Advertisement

ފޯ ނޭޝަންސް ކަޕްގެ ފައިނަލަށް ފީފާގެ ރައީސް އިންފަންޓީނޯ ލަންކާ އަށް

19 ނޮވެންބަރު 2021 - 08:09 0

ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ޖޭސްވާރް އުމަރު (ކ) އާއި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ (ކ)


ފޯ ނޭޝަންސް ކަޕްގެ ފައިނަލަށް ފީފާގެ ރައީސް އިންފަންޓީނޯ ލަންކާ އަށް

19 ނޮވެންބަރު 2021 - 08:09 0

ސްރީ ލަންކާގައި މިހާރު ކުރިއަށްދާ މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގެ ހާއްސަ މެހެމާން، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މިއަދު ލަންކާ އަށް ވަޑައިގެންފި އެވެ.

ލަންކާ ގަޑިން އިރުއޮއްސި ހަތެއް ޖަހާއިރު، ކުޅޭ ފޯ ނޭޝަންސް ކަޕްގެ ފައިނަލުގައި ބައްދަލުކުރާނީ ސީޝެލްސް އާއި ލަންކާ އެވެ. ރާއްޖެ އާއި ބަންގްލަދޭޝް ވަނީ މުބާރާތުން ކަޓައިފަ އެވެ.

ފޯ ނޭޝަންސް ކަޕްގެ ޝެޑިއުލް އެންމެ ފުރަތަމަ އާންމުކުރިއިރު، ފައިނަލް ކުޅެން ނިންމާފައި އޮތީ މި މަހު 17 ވަނަ ދުވަހު އެވެ. އެކަމަކު، ޝެޑިއުލަށް ގެނައި ބަދަލާ އެކު ފައިނަލް މެޗު މިއަދު ކުޅޭ ގޮތަށް ބަދަލުކުރީ އިންފަންޓީނޯ އަށް ދައުވަތުދީގެން މެޗު ކުރިއަށް ގެންދިއުމުގެ ވިސްނުމުގަ އެވެ.

ލަންކާ ފެޑެރޭޝަނުގެ އޮފިޝަލަކު "އަދަދު" އަށް ވިދާޅުވީ އިންފަންޓީނޯގެ މި ދަތުރުފުޅުގައި ފީފާގެ އެހީއާ އެކު ލަންކާ އަށް ފުޓްބޯޅައިގެ ވަސީލަތްތައް ތަރައްގީ ކުރެވޭނެ ގޮތާ ބެހޭގޮތުން މަޝްވަރާކުރާނެ އެވެ. އަދި ސަރަހައްދުގެ ފުޓްބޯޅައިގެ ޑިވެލޮމަންޓާ ގުޅޭ މަޝްވަރާތަކެއް ވެސް ކުރެވިގެންދާނެ ކަމަށް ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން މައުލޫމާތު ދެ އެވެ.

ފައިނަލް މެޗަށް ފަހު މިރޭގެ ވަގުތެއްގައި އިންފަންޓީނޯ ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ލަންކާ ފެޑެރޭޝަނުން ބުނެ އެވެ.

ފީފާ މެޗުތައް ކުޅޭ ތާރީހުގެ ތެރެއަށް ފައްތައިގެން ފޯ ނޭޝަންސް ކަޕް ރޭވުމުގެ އެންމެ ބޮޑު ބޭނުމަކީ ފީފާ ރޭންކިން އަށް މި މެޗުތަކުން ޕޮއިންޓް ގުނެވޭ ގޮތަށް މަގުފަހިކުރާށެވެ. ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން ފޯ ނޭޝަންސް ކަޕް ކުރިއަށް ގެންދަނީ އޭއެފްސީ އާއި ސާފް އިން ވެސް ދާދި ފަހުން އަމަލުކޮށްފައިވާ އުސޫލުން ބަބަލްއެއްގެ ތެރޭގައި ޓީމުތައް ތިބެގެންނެވެ. މާނަ އަކީ ކުޅުންތެރިންނަށް ނުކުމެވޭނީ ޓްރެއިނިން އާއި މެޗުތަކަށެވެ.

ލަންކާ އިން އެންމެ ފުރަތަމަ ރާޖަޕަކްސަ ޓްރޮފީގެ ނަމުގައި މުބާރާތެއް ބޭއްވީ 2012 ވަނަ އަަހަރު އެވެ. އެ ފަހަރު މުބާރާތް ކުރިއަށް ގެންދިޔައީ 23 އަހަރުން ދަށަށް ހާއްސަ ކޮށްގެންނެވެ. އެ ފަހަރު ތަށި އުފުލާލީ ރާއްޖޭގެ ޒުވާން ޓީމުންނެވެ.