Advertisement

ގައްޒާފީގެ ދަރިކަލުން ހުށަހެޅި މައްސަލަ ހުއްޓުވަން ކޯޓަށް ހަމަލާ ދީފި

27 ނޮވެންބަރު 2021 - 06:16 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް. އަންނަ މަހު އޮންނަ ރިޔާސީ އިންތިހާބުގައި އޭނާ އަށް ވާދަނުކުރެއްވޭނެ ކަމަށް ވަނީ ކަނޑައަޅާފައި. -- ފޮޓޯ: އަނަދޮލޫ އެޖެންސީ


ގައްޒާފީގެ ދަރިކަލުން ހުށަހެޅި މައްސަލަ ހުއްޓުވަން ކޯޓަށް ހަމަލާ ދީފި

27 ނޮވެންބަރު 2021 - 06:16 0

ޓްރިޕޮލީ، ލީބިޔާ (ނޮވެމްބަރު 26) - ލީބިޔާގެ ކުރީގެ ލީޑަރު މުއައްމަރު ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް ރިޔާސީ އިންތިހާބަށް ޝަރުތު ހަމަނުވާ ކަމަށް ކަނޑައެޅި މައްސަލަ އިސްތިއުނާފް ކުރުމުން ކޯޓަށް ހަމަލާ ދީފި އެވެ.

ޑިސެމްބަރު 24 ވަނަ ދުވަހު ރިޔާސީ އިންތިހާބު ބާއްވަން ތާވަލުކޮށްފައި ވާއިރު، މިއީ 2011 ވަނަ އަހަރު ހިންގި އިންގިލާބުގައި ގައްޒާފީ އަވަހާރަކޮށްލި ފަހުން ސުލްހަ ގާއިމްކުރެވިފައި ނުވާ ލީބިޔާ އަށް ހަމަޖެހުން ގެނައުމުގެ ގޮތުން ބާއްވާ އިންތިހާބެކެވެ.

ރިޔާސީ އިންތިހާބަށް ސައިފުގެ ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ބުދަ ދުވަހު އެވެ. އޭނާ އަކީ އިންގިލާބުގައި ޖަރީމާ ހިންގި ކަމަށް ތުހުމަތު ކުރެވޭތީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން ހޯދަމުންދާ މީހެކެވެ.

އިންތިހާބަށް ކުރިމަތިލި 98 ކެންޑިޑޭޓުންގެ ތެރެއިން 25 ކެންޑިޑޭޓުންގެ ޝަރުތު ހަމަނުވާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. އެ ނިންމުން އިސްތިއުނާފް ކުރަން ކެންޑިޑޭޓުންނަށް 48 ގަޑިއިރުގެ މުހުލަތެއް ދިނެވެ.

ލީބިއާގެ އެއްބައިވަންތަކަމުގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ ހަތިޔާރު އެޅި ގްރޫޕަކުން ސެބާ ސިޓީގެ ކޯޓަށް ހަމަލާ ދިނީ ބުރާސްފަތި ދުވަހުގެ ހެނދުނު ކަމަށެވެ. އެ ހާދިސާ ތަހުގީގު ކުރަން އިންޓީރިއާ އަދި ޖަސްޓިސް މިނިސްޓަރުންނަށް ވަނީ އަންގާފަ އެވެ.

ސައިފުގެ ވަކީލް ހާލިދުލް ޒައިދީ ވިދާޅުވީ ހަމަލާ ދިން ގްރޫޕުން ކޯޓު ތެރެއަށް ވަދެ، މުވައްޒަފުންގެ ބޮލުގައި ބަޑި ޖެއްސުމަށް ފަހު ނުކުންނަން އެންގި ކަމަށެވެ. އޭރު ސައިފުގެ އިސްތިއުނާފް މައްސަލަ ފަށަން އޮތީ ތާވަލުކޮށްފަ އެވެ.

"މި އަމަލަކީ އިންތިހާބީ ޕްރޮސެސް ހުއްޓުވަން ހިންގި އަމަލެއް،" ލީބިޔާގެ މީޑިއާ އިން އާއްމުކުރި ވީޑިއޯއެއްގައި ޒައިދީ ވިދާޅުވި އެވެ.

އދ. ގެ ލީބިޔާ މިޝަން އިން ވަނީ އެ ހަމަލާއާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ސައިފްގެ ކެންޑިޑެސީ ބާތިލްކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމީ ކެންޑިޑޭޓުންގެ "ކްރިމިނަލް ރިކޯޑް ސާފުވާން ޖެހޭނެ" ކަމަށް އިންތިހާބާ ބެހޭ ގާނޫނުގައި ބުނެފައި ވާތީ އެވެ. ވާދަކުރާ ކެންޑިޑޭޓުންގެ ފައިނަލް ލިސްޓު އާއްމުކުރާނީ ޑިސެމްބަރުގެ ކުރީކޮޅު އެވެ.

އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ފާހަގަކުރެވޭ ބައެއް ފަރާތްތަކަކީ އަސްކަރީ ލީޑަރު ހަލީފާ ހަފްތާރް އާއި ވަގުތީ ބޮޑު ވަޒީރު އަބްދުލް ހާމިދް ދުބައިބާ އަދި ކުރީގެ އިންޓީރިއާ މިނިސްޓަރު ފަތީ ބަޝަގާ އެވެ.