Advertisement

ހިކުމަތާއި އިބުރަތުން ފުރިފައިވާ "ގުލިސްތާން" ދިވެހި ބަހަށް ތަރުޖަމާކޮށްފި

22 ޑިސެންބަރު 2021 - 13:55 2

މުހައްމަދު ހަމްދޫން

މުހައްމަދު ހަމްދޫން


ހިކުމަތާއި އިބުރަތުން ފުރިފައިވާ "ގުލިސްތާން" ދިވެހި ބަހަށް ތަރުޖަމާކޮށްފި

22 ޑިސެންބަރު 2021 - 13:55 2

ފާރިސްކަރައިގެ ޅެންވެރިޔާ ޝޭހު މުސްލިހުއްދީން ސައުދީ ޝީރާޒީ ލިޔުއްވި "ގުލިސްތާން" ނުވަތަ "ފިނިފެންމަލުގެ ބަގީޗާ" ފޮތް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. ހަސަން ހަމީދު ދިވެހި ބަހަށް ތަރުޖަމާކުރައްވައިފި އެވެ.

މެދުތެރޭ އަހަރުތައް ދުށް އެންމެ މޮޅު އެއް ފާރިސީ ޅެންވެރިޔާ ބޮޑުބައި ޅެންބަހުން ލިޔުއްވާފައިވާ ކުދި ވާހަކަތަކާއި ނަސޭހަތްތައް ހިމެނޭ އަދި ދުނިޔޭގެ އަދަބިއްޔާތުގެ މުތެއްގެ ގޮތުގައި ސިފަކުރެވޭ، މި ފޮތް ދިވެހި ބަހަށް ގެނައުމަކީ، ދިވެހި ބަހާއި އަދަބަށް ލިބުނު ބޮޑު މުއްސަނދިކަމެކެވެ.

ގައުމީ ޔުނިވާސިޓީން ޝާއިއުކުރި 282 ސަފުހާގެ މި ފޮތް ނެރުމަށް ހަމަޖެހިފައިވަނީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައި މާދަމާ ހެނދުނު 10 ޖަހާއިރު ބާއްވާ ރަސްމިއްޔާތެއްގަ އެވެ. މި ފޮތް މާދަމާ ޔުނިވާސިޓީން ހާއްސަ އަގެއް ކަމަށްވާ 99ރ. އަށް ގަންނަން ލިބޭނެ އެވެ. އޭގެ ފަހުން ގަންނަން ލިބޭނީ 120ރ. އަށެވެ.

ޖުމްލަ 8 ބާބުގެ މައްޗަށް އެކުލެވޭ ގޮތަށް މީލާދީން 1258 ވަނަ އަހަރު ސައުދީ ލިޔުއްވި ފޮތް ޑރ. ހަސަން ދިވެހި ބަހަށް ތަރުޖަމާކުރައްވާފައިވަނީ މީގެ 100 އަހަރު ކުރިން ލިޔެފައިވާ އިނގިރޭސި ތަރުޖަމާއަކުންނެވެ. ޅެން ބަހުން ސައުދީ ލިޔުއްވާފައިވާ ފޮތް ހަސަން ދިވެހި ބަހަށް ތަރުޖަމާކޮށްފައިވަނީ ނަޒްރުންނެވެ. ނުވަތަ ލިޔުމުގެ ސްޓައިލަށެވެ.

މި ފޮތް ތަރުޖަމާކުރެއްވުމަށް ފަހު ހަސަން އެންމެ ފުރަތަމަ ޝާއިއުކުރެއްވީ އަމިއްލަ ބްލޮގުގަ އެވެ. ޔުނިވާސިޓީން ފޮތް ޝާއިއުކުރީ، އެތަނުން ފާސްކޮށް ވިކޭނެކަމަށް ލަފާކުރެވޭ، އިލްމު ފެތުރުމާ ބެހޭ ކޮންމެ ފޮތެއް އެ ފަރާތަށް ގެއްލުން ނުވާގޮތެއްގެ މަތިން ޝާއިއުކޮށްދޭން ކަނޑައެޅި އުސޫލުގެ ތެރެއިންނެވެ.

މިއީ ހަސަން ލިޔުއްވި ހަތް ވަނަ ފޮތެވެ. ކްރިޓިކަލް ތިންކިންގެ ރޮނގުން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ހަސަން އަންނަނީ އޭނާގެ ބްލޮގުގައި ގަވާއިދުން ލިޔުއްވަމުންނެވެ. އޭގެ ތެރޭގައި ތައުލީމާއި ސައިންސާއި ބަހާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި އިންޖިނިއަރިންއާ ގުޅޭ ލިޔުންތަކާއި އޮބިއުޗަރީ ހިމެނެ އެވެ.

"ފާރިސީ ބަހަކީ ދިވެހި ބަހާ ވަރަށް ގާތް ބަހެއްކަން، މި ފޮތް ތަރުޖަމާކުރުމުގެ ތެރޭގައި، އަޅުގަނޑު ބެލި ފޮތުގެ އަސްލުން ޔަގީންވެ އެވެ. އަދި ދިވެހި ޅެންވެރިކަމުގެ ހަމަތަކާއި ގުލިސްތާނުގެ ޅެންވެރިކަމާ ވަރަށް ބޮޑު ތިމާގެކަން އޮންނަކަން ފޮތުގައިވާ އަސްލު ޅެންތައް ކިޔުއްވުމުން ކަށަވަރުވެ ވަޑައިގަންނަވާނެ އެވެ،" ހަސަން ލިޔުއްވާފައިވެ އެވެ.

ޑރ. ހަސަން ހަމީދު. --ފޮޓޯ: އެމްއެންޔޫ


ވަރަށް ތުއްޕުޅުއިރު ބަގުދާދުގެ ނިޒާމިއާ ޔުނިވާސިޓީން ތައުލީމު ހާސިލްކުރެއްވި ސައުދީގެ މި ފޮތުގައި ހިމެނެނީ 30 އަހަރެއްހާ ދުވަހު އިސްލާމީ އެކި ގައުމުތަކަށް ކުރެއްވި ދަތުރުގައި ދިމާވި ބައެއް ކަންކަމެވެ. ފޮތުގައި ހިމެނެނީ އިބުރަތާއި ހިކުމަތުން ފުރިފައިވާ ވާހަކަތަކެވެ.

"އެއީ ވިސްނާމީހަކަށް އިބުރަތްތަކަކަށް ވާނޭ ވާހަކަތަކެކެވެ. (އެއީ) ފިކުރާއި އެކީ ހޭދަކުރެއްވި ދިރިއުޅުއްވުމެއްގެ އަރަގެވެ،" ހަސަން ލިޔުއްވާފައިވެ އެވެ.

ހަސަން ލިޔުއްވި ގޮތުގައި ދުނިޔޭގެ އަދަބިއްޔާތުގެ ތެރޭގައި ހިމެނޭ މަޝްހޫރު ފޮތްތަކުގެ ތެރެއިން އެންމެ ނަން ހިނގާ އެއް ފޮތަކީ މި ފޮތެވެ.

"ޔޫރަޕުގެ މީހުންނަށް މިކަލޭގެފާނުންގެ ހިކްމަތްތެރިކަމުގެ ފުންކަން ތައާރަފުވީ މީގެ 382 އަހަރުކުރިން އޭނާގެ ފޮތްތައް ފަރަންސޭސި ބަހަށް ތަރުޖަމާ ކުރުމުންނެވެ."

އޭނާގެ މަޝްހޫރު ހަރުބަސް ތަކުގެ ތެރޭގައި "އަވަހަށް އުފެއްދި އެއްޗެއް އަވަހަށް ކުންޏަށް ވެ އެވެ" ފާހަގަކުރެވެ އެވެ. އަދި އެމެރިކާގެ ނިއު ޔޯކުގައި ހުންނަ އ.ދ. މައި މަރުކަޒުގެ ބޮޑު މާލަމުގެ ދޮރުމަތީގައި ލިޔެފައި އޮންނަނީ ވެސް ސައުދީގެ ދެ ބައިތެކެވެ.

ހަސަން ކުރައްވާފައި އެ ބައިތުގެ ދިވެހި ތަރުޖަމާއަކީ:

އާދަމުގެ ދަރިންގެ އެކަކީ އަނެކަކުގެ އަތްފަ އެވެ.

އެމީހުންގެ އަޞްލަކީ އެއް އަރަގެކެވެ.

ވަގުތުގެ މުޞީބާތެއް އެއް ގުނަވަނަށް ޖެހިއްޖެނަމަ،

އަނެއް ގުނަވަނަށް އަރާމަކު ނޯވެވޭނެ އެވެ.

އެހެން މީހުންގެ ހިތާމަތަކަށް ތިބާގެ ކިބައިގައި ރަޙްމެއް ނެތްނަމަ

އިންސާނެކޭ ބުނާ ވަޒަނަށް ތިބާގެ އަގެއް ނާރަ އެވެ.

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އީރާނުގެ އާ އަހަރުގެ މުނާސަބަތުގައި 2009 ވަނަ އަހަރު އެ ގައުމު މީހުންނަށް ދެއްވި ވީޑިއޯ މެސެޖެއްގައި އެ ބައިތުތައް ބޭނުންކުރެއްވި އެވެ.

"އަހަރެމެން މާނަކުރެވެނީ އަހަރެމެންގެ ތެރޭގައި ހުރި ތަފާތުތަކުން ކަމަށް ބާރުއަޅާ ބަޔަކު އެބަތިބި. އެކަމަކު ހަނދާންކުރަމާ ހިނގާ ޅެންވެރިޔާ ސައުދީ މީގެ އެތައް އަހަރެއް ކުރިން ލިޔުއްވާފައިވާ ބަސްތަކެއްގެ މަތިން. އާދެ، އާދަމުގެ ދަރިންނަކީ އެއް އަރަގަކުން އުފައްދަވާފައިވާ ބަޔެއް. އޭގެ ތެރެއިން އެކަކީ އަނެކަކުގެ އަތްފައި،" އޮބާމާ ވިދާޅުވި އެވެ.