Advertisement

ލ. އަތޮޅުން ހިމާޔަތް ކުރި ތަންތަނުގެ ހާއްސަ ވާހަކަތައް

24 ޑިސެންބަރު 2021 - 21:03 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ލ. އަތޮޅުން ހިމާޔަތްކުރި ބައެއް ތަންތަނުގެ ފޮޓޯ


ލ. އަތޮޅުން ހިމާޔަތް ކުރި ތަންތަނުގެ ހާއްސަ ވާހަކަތައް

24 ޑިސެންބަރު 2021 - 21:03 0

ޗުއްޓީގައި ދަތުރު ހަދައިގެން ދާނެ މަންޒިލުތަކުގެ ލިސްޓުގައި އަބަދު ވެސް ލ. އަތޮޅު ހިމެނޭއިރު، އެންމެ ފަހުން ހިމާޔަތް ކުރެވުނު ހަ ތަނުގެ މައުލޫމާތު އެނގިފައި އޮތުން ރަނގަޅެވެ. ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން އެ އަތޮޅުން ހިމާޔަތްކުރި ހަ ތަނުގެ ތެރޭގައި، ގަމަށް ޒިޔާރަތްކުރާ ކޮންމެ މީހަކު ވެސް ބަލާލަން ދާ ޕަރީ ފެންގަނޑާއި، ދަތުރު ހަދައިގެން ދަނބިދުއަށް ގޮސް ފޮޓޯ ނަގަމުންދާ ލޮނު ކުޅި އާއި ވެލާ އެރުމަށް މަޝްހޫރު ގާދޫ ހިމެނެ އެވެ. އެ ތަންތަނުގެ މުހިންމު ކަމާއި ތޮބީއަތާއި ކުރުން މަނާ ކަންކަން މި ކިޔައި ދެނީ އެވެ.

ގަމުގެ ޕަރީ ފެންގަނޑު: އެ ސަރަހައްދަށް ސައިކަލްގައި ވަނުމަކީ މިހާރު މަނާ ކަމެއް. -- ފޮޓޯ: ގެސްޓުހައުސް މޯލްޑިވްސް


ބޮޑަ ފެންގަނޑު

އެ ތަނަށް ޕަރީ ފެންގަނޑު ނުވަތަ ނަރަކަ ފެންގަނޑު ވެސް ކިޔައެވެ. ރަނޑޫ ގިނަ އަދަދަކަށް ހެދިފައި ވާއިރު، ފެންގަނޑުގެ ވަށައިގެންވާ ސަރަހައްދުގައި ބޯކޮށް ހެދިފައި ހުރީ ކިނބި ގަހެވެ. ހިމާޔަތްކޮށްފައިވާ ދޫންޏާއި ހިޖުރަކުރާ ދޫނި އުޅޭއިރު، އެ ސަރަހައްދުގައި ދަނޑިފުޅު ދޫނި ވެސް ވިހާ އާލާވެ އެވެ.

ހިމާޔަތް ކުރެވިފައިވާ ތަނެއްގެ ގޮތުގައި ކަނޑައެޅުމުން އެ ސަރަހައްދުގެ އެއްވެސް އެއްޗަކަށް، ތަނަކަށް ގެއްލުމެއް ނުވަތަ ބަދަލެއް އަތުވެދާނެ ފަދަ އެއްވެސް އަމަލެއް ކުރުމާއި، އެއްޗެއް، ދިރުމެއް ނެގުމާއި މެރުމާއި ގޯނާކުރުމާއި ހިފުން މަނަ އެވެ. އެއްވެސް ދިރުމެއްގެ ބިސް ނެގުން އަދި ހާއްޔަށް ގެއްލުން ދިނުން ވެސް މަނާވީ އެވެ.

ކުނި އެޅުމާއި އަލިވާ ގޮތަށް ދިއްލުމާއި ދިރުންތަކުގެ އާދަކާދައަށް ބުރޫއަރާ ގޮތަށް އަޑުގަދަ ކުރުމާއި އިތުރު އެއްވެސް ބާވަތެއްގެ ދިރުމެއް ތައާރަފުކުރުމާއި ފެންގަނޑުގައި އުޅޭ މަސްމަހާމެއްސާއި، އެ ސަރަހައްދުގެ ދޫނިސޫފާސޫފި ހިމެނޭ ގޮތަށް، އެއްވެސް ދިރޭ އެއްޗަކަށް ކާންދިނުން ނުވަތަ ކާން އެޅުމަކީ މަނާކަމެކެވެ.

ޕަރީ ފެންގަނޑަށް ދިޔުމަށް އޮންނަ ޗަކަ މަގުގައި އިންޖީނުލީ އުޅަނދު ވެސް ދެން ނުދުއްވޭނެ އެވެ. ގަސްގަހާގެހި ކެނޑުން، އުފުރުން، ގެއްލުންދިނުމާއި، ކަޅުފަސް ނުވަތަ ދޮންފަސް ނެގުމާއި، އެ ސަރަހައްދުގައި ހިމެނޭ ބާވަތްތައް ފިޔަވައި، އެހެން އެއްވެސް ބާވަތެއްގެ ގަހެއް، އޮށެއް އިންދުން ވެސް މަނާވާނެ އެވެ.

އެ ސަރަހައްދުގެ މޫދުގައި ކުރުން މަނާ ގިނަ ކަންތައްތަކެއް ވެސް ކަނޑައަޅާފައިވެ އެވެ.

މާބައިދު ކުޅި: މޫދާ ގުޅިފައިވާ މި ކުޅިއަކީ މޫދުގެ ދިރުންތައް އާލާވާ ނާސަރީއެއްފަދަ ތަނެއް. -- ފޮޓޯ: އަރުޝަދު އަހުމަދު


މާބައިދޫ ކޯރު އަދި ފުށި ކަނޑު

މާބައިދޫގެ އުތުރުކޮޅުގައި މޫދާ ގުޅިފައިވާ ލޮނުފެނުގެ ކުޅިއަކީ ހާއްސަ ސިފަތަކެއް ލިބިގެންވާ ޗާލު ތަނެކެވެ. އެ ކުޅީގައި ފަރުގެ ދިރުންތައް ވިހާ އާލާވެ އެވެ. ރަނޑޫ އަދި ކަރަމަނަ ހެދެ އެވެ. ރަށުގެ ވަށައިގެންވާ ފަރާއި މޫދުވިނަ ސަރަހައްދުން ހަ ބާވަތެއްގެ މޫދު ވިނައާއި، 86 ބާވަތެއްގެ ފަރުމަސް ފެނިފައިވާކަމަށް ރެކޯޑުކުރެވިފައިވެ އެވެ.

ފުށިކަނޑަކީ ހައްދުންމަތީގެ އިރުއުތުރު ބިތުގައިވާ ކަނޑުއޮޅިއެކެވެ. ޑައިވަރުންގެ މެދުގައި މަގުބޫލު އެ ސަރަހައްދަކީ ދިރޭތަކެތީގެ ނަސްލުތަކުން މުއްސަނދި، ނެތިދިޔުމުގެ ބިރުހީވެފައިވާ އެންމަޑި ކަހަނބު އަދި އެކި ބާވަތްތަކުގެ މިޔަރު އުޅޭ ސަރަހައްދެކެވެ.

ބޮޑު ފިނޮޅު އަދި ވަޑިނޮޅު ކަނޑު

ލ.ވަޑިނޮޅު ކަނޑުއޮޅިއަކީ ހައްދުންމަތީގެ ހުޅަނގު އުތުރު ބިތުގައިވާ ކަނޑުއޮޅިއެކެވެ. މި ކަނޑުއޮޅިއަކީ ދިރޭތަކެތީގެ ނަސްލުތަކުން މުއްސަނދި ޑައިވަރުންގެ މެދުގައި މަޤްބޫލު ސަރަހައްދެކެވެ. މި ސަރަހައްދަކީ ފާނައާއި މާހުޅުނބުލަނޑާ ވިހާ އާލާވުމަށް ބޭނުންކުރާ ސަރަހައްދެކެވެ. އަދި ބައިނަލްއަގުވާމީ ގޮތުން ނެތިދިޔުމުގެ ބިރު ހީވެފައިވާ، ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދިރުންތަކުގެ ތެރެއިން، އެންމަޑި ވެލާ، ކަހަނބު އަދި އެކި ބާވަތްތަކުގެ މިޔަރު ފެންނަ ކަމަށް ރެކޯޑް ކޮށްފައިވެ އެވެ.

ބޮޑު ފިނޮޅަކީ އައިންމަތީ ދޫނި، ނިދުމަށާއި ވިހާ އާލާވުމަށް ބޭނުންކުރާ ސަރަހައްދެކެވެ.

ގާދޫ ގޮނޑުދޮށުން ޅަ ވަލައެއް މޫދަށް މިސްރާބު ޖަހާފައި: މިއީ ވެލާ ކަނހަބު ބިސް އަަޅައި އަލާވުމުގައި ޒަމާނުއްސުރެ މަޝްހޫރު ރަށެއް --ފޮޓޯ: އެންޑީ ބޯލް


ގާދޫގެ ތިމާވެށީގެ ގޮތުން ހާއްސަ މާހައުލުތައް

ގާދޫ އަކީ ކުރިން މީހުން ދިރިއުޅުނު ރަށެކެވެ. އެ ރަށުގެ މީހުން ލ. ފޮނަދު އަށް ބަދަލުކުރީ 2016 ގަ އެވެ. ގާދޫގެ ދެކުނު ފަރާތާއި ހުޅަނގު ފަރާތުގެ ގޮނޑުދޮށަކީ ވެލާ، ކަހަނބު ބިސްއަޅާ، ވިހާ އާލާވާ ކަމަށް ޒަމާނުންސުރެ ފާހަގަކޮށްލެވޭ ސަރަހައްދެކެވެ.

ރަށުގެ ވަށައިގެންވާ މޫދުވިނަ ސަރަހައްދުން ހަ ބާވަތެއްގެ މޫދު ވިނައާއި، 91 ބާވަތެއްގެ ފަރުމަސް ފެނިފައިވާ ކަމަށް ރެކޯޑުކުރެވިފައިވެ އެވެ.

މި ހިތްގައިމު ރަށުގައި މީރު ފެން ކުޅިއެއް ވެސް އޮވެ އެވެ.

ގާދޫ–ހިތަދޫ ކަނޑު

އަތޮޅުގެ ދެކުނު ބިތުގައި، ގާދޫ އަދި ހިތަދޫގެ މެދަށްވާ ގޮތަށް އޮންނަ ގާދޫ-ހިތަދޫ ކަނޑަކީ ދިރޭތަކެތީގެ ނަސްލުތަކުން މުއްސަނދި، ފަރުމަހުގެ ބާވަތްތައް، ބިސް ދޫކޮށް ވިހާ އާލާވާ ތަނެކެވެ. ހިމާޔަތްކޮށްފައިވާ އެންމަޑި، މާހުޅުނބު ލަނޑާ އަދި ދެ ބާވަތެއްގެ ވެލާ ކަހަނބާއި މިޔަރާއި، ފެހުރިހި، އަދި މަޑި އެ ސަރަހައްދުގައި އުޅެ އެވެ.

ލ. ހިތަދޫ ކުޅި -- ފޮޓޯ: އެންޑީ ބޯލް


ހިތަދޫ ކުޅިއާއި ވަށައިގެންވާ މޫދު

ލ.ހިތަދޫ ކުޅި ސަރަހައްދަކީ ހިތަދޫގެ ހުޅަނގު ދެކުނުގައި އޮންނަ މޫދާއި ގުޅިފައިވާ ލޮނުފެނުގެ ކުޅިއެކެވެ. މާދައިދޫ ކުޅިއެކޭ އެއްގޮތަށް ފަރުގެ ދިރުންތައް ވިހައި އާލާވެ އެވެ. އެ ސަރަހައްދުގައި ހެދޭ ގަސްގަހާގެހީގެ ތެރެއިން ރަނޑޫ، ކަރަމަނަ، އަދި ބުރެވި ހިމެނެ އެވެ.

ހިމާޔަތް ކުރެވިފައިވާ މި ތަންތަނުގެ ތޮބީއަތަށް، ގުދުރަތީ ވެއްޓަށް ބަދަލެއް، ގެއްލުމެއް ވެދާނެ ފަދަ ކަންކަން ކުރުމަކީ މަނާ ކަމެކެވެ.

އެޑިޓަރުގެ ނޯޓު


މި ލިޔުމުގައި ހިމަނާފައިވާ މައުލޫމާތަކީ އެންވަޔަރަމަންޓް މިނިސްޓްރީން ފޯރުކޮށްދިން މައުލޫމާތެވެ.