެ އިންތިޒާމު ހަމަޖައްސާފަ އެވެ.