Advertisement

އެތުލީޓްސް ކޮމިޝަން: ނީލާ އާއި ޝަހުރުނާޒްގެ މެދުގައި ވޯޓެއް!

16 ޑިސެންބަރު 2021 - 17:11 0

ގައުމީ ބެޑްމިންޓަން ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ ނީލާ (ކ) އާއި ޝަހުރުނާޒް.


އެތުލީޓްސް ކޮމިޝަން: ނީލާ އާއި ޝަހުރުނާޒްގެ މެދުގައި ވޯޓެއް!

16 ޑިސެންބަރު 2021 - 17:11 0

އެތުލީޓުންނަށް ބާރު ލިބޭ ގޮތަށް އެކުލަވާލާފައިވާ އެތުލީޓްސް ކޮމިޝަންގެ މަގާމަކަށް ބެޑްމިންޓަން ދެ ކުޅުންތެރިން ކަމަށްވާ ނީލާ ނަޖީބާއި އައިމިނަތު ޝަހުރުނާޒް މޫސާ އިންތިހާބަކަށް ދާން ޖެހިއްޖެ އެވެ.

މި މަހު 23 ވަނަ ދުވަހު ބާއްވާ އެތުލީޓްސް ކޮމިޝަންގެ އިންތިހާބަށް ކުރިމަތިލުމުމުގެ މުއްދަތު މިދިޔަ އަންގާރަ ދުވަހަށް ހަމަވިއިރު، އޮލިމްޕިކް ކޮމިޓީން މިއަދު އިއުލާނުކުރި ކެންޑިޑޭޓުންގެ ނަންތަކަކީ ޝަހުރުނާޒާއި ނީލާގެ އިތުރުން ގައުމީ ފެތުންތެރިޔާ މުބާލް އައްޒާމް އިބްރާހިމް، ގައުމީ ހޭންޑްބޯޅަ ޓީމުގެ ނަޝްފާ އާމިރާ އަދި ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ކެޕްޓަން އަހުމަދު ޒަބީރު (ޒަބީ) އެވެ.

އެތުލީޓްސް ކޮމިޝަން އެެކުލެވޭނީ ފަސް މެމްބަރުންގެ މައްޗަށެވެ. އެއީ އޮލިމްޕިކްސްގައި ވާދަކޮށްފައިވާ ދެ އެތުލީޓުން ހިމެނޭ ގޮތަށެވެ. އަނެއް ތިން މެމްބަރުން ވާން ޖެހޭނީ އޮލިމްޕިކް ކުޅިވަރުތަކަށް ނިސްބަތްވާ އެތުލީޓުން ނޫނީ ކުޅުންތެރިންނަށެވެ.

އެތުލީޓްސް ކޮމިޝަންގެ ދައުރެއްގެ މުއްދަތަކީ ހަތަރު އަހަރެވެ. އެތުލީޓްސް ކޮމިޝަންގެ ފަރާތުން އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީ އަށް ދާނެ މެމްބަރެއް ކަނޑައަޅާނީ އެތުލީޓްސް ކޮމިޝަނުންނެވެ.

އެތުލީޓްސް ކޮމިޝަނަށް ހޮވުނު މުބާލް، ނަޝްފާ އަދި ޒަބީރު


އޮލިމްޕިކްސްގައި ވާދަކޮށްފައިވާ ދެ އެތުލީޓަކަށް ލިބޭ ޖާގައިގައި, މުބާލް ވަނީ ފިރިހެން އެތުލީޓަކަށް ހާއްސަވާ ސްލޮޓްގައި ކޮމިޝަނަށް ހޮވިފަ އެވެ. އެކަމަކު، އޮލިމްޕިކްސްގައި ވާދަކޮށްފައިވާ އަންހެން އެތުލީޓަކު ކުރިމަތިނުލާތީ އޮލިމްޕިކް ކޮމިޓީން ނިންމީ ވަކިން އެކަމަށް ބައި-އިލެކްޝަނެއް ބޭއްވުމަށެވެ.

ބާސްކެޓުން ޒަބީރާއި ހޭންޑް ބޯޅަ ނަޝްފާ ވަނީ އެ ދެ ކުޅިވަރު ތަމްސީލްކުރާ މެމްބަރުންގެ ގޮތުގައި ކޮމިޝަނަށް ހޮވިފަ އެވެ. އެކަމަކު، ނީލާ އާއި ޝަހުރުނާޒް މެދުގައި މި މަހު 23 ވަނަ ދުވަހު ވޯޓެއް ބާއްވައި އެންމެ ގިނަ ވޯޓު ލިބޭ ކުޅުންތެރިއަކު ކޮމިޝަނަށް ހޮވޭނެ އެވެ.

އެތުލީޓްސް ކޮމިޝަނުގެ އިންތިހާބުގައި ވޯޓުލާން މުއްދަތު ހަމަވިއިރު، ރަޖިސްޓްރީވެފައިވަނީ 337 އެތުލީޓުންނެވެ. އެންމެ ފުރަތަމަ އާންމުކުރި ލިސްޓުގައި 357 އެތުލީޓުން ހިމެނުނު ނަަމަވެސް ފަހުން ފައިނަލް ކުރިއިރު، އެ ލިސްޓު ވަނީ 337 އަށް ކުޑަވެފަ އެވެ.

އެތުލީޓްސް ކޮމިޝަނުގެ އިންތިހާބުގައި ވޯޓުލަނީ ވޮލީ، ޓެނިސް، ޓޭބަލް ޓެނިސް، ސްވިމިން، ސާފިން، ހޭންޑްބޯލް، ބާސްކެޓްބޯލް، ބެޑްމިންޓަނާއި އެތުލެޓިކްސްގެ އެތުލީޓުންގެ ތެރެއިން މިދިޔަ އަށް އަހަރު ތެރޭ ގައުމީ ޓީމުގައި ހިމެނިފައިވާ ކުޅުންތެރިންނެވެ.

އިންތިހާބުގައި ވޯޓުލާން ރަޖިސްޓްރީ ކުރުމަށް ފަހު ވޯޓުލާން ނާދެވޭ އެތުލީޓުންގެ ބަދަލުގައި ޕްރޮކްސީން ހަމަޖައްސަން ދީފައިވާ މުއްދަތު ހަމަވާނީ މި މަހުގެ 20 ވަނަ ދުވަހަށެވެ.

އެތުލީޓްސް ކޮމިޝަނުގައި ވޯޓުލާ ފައިނަލް ލިސްޓު: https://storage.googleapis.com/gazette.gov.mv/docs/iulaan/66498.pdf