Advertisement

ނީލާ އާއި ޝަހުރުނާޒް ބުނެދެނީ އެތުލީޓުން ވޯޓު ލާންވީ ސަބަބުތައް

23 ޑިސެންބަރު 2021 - 06:28 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

އެތުލީޓްސް ކޮމިޝަންގެ ބެޑްމިންޓަންގެ މަގާމަށް ވާދަކުރާ ޝަހުރުނާޒް (ކ) އާއި ނީލާ.


ނީލާ އާއި ޝަހުރުނާޒް ބުނެދެނީ އެތުލީޓުން ވޯޓު ލާންވީ ސަބަބުތައް

23 ޑިސެންބަރު 2021 - 06:28 0

އެތުލީޓުންނަށް ބާރު ލިބޭ ގޮތަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން އެކުލަވާލާފައިވާ އެތުލީޓްސް ކޮމިޝަންގެ މަގާމަކަށް ބެޑްމިންޓަން ދެ ކުޅުންތެރިން ކަމަށްވާ ނީލާ ނަޖީބާއި އައިމިނަތު ޝަހުރުނާޒް މޫސާ ވާދަކުރާ އިންތިހާބު މިއަދު ކުރިއަށްދާއިރު، ދެ ކުޅުންތެރިން ވެސް ކެމްޕެއިންގައި މުހިއްމު ކަންތައްތަކެއް ފާހަގަކޮށްފި އެވެ.

އެތުލީޓްސް ކޮމިޝަންގެ އިންތިހާބަށް ކުރިމަތިލުމުމުގެ މުއްދަތު މިދިޔަ ހަފްތާގެ އަންގާރަ ދުވަހުގެ ނިޔަލަށް ހަމަވިއިރު، އޮލިމްޕިކް ކޮމިޓީން އިއުލާނުކުރި ކެންޑިޑޭޓުންގެ ނަންތަކަކީ ޝަހުރުނާޒާއި ނީލާގެ އިތުރުން ގައުމީ ފެތުންތެރިޔާ މުބާލް އައްޒާމް އިބްރާހިމް، ގައުމީ ހޭންޑްބޯޅަ ޓީމުގެ ނަޝްފާ އާމިރާ އަދި ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ކެޕްޓަން އަހުމަދު ޒަބީރު (ޒަބީ) އެވެ.

އެތުލީޓްސް ކޮމިޝަން އެެކުލެވޭނީ ފަސް މެމްބަރުންގެ މައްޗަށެވެ. އެއީ އޮލިމްޕިކްސްގައި ވާދަކޮށްފައިވާ ދެ އެތުލީޓުން ހިމެނޭ ގޮތަށެވެ. އަނެއް ތިން މެމްބަރުން ވާން ޖެހޭނީ އޮލިމްޕިކް ކުޅިވަރުތަކަށް ނިސްބަތްވާ އެތުލީޓުންނަށެެވެ. އެތުލީޓްސް ކޮމިޝަންގެ ދައުރެއްގެ މުއްދަތަކީ ހަތަރު އަހަރެވެ. އެތުލީޓްސް ކޮމިޝަންގެ ފަރާތުން އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީ އަށް ދާނެ މެމްބަރެއް ކަނޑައަޅާނީ އެތުލީޓްސް ކޮމިޝަނުންނެވެ.

އޮލިމްޕިކްސްގައި ވާދަކޮށްފައިވާ ދެ އެތުލީޓަކަށް ލިބޭ ޖާގައިގައި, މުބާލް ވަނީ ފިރިހެން އެތުލީޓަކަށް ހާއްސަވާ ސްލޮޓްގައި ކޮމިޝަނަށް ހޮވިފަ އެވެ. އެކަމަކު، އޮލިމްޕިކްސްގައި ވާދަކޮށްފައިވާ އަންހެން އެތުލީޓަކު ކުރިމަތިނުލާތީ އޮލިމްޕިކް ކޮމިޓީން ނިންމީ ވަކިން އެކަމަށް ބައި-އިލެކްޝަނެއް ބޭއްވުމަށެވެ.

ބާސްކެޓުން ޒަބީރާއި ހޭންޑް ބޯޅަ ނަޝްފާ ވަނީ އެ ދެ ކުޅިވަރު ތަމްސީލްކުރާ މެމްބަރުންގެ ގޮތުގައި ކޮމިޝަނަށް ހޮވިފަ އެވެ. އެކަމަކު، ނީލާ އާއި ޝަހުރުނާޒް މެދުގައި މިއަދު ނަގާ ވޯޓުގައި އެންމެ ގިނަ ވޯޓު ލިބޭ ކުޅުންތެރިއަކު ކޮމިޝަނަށް ހޮވޭނެ އެވެ.

ނީލާ އާއި ޝަހުރުނާޒްގެ ކެމްޕެއިން

ތަޖުރިބާކާރު ކުޅުންތެރިޔާ ނީލާގެ ކެމްޕެއިންގައި އޭނާ ފާހަގަކޮށްފައިވާ ފުރަަތަމަ ކަަމަކީ ކުޅިވަރުގެ ތެރެއިން ހަމަހަަމަކަމާއި ފުރުސަތުތައް ކުޅުންތެރިންނަށް ހޯދައިދޭން ކުރާ މަސައްކަތުގައި ހުރިހާ ފަރާތަކަށް އިހުތިރާމްކުރާނެ ކަމަށެވެ. އެތުލީޓްސް ކޮމިޝަނުގެ މަގާމަށް ހޮވިއްޖެނަމަ، ހާއްސަ އަހައްމިއްޔަތު ކަމެއް ދީގެން ޒުވާން ކުޅުންތެރިންތައް ކުރިއެރުވުމުގެ ފުރުސަތުތައް ފަހިކޮށްދީ، އަންހެނުން ބާރުވެރިކުރުމަށް ވެސް މުހިއްމު ކަންތައްތަކެއް ކުރާނެ ކަމަށް ނީލާ ވަނީ ވައުދުވެފަ އެވެ.

މީގެ އިތުރުން ކުޅިވަރު ކްލަބްތަކުގެ ދައުރު ފުޅާކުރަން ކުރެވޭ މަސައްކަތުގައި ބައިވެރިވެ، ކުޅިވަރު ޕްރޮގްރާމްތައް ކުޅުންތެރިންނަށް ހާއްސަކޮށް ކުރިއަށް ގެންދިއުމުގެ ކަންކަމުގައި އިސްނަގާނެ ކަމަށް ނީލާ ވަނީ ބުނެފަ އެވެ. އަދި އޮލިމްޕިކް ކޮމިޓީ އާއި ކުޅުންތެރިންގެ ދެމެދުގައި އޮތް ގުޅުން ބަދަހިކުރުމުގައި އިސް ރޯލެއް އަދާކުރާނެ ކަމަށް ވެސް ނީލާގެ ކެމްޕެއިން ވައުދުތަކުގައި ވަނީ ބުނެފަ އެވެ.

ޝަހުރުނާޒްގެ ކެމްޕެއިންގައި އޭނާ އެންމެ ފުރަތަމަ ފާހަަގަކޮށްފައިވާ ކަމަކީ 12 އަހަރަށް ވުރެ ގިނަ ދުވަހު ގައުމު ތަމްސީލްކުރި އެތުލީޓެއްގެ ތަޖުރިބާގެ އަލީގައި އޭނާ އަށް އެތުލީޓްސް ކޮމިޝަންގައި މުހިއްމު މަސައްކަތްތަކެއް ކުރެވިދާނެ ކަމުގެ ފުރިހަމަ ޔަގީންކަމެވެ.

ޝަހުރުނާޒް ބުނީ އޭނާގެ އަމިއްލަ ތަޖުރިބާގެ އަލީގައި ކުޅިވަރުން ކުރިއަށްދާން ހުރި ކުޅުންތެރިންނަށް ހުރި ހުރަސްތައް ނައްތާލުމަށް ދެވެން ހުރި ހުރިހާ އެހީތެރިކަމެއް އެތުލީޓްސް ކޮމިޝަނުގައި ހުރެ ކޮށްދޭނެ ކަމަށެވެ.

ކުޅިވަރާ ގުޅޭ ދާއިރާއިން ލިބިފައިވާ މަތީ އިލްމާއި އެހެނިހެން މުހިއްމު ތަޖުރިބާތަކުގެ އެހީގައި ރާއްޖޭގެ ކުޅިވަރާއި އެތުލީޓުންގެ ޑިވެލޮޕްމަންޓަށް އިސްނަގައިގެން މުހިއްމު މަސައްކަތްތަކެއް ކުރާނެ ކަމަށް ޝަހުރުނާޒް ވަނީ ވައުދުވެފަ އެވެ. އަދި އެތުލީޓްސް ކޮމިޝަނުގެ މެމްބަރުގެ އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ އޭނާ ވަނީ އެތުލީޓްސް ކޮމިޝަނުގައި ސާބިތުވެ، ހުރެ "އެތުލީޓުންގެ އަޑު" އިއްވައިދޭނެ މެމްބަރަކަށް ކަމަށް ޝަހުރުނާޒް ވަނީ ބުނެފަ އެވެ.

އެތުލީޓްސް ކޮމިޝަނުގެ އިންތިހާބުގައި ވޯޓުލަނީ ވޮލީ، ޓެނިސް، ޓޭބަލް ޓެނިސް، ސްވިމިން، ސާފިން، ހޭންޑްބޯލް، ބާސްކެޓްބޯލް، ބެޑްމިންޓަނާއި އެތުލެޓިކްސްގެ އެތުލީޓުންގެ ތެރެއިން މިދިޔަ އަށް އަހަރު ތެރޭ ގައުމީ ޓީމުގައި ހިމެނިފައިވާ ކުޅުންތެރިންގެ ތެރެއިން ރަޖިސްޓްރީވި އެތުލީޓުންނަށެވެ. އެތުލީޓްސް ކޮމިޝަނުގެ އިންތިހާބުގައި ވޯޓުލާން މުއްދަތު ހަމަވިއިރު، ރަޖިސްޓްރީވެފައިވަނީ 337 އެތުލީޓުންނެވެ.

އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ ހެންވޭރު ބޯޅަ ގޭގައި މިއަދު ހެނދުނު 10 އިން ހަވީރު 5 އަށެވެ.