Advertisement

ލީބިޔާގެ ރިޔާސީ އިންތިހާބުގައި 98 ކެންޑިޑޭޓުން ވާދަކުރޭ!

24 ނޮވެންބަރު 2021 - 05:41 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ލީބިޔާގައި މިހާރު އޮތް އެއްބައިވަންތަކަމުގެ ސަރުކާރުގެ ބޮޑު ވަޒީރު އަބްދުލް ހާމިދު މުހައްމަދު ދުބައިބާ ވެސް އިންތިހާބުގައި ވާދަކުރައްވާ. -- ފޮޓޯ: އޭޕީ


ލީބިޔާގެ ރިޔާސީ އިންތިހާބުގައި 98 ކެންޑިޑޭޓުން ވާދަކުރޭ!

24 ނޮވެންބަރު 2021 - 05:41 0

ޓްރިޕޮލީ، ލީބިޔާ (ނޮވެމްބަރު 23) - އަންނަ ޑިސެމްބަރު މަހު އޮންނަ ލީބިޔާގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން 98 ކެންޑިޑޭޓުން ކުރިމަތިލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އޭގެ ތެރޭގައި ދެ އަންހެން ކެންޑިޑޭޓުން ވެސް ހިމެނެ އެވެ.

"ކެންޑިޑޭޓް ރެޖިސްޓްރޭޝަން ޕްލެޓްފޯމަށް ވަނީ ޝަރުތު ހަމަވާ 98 ކެންޑިޑޭޓެއްގެ ލިޔުންތައް ލިބިފައި،" އިލެކްޝަންސް ކޮމިޝަންގެ ރައީސް އިމާދުލް ސަޔާހް ވިދާޅުވި އެވެ.

ކެންޑިޑޭޓުންގެ ތެރެއިން އެންމެ ފާހަގަކުރެވެނީ ކުރީގެ ލީޑަރު މުއައްމަރު ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް އާއި ލީބިޔާގެ އިރުމަތީގައި އަސްކަރީ ބާރު ހިންގާ ލީބިޔަން ނޭޝަނަލް އާމީގެ ލީޑަރު ހަލީފާ ހަފްތާރް އެވެ.

އޭގެ އިތުރުން ކުރީގެ އިންޓީރިއާ މިނިސްޓަރު ފަތީ ބަޝަގާ އާދި މިހާރު އޮތް އެއްބައިވަންތަކަމުގެ ސަރުކާރުގެ ބޮޑު ވަޒީރު އަބްދުލް ހާމިދް ދުބައިބާ ވެސް ފާހަގަކުރެވެ އެވެ.

މިހާތަނަށް ކުރިމަތިލާފައިވާ ދެ އަންހެން ކެންޑިޑޭޓުންނަކީ ނޭޝަނަލް މޫވްމަންޓް ޕާޓީގެ ފައުންޑަރު އަދި ރައީސް އުމުރުން 46 އަހަރުގެ ލައިލާ ބިން ހަލީފާ އާއި ސޯޝަލް ސައިންސް ރިސާޗާ ހުނައިދާ އަލް މަހްދީ އެވެ.

ރައްޔިތުންގެ އިންގިލާބަކުން 2011 ވަނަ އަހަރު ގައްޒާފީގެ 40 އަހަރުވީ ވެރިކަން ނިމުމަކަށް ގެނައި ނަމަވެސް ލީބިޔާގައި ސުލްހަ ގާއިމްވެފައެއް ނުވެ އެވެ. އެހެންވެ، ރިޔާސީ އިންތިހާބުގެ ބޭނުމަކީ ސުލްހަ ގެނައުމުގެ މަސައްކަތް ކުރުމެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ކެންޑިޑޭޓުންގެ ފައިނަލް ލިސްޓު 12 ދުވަހުގެ ތެރޭގައި އާއްމު ކުރާނެ ކަމަށެވެ. އެގޮތުން އިންތިހާބާ ގުޅޭ ގާނޫނުގައިވާ ކަންކަން ކެންޑިޑޭޓުންގެ މެދުގައި ފުރިހަމަވޭތޯ ބެލުމަށް ޕްރޮސެކިއުޓާ ޖެނެރަލް އާއި ޖެނެރަލް އިންޓެލިޖެންސް އަދި ޑިޕާޓްމަންޓް އޮފް ޕާސްޕޯޓްސް އެންޑް ނެޝަނަލިޓީއާ ގުޅިގެން މަސައްކަތް ކުރާނެ އެވެ.

ޑިސެމްބަރު 24 ވަނަ ދުވަހު އޮންނަ އިންތިހާބުގައި ލީބިޔާގެ ހަތް މިލިއަން މީހުންގެ ތެރެއިން 2.8 މިލިއަން މީހުން ވަނީ ވޯޓުލުމަށް ރަޖިސްޓްރީކޮށްފަ އެވެ.