Advertisement

އެތުލީޓްސް ކޮމިޝަންގެ އިންތިހާބުގައި ބެޑްމިންޓަންގެ ޖާގަ ނީލާ އަށް

23 ޑިސެންބަރު 2021 - 20:18 0

ބެޑްމިންޓަން ކުޅުންތެރިޔާ ނީލާ.


އެތުލީޓްސް ކޮމިޝަންގެ އިންތިހާބުގައި ބެޑްމިންޓަންގެ ޖާގަ ނީލާ އަށް

23 ޑިސެންބަރު 2021 - 20:18 0

އެތުލީޓުންނަށް ބާރު ލިބޭ ގޮތަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން އެކުލަވާލަން މަސައްކަތް ކުރަމުން އަންނަ އެތުލީޓްސް ކޮމިޝަންގެ ބެޑްމިންޓަންގެ ޖާގައިގައި ކޮމިޝަނަށް ހޮވޭ ކުޅުންތެރިއަކު ކަނޑައަޅަން މިއަދު ބޭއްވި އިންތިހާބު ތަޖުރިބާކާރު ކުޅުންތެރިޔާ ނީލާ އަހުމަދު ނަޖީބު ކާމިޔާބުކޮށްފި އެވެ.

އެތުލީޓްސް ކޮމިޝަން އެެކުލެވޭނީ ފަސް މެމްބަރުންގެ މައްޗަށެވެ. އެއީ އޮލިމްޕިކްސްގައި ވާދަކޮށްފައިވާ ދެ އެތުލީޓުން ހިމެނޭ ގޮތަށެވެ. އަނެއް ތިން މެމްބަރުން ވާން ޖެހޭނީ އޮލިމްޕިކް ކުޅިވަރުތަކަށް ނިސްބަތްވާ އެތުލީޓުންނަށެެވެ.

އެތުލީޓްސް ކޮމިޝަންގެ ދައުރެއްގެ މުއްދަތަކީ ހަތަރު އަހަރެވެ. އެތުލީޓްސް ކޮމިޝަންގެ ފަރާތުން އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީ އަށް ދާނެ މެމްބަރެއް ކަނޑައަޅާނީ އެތުލީޓްސް ކޮމިޝަނުންނެވެ.

އޮލިމްޕިކްސްގައި ވާދަކޮށްފައިވާ ދެ އެތުލީޓަކަށް ލިބޭ ޖާގައިގައި, ފެތުންތެރިޔާ، މުބާލް އައްޒާމް އިބްރާހިމް ވަނީ ފިރިހެން އެތުލީޓަކަށް ހާއްސަވާ ސްލޮޓްގައި ކޮމިޝަނަށް ހޮވިފަ އެވެ. އެކަމަކު، އޮލިމްޕިކްސްގައި ވާދަކޮށްފައިވާ އަންހެން އެތުލީޓަކު ކުރިމަތިނުލާތީ އޮލިމްޕިކް ކޮމިޓީން ނިންމީ ވަކިން އެކަމަށް ބައި-އިލެކްޝަނެއް ބޭއްވުމަށެވެ. ބާސްކެޓުން އަހުމަދު ޒަބީރާއި ހޭންޑް ބޯޅަ ނަޝްފާ އާމިރާ ވަނީ އެ ދެ ކުޅިވަރު ތަމްސީލްކުރާ މެމްބަރުންގެ ގޮތުގައި ކޮމިޝަނަށް ހޮވިފަ އެވެ. ނީލާ އާއި ޝަހުރުނާޒް މެދުގައި ވޯޓެއް ނަގާގޮތަށް ނިންމައި، އިންތިހާބު ކުރިއަށްދިޔައީ މިއަދު އެވެ.

އެތުލީޓްސް ކޮމިޝަންގެ އިންތިހާބުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ހެންވޭރު ބޯޅަ ގޭގައި މިއަދު ހެނދުނު 10 އިން ހަވީރު 5 އަށް ކުރިއަށްދިޔަ އިންތިހާބުގައި ޖުމްލަ 138 އެތުލީޓުން ވޯޓުލިއިރު، ނީލާ އަށް ވަނީ 73 ވޯޓު ލިބިފަ އެވެ. ޝަހުރުނާޒަށް ލިބިފައިވަނީ 65 ވޯޓެވެ.

ނީލާ ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އޭނާ އަށް އިންތިހާބު ކާމިޔާބު ކޮށްދޭން އެހީތެރިވި، އަދި ވޯޓު ދިން ހުރިހާ އެތުލީޓުންނަށް ޝުކުރު އަދާކުރާ ކަމަށެެވެ. އަދި އެތުލީޓްސް ކޮމިޝަނުގައި ހުރެ، ކުޅުންތެރިންގެ ހައްގުގައި އަޑުއިއްވުމުގައި ސާބިތުވެ ހުންނާނެ ކަމަށް ނީލާ ވަނީ ބުނެފަ އެވެ.

"އަހަންނަށް ވޯޓު ދިން ކުޅުންތެރިއެއް ކަމުގައި ވިޔަސް އަދި ވޯޓު ނުދޭ ކުޅުންތެރިއެއް ކަމުގައި ވިޔަސް ތަފާތު ކުރުމެއް ނެތި ހިދުމަތް ކޮށްދޭނަން. މި ހިނދުން ފެށިގެން ތި ކުޅުންތެރިންނަށް ކުރިމަތިވާ ކޮންމެ ދައްޗަކީ އަހަންނަށް ވެސް ކުރިމަތިވާ ކަމެއްގެ ގޮތުގައި ދެކިގެން މަސައްކަތް ކުރާނަން. ތި ކުޅުންތެރިންގެ އުއްމީދަކީ އަހަރެންގެ ވެސް އުއްމީދު ކަމަށް ދެކިގެން މަސައްކަތް ކުރާނީ. އެންމެ ގުޅިގެން ބައިވެރިވެގެން ކުޅިވަރު ބާރުވެރިކުރަން ބޭނުން،" ނީލާ ބުންޏެވެ.

އެތުލީޓްސް ކޮމިޝަނަކީ 2009 ވަަނަ އަހަރު އޮލިމްޕިކް ކޮމިޓީ އަށް މެމްބަރުން އިންތިހާބުކުރަން ފެށުނު އިރުން ފެށިގެން ހިމެނޭ ބައެކެވެ. އެކަމަކު، މީގެ ކުރިން އެ ކޮމިޝަންގެ އެކްޓިވް ބައެއްގެ ގޮތުގައި ފާހަގަވެފައި ނެތެވެ. އެތުލީޓްސް ކޮމިޝަނަށް ބާރުތައް ދޭގޮތަށް ފާސްކޮށްފައިވަނީ 2019 ވަނަ އަހަރު ބޭއްވި އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާގަ އެވެ.

އެތުލީޓްސް ކޮމިޝަނުގެ ފުރަތަމަ ދެ މެމްބަރުންގެ ގޮތުގައި 2020 ވަނަ އަހަރު ފެބްރުއަރީ މަހު އިއުލާނުކުރީ ރާއްޖޭގެ އެންމެ ކާމިޔާބު ފިރިހެން އެތުލީޓް، ހަސަން ސާއިދު އާއި ކާމިޔާބު ފެތުންތެރިޔާ، އައިމިނަތު ސަޖަން އެވެ. މިދިޔަ ޖޫން މަހު 10 ވަނަ ދުވަހު ބޭއްވި އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގައި އެތުލީޓްސް ކޮމިޝަންގެ އިސް މަގާމަށް ވާދަކުރީ ސަޖަން އާއި ސާއިދު އެވެ. އެމްއޯސީ އިންތިހާބުގައި ކުރިއަށްދިޔަ ވޯޓުން ސަަޖަން އަށް ދެ ވޯޓު ލިބުނުއިރު، ސާއިދަށް ވަނީ ހަ ވޯޓު ލިބިފަ އެވެ.

މި ފަހަރު ސީދާ އެތުލީޓުންގެ ވޯޓުން ފަސް މެމްބަރުންގެ ކޮމިޝަނެއް އިންތިހާބު ކުރެވުމުން ރަސްމީކޮށް އެ ކޮމިޝަންގެ މަސައްކަތްތައް ހިނގައިގަންނާނެ ކަމަށް އޮލިމްޕިކް ކޮމިޓީން މައުލޫމާތު ދެ އެވެ.