Advertisement

ޓްރާންސްޕޯޓް އޮތޯރިޓީގެ ހިދުމަތް ލަސްކަމަށް މިނިސްޓަރު ގަބޫލު ނުކުރެއްވި

29 ނޮވެންބަރު 2021 - 11:11 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. -ފޮޓޯ: މަޖިލިސް


ޓްރާންސްޕޯޓް އޮތޯރިޓީގެ ހިދުމަތް ލަސްކަމަށް މިނިސްޓަރު ގަބޫލު ނުކުރެއްވި

29 ނޮވެންބަރު 2021 - 11:11 0

ޓްރާންސްޕޯޓް އޮތޯރިޓީގެ ހިންގުމަށް މި ސަރުކާރު އައި ފަހުން ގެނެވުނު ރަނގަޅު ބަދަލުތަކުގެ ސަބަބުން ކުރިއާ އަޅާބަލާއިރު އެތަނުން ދޭ ހިދުމަތްތައް މިހާރު ލަސްކަމަށް ގަބޫލުނުކުރައްވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެ އެވެ.

ހޯރަފުށީ އެއާޕޯޓަށް އަރާ ފޭބުމަށް ބޭނުންވާ ފާލަމުގެ މަސައްކަތް ލަސްވެފައިވާތީ އެކަން ސާފުކޮށް ދިނުމަށް މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގެންފައިވާއިރު، އިތުރު ސުވާލު ކުރަން ލިބުނު ފުރުސަތުގައި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވަނީ ޓްރާންސްޕޯޓް އޮތޯރިޓީން ހިދުމަތް ލިބުމުގައި ލަސްވާކަމުގެ ޝަކުވާ ކުރައްވައިފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ނަހުލާ ވިދާޅުވީ އެ އޮތޯރިޓީއާ މެދު ރައްޔިތުންގެ ޝަކުވާ ލިބޭކަމަށް މަޖިލީހުގެ މެމްބަރުން ވިދާޅުވާއިރު، އެއީ ސީދާ ކޮން ޝަކުވާއެއްކަން ސާފުކޮށް ނުދެއްވާ ކަމަށެވެ.

މިފަހުން މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކުރުމުން ވެސް އެ ޝަކުވާތައް ސާފުކޮށް ދެއްވަން އެދިވަޑައިގެންނެވި ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ނަހުލާ ވިދާޅުވި ގޮތުގައި އެ ވުޒާރާއާ ހަވާލުވެވަޑައިގެންނެވި ފަހުން ރަނގަޅު ބަދަލުތަކެއް ގެނެވިފައިވާކަމަށް ގަބާލުކުރައްވާ ކަމަށާއި އެތައް އަހަރެއް ވަންދެން ނުހެދި ހުރި ގިނަ ގަވައިދުތަކެއް ހެދިއްޖެ އެވެ.

"...ކުރިން ހިދުމަތްތައް ލަސްވަމުންދާ ގޮތަށް ކަންކަން ލަސްވަމުންދާ ކަމަށް އަޅުގަނޑު އެއް ގޮތަކަށް ވެސް ގަބޫލެއް ނުކުރަން،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި މުޅި މާލޭ ސަރަހައްދުގެ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ޓްރާންސްޕޯޓް އޮތޯރިޓީގައި ތިބީ އެންމެ 21 މުވައްޒަފުންނެވެ.

އެހެންކަމުން އެތައް ހިދުމަތެއް ދިނުމުގެ ޒިންމާއޮތް އިދާރާއެއްގެ ހިންގުމާއި ހިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭނީ އިތުރު މުވައްޒަފުންނާއެކު އެކަށީގެންވާ ބަޖެޓު ވެސް ލިބިގެންކަމަށް ނަހުލާ ވިދާޅުވި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުން

އެތައް ޒަމާނެއް ވަންދެން ރައްޔިތުންގެ އެންމެ ޝަކުވާ ބޮޑު، ޓްރާންސްޕޯޓް އޮތޯރިޓީ ނަހުލާ ދިފާއުކުރެއްވިއިރު، އެ އިދާރާ އުވާލަން މަޖިލީހުގެ ކޮމިޓީއަކުން ވަނީ ނިންމައިފަ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށް ސަރުކާރުގެ ފަރާތުން ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު ހުށަހެޅުއްވި ބިލުގައި ވަނީ ޓްރާންސްޕޯޓް އޮތޯރިޓީގެ މުދަލާއި މަސައްކަތްތަކުގެ އިތުރުން މުވައްޒަަފުން ޓްރާންސްޕޯޓް މިނިސްޓްރީއަށް ބަދަލުކޮށް, އެ އޮތޯރިޓީ އުވާލުމަށެވެ.

އެ ބިލަށް މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރިއަށް ދިޔައިރު ބައެއް މެމްބަރުން ވިދާޅުވެފައި ވަނީ ޓްރާންސްޕޯޓް އޮތޯރިޓީ އުވާލައި، މުވައްޒަފުން މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަކީ ހަގީގީ މައްސަލައަށް ލިބޭނެ ހައްލެއް ނޫން ކަމަށެވެ.

އެ އޮތޯރިޓީ އުވާލަން ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ އާއި، ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ނިންމާފައިވާއިރު، އެ ނިންމުމާ މެދު މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމަން ވޯޓަށް އެހުން މިއަދުގެ ޖަލްސާއަށް ވަނީ ތާވަލުކޮށްފަ އެވެ.