29 ނޮވެންބަރު 2021 - 19:50 1
މުހައްމަދު ވިޝާމް
ސިނަމާލެ ބްރިޖުގެ ޓްރެފިކް ލައިޓުގައި ވެހިކަލްތަކެއް މަޑުކޮށްލައިގެން. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު
29 ނޮވެންބަރު 2021 - 19:50 1
ޓްރާންސްޕޯޓް އޮތޯރިޓީން ދޭ ހިދުމަތްތައް އިންތިހާއަށް ލަސްވާ ކަމުގެ ޝަކުވާ ޒަމާނުއްސުރެ ކުރަމުން އަންނައިރު، އެ އޮތޯރިޓީ އުވާލަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށް ސަރުކާރުގެ ފަރާތުން ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު ހުށަހެޅުއްވި ބިލުގައި ވަނީ ޓްރާންސްޕޯޓް އޮތޯރިޓީގެ މުދަލާއި މަސައްކަތްތަކުގެ އިތުރުން މުވައްޒަަފުން ޓްރާންސްޕޯޓް މިނިސްޓްރީއަށް ބަދަލުކޮށް, އެ އޮތޯރިޓީ އުވާލުމަށެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލަން ހުށަހެޅީ އެ އޮތޯރިޓީގެ ހިދުމަތްތައް ލަސްވެ ރައްޔިތުންގެ ޝަކުވާ ބޮޑުވުމުންނެވެ.
އެ ބިލަށް މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރިއަށް ދިޔައިރު ބައެއް މެމްބަރުން ވިދާޅުވެފައި ވަނީ ޓްރާންސްޕޯޓް އޮތޯރިޓީ އުވާލައި، މުވައްޒަފުން މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަކީ ހަގީގީ މައްސަލައަށް ލިބޭނެ ހައްލެއް ނޫން ކަމަށެވެ.
ނަމަވެސް، ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ އާއި، ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ބިލް ދިރާސާކުރުމަށް ފަހު ނިންމީ އެ ބިލުގައި ހުށަހަޅާފައިވާ ގޮތަށް އެ އޮތޯރިޓީ އުވާލައި މުވައްޒަފުން މިނިސްޓްރީއަށް ބަދަލުކުރުމަށެވެ.
އެއާއެކު ކޮމިޓީން ނިންމި ގޮތަށް މި ބިލު މިއަދުގެ ޖަލްސާގައި ފާސްކޮށްފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.
ޓްރާންސްޕޯޓް އޮތޯރިޓީ އުވާލަން މަޖިލީހުން ފާސްކޮށްފައިވަނީ، އެ އޮތޯރިޓީގެ ހިންގުން ހަރުދަނާ ކުރެވިއްޖެކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެފައިވަނިކޮށެވެ.
ނަހުލާ ވިދާޅުވި ގޮތުގައި އެ ވުޒާރާއާ ހަވާލުވެވަޑައިގެންނެވި ފަހުން ރަނގަޅު ބަދަލުތަކެއް ގެނެވިފައިވާކަމަށް ގަބާލުކުރައްވާ ކަމަށާއި އެތައް އަހަރެއް ވަންދެން ނުހެދި ހުރި ގިނަ ގަވައިދުތަކެއް ހެދިއްޖެ އެވެ.
"...ކުރިން ހިދުމަތްތައް ލަސްވަމުންދާ ގޮތަށް ކަންކަން ލަސްވަމުންދާ ކަމަށް އަޅުގަނޑު އެއް ގޮތަކަށް ވެސް ގަބޫލެއް ނުކުރަން،" އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި މުޅި މާލޭ ސަރަހައްދުގެ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ޓްރާންސްޕޯޓް އޮތޯރިޓީގައި ތިބީ އެންމެ 21 މުވައްޒަފުންނެވެ.
އެހެންކަމުން އެތައް ހިދުމަތެއް ދިނުމުގެ ޒިންމާއޮތް އިދާރާއެއްގެ ހިންގުމާއި ހިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭނީ އިތުރު މުވައްޒަފުންނާއެކު އެކަށީގެންވާ ބަޖެޓު ވެސް ލިބިގެންކަމަށް ނަހުލާ ވިދާޅުވި އެވެ.
Comment