Advertisement

ލީބިޔާގެ އިންތިހާބަށް ހަފުތާއަކަށް ވެފައި ވަނިކޮށް ހަމަލާތަކެއް

16 ޑިސެންބަރު 2021 - 07:24 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ލީބިޔާގެ ހަނގުރާމަވެރި ގްރޫޕެއްގެ މެމްބަރުން ހަތިޔާރު ހިފައިގެން. -- ފޮޓޯ: ދަ ސައުތު އެފްރިކަން


ލީބިޔާގެ އިންތިހާބަށް ހަފުތާއަކަށް ވެފައި ވަނިކޮށް ހަމަލާތަކެއް

16 ޑިސެންބަރު 2021 - 07:24 0

ލީބިޔާގެ އިންތިހާބު ފަށަން ހަފުތާއަކަށް ވެފައި ވަނިކޮށް އަސްކަރީ ވެރިޔާ ހަލީފާ ހަފްތާރްއާ ގުޅުން ހުރި ހަނގުރާމަވެރިން އެ ގައުމުގެ ދެކުނުގައި ހަމަލާތަކެއް ދީފި އެވެ.

ހަމަނުޖެހުމުގެ ސަބަބުން ސުލްހަ ގެނެވިފައި ނުވާ ލީބިޔާގެ ރިޔާސީ އިންތިހާބު އަންނަ ހަފުތާގައި އޮންނަ އިރު، ހަމަލާތަކާ ހެދި އަލުން ހަމަނުޖެހުން ބޮޑުވެދާނެކަމުގެ ބިރު އެބަ އޮތެވެ.

"ބަރު ހަތިޔާރާއި ހަނގުރާމައިގެ އުޅަނދުތަކުގައި ތިބި ގްރޫޕަކުން ވަނީ ސެބާ ސަރަހައްދުން 11 އުޅަނދު ވަގަށް ނަގައިގެން ގެންގޮސްފައި،" ސެބާގެ ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ އަމަލު ހިންގީ މަބްރޫކް ސަހްބާން ކޮމާންޑް ކުރާ ހަނގުރާމަވެރި ގްރޫޕަކުން ކަމަށެވެ. ސަހްބާން އާއި ހަފްތާރް އަކީ ގާތް ދެ މީހުންނެވެ.

ލީބިޔާގެ ދެކުނުގެ ހިސާބުތައް ކޮންޓްރޯލް ކުރާ ހަފްތާ އަކީ ޑިސެމްބަރު 24 ވަނަ ދުވަހު ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓެކެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ހަނގުރާމަވެރިން ވަގަށް ގެންދިޔަ އުޅަނދުތަކަކީ އިންތިހާބާ ގުޅޭ ކަންކަމުގައި ބޭނުން ކުރަން އިންޓީރިއާ މިނިސްޓްރީން ސެބާ އަށް ފޮނުވި ތަކެއްޗެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަނީ އުޅަނދުތައް ވަގަށް ގެންދިޔުމުގެ ކުރިން ފުލުހުންނާއި ހަނގުރާމަވެރިން ހަމަލާ ބަދަލުކުރާ މަންޒަރެވެ.

ސެބާ މެޑިކަލް ސެންޓަރުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ހަމަލާތަކުގައި އެކަކު މަރުވެ، ދެ މީހުންނަށް އަނިޔާވި ކަމަށެވެ.

ލީބިޔާގެ ދެކުނުގެ ކޮންޓްރޯލް ހަފްތާރް ހޯދީ 2019 ވަނަ އަހަރު އެވެ. އޭގެ ފަހުން ވެރިރަށް ޓްރިޕޮލީގެ ކޮންޓްރޯލް ހޯދަން މަސައްކަތްކޮށް، ފެއިލްވި އެވެ.