Advertisement

ގައްޒާފީގެ ދަރިކަލުން ވާދަކުރާތީ އިންތިހާބު ބޮއިކޮޓްކުރަން ބާރުއަޅަނީ

16 ނޮވެންބަރު 2021 - 11:48 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިންތިހާބުގައި ވާދަކުރަން ބޭނުންވާ ލިޔުންތައް ހުށަހެޅުއްވުމަށް ސައިފުލް އިސްލާމް (މ) އިލެކްޝަންސް ކޮމިޝަނުގައި. -- ފޮޓޯ: އޭޕީ


ގައްޒާފީގެ ދަރިކަލުން ވާދަކުރާތީ އިންތިހާބު ބޮއިކޮޓްކުރަން ބާރުއަޅަނީ

16 ނޮވެންބަރު 2021 - 11:48 0

ޓްރިޕޮލީ، ލީބިޔާ (ނޮވެމްބަރު 16) - ލީބިޔާގެ ކުރީގެ ލީޑަރު މުއައްމަރު ގައްޒާފީގެ ދަރިކަލުން، ސައިފުލް އިސްލާމް، ރިޔާސީ އިންތިހާބުގައި ވާދަކުރައްވާތީ އިންތިހާބު ބޮއިކޮޓް ކުރަން ގޮވަން ފަށައިފި އެވެ.

ފާއިތުވި 10 އަހަރު އާއްމުންނަށް ފެނިފައި ނުވާ ސައިފު ވަނީ ޑިސެމްބަރު 24 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ލިޔުންތައް ހުށަހަޅަން އިލެކްޝަންސް ކޮމިޝަނަށް އާދީއްތަ ދުވަހު ހާޒިރުވެވަޑައިގެންފަ އެވެ.

ނަމަވެސް 2011 ވަނަ އަހަރު ގައްޒާފީގެ ވެރިކަން ވައްޓާލި އިންގިލާބުގައި އިސް ދައުރެއް އަދާކުރި މިސްރާތާ ސިޓީގެ ނުފޫޒު ގަދަ އުމުރުން ދުވަސްވީ ލީޑަރުން ހިމެނޭ ކައުންސިލަކުން ވަނީ ސައިފު ވާދަކުރާ ނަމަ އިންތިހާބު ބޮއިކޮޓް ކުރަން ގޮވާލާފަ އެވެ.

"ލީބިޔާ ރައްޔިތުންގެ އިންގިލާބުގައި ރައްޔިތުންނާ ދެކޮޅަށް ނުކުތް ފަރާތްތަކާއި ލީބިޔާގެ ކޯޓުތަކާއި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ހޯދަމުންދާ ފަރާތްތަކުގެ ކެންޑިޑެސީ މި ކައުންސިލުން ބަލައެއްނުގަންނަން،" ކައުންސިލުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ކައުންސުލިން ގޮވާލީ އިންތިހާބާ ގުޅޭ ރަނގަޅު ގަވާއިދެއް ހެދުމުގެ ކުރިން އިންތިހާބު ބޭއްވުމާ ދެކޮޅަށް މުޒާހަރާ ކުރުމަށެވެ. އެ ގޮވާލުމަށް އިޖާބަދީ، ބައެއް އާއްމުން ވަނީ ލީބިޔާގެ ހުޅަނގުގައި ތައްޔާރުކޮށްފައި ހުރި ވޯޓުލާ މަޒުކަރުތައް ބަންދުކޮށްފަ އެވެ.

ގައްޒާފީ އަށް ފަހު ލީބިޔާގެ ލީޑަރަށް ސައިފު ވެވަޑައިގަންނަވާނެ ކަމަށް ކުރިން އޮތީ ބެލެވިފަ އެވެ. ނަމަވެސް 2011 ވަނަ އަހަރު ގެނައި އިންގިލާބުގައި ބައްޕާފުޅު އަވަހާރަކޮށްލުމުން ސައިފު އުޅުއްވީ ފިލައިގެންނެވެ.

ސާޅީސް އަހަރު ލީބިޔާގައި ވެރިކަން ކުރެއްވި ގައްޒާފީ އާއި އެމަނިކުފާނުގެ އާއިލާއާ ދެކޮޅަށް ރައްޔިތުން ނުކުމެ ވެރިކަން ބަދަލު ކުރި ނަމަވެސް، ލީބިޔާއަށް އެއްވެސް ހަމަޖެހުމެއް ލިބިފައެއް ނުވެ އެވެ.

ގައްޒާފީގެ ހަތް ފިރިހެން ދަރިންގެ ތެރެއިން ތިން ދަރިން ވަނީ 2011 ވަނަ އަހަރު އަވަހާރަކޮށްލާފަ އެވެ.

ގައްޒާފީ އަވަހާރަކޮށްލިތާ ދުވަސްކޮޅެއް ފަހުން ލީބިޔާގެ ސިފައިންތަކެއް ވަނީ ނޮވެމްބަރު 2011 ގައި ސައިފު ހައްޔަރުކޮށްފަ އެވެ. އޭގެ ހަތަރު އަހަރު ފަހުން ޓްރިޕޮލީގެ ކޯޓަކުން އޭނާ މެރުމަށް ހުކުމް ކުރީ ގައިރު ހާޒިރުގަ އެވެ. އެއީ އިންގިލާބުގެ ތެރޭގައި ޖަރީމާ ހިންގި ކަމަށް ސާބިތުވުމުންނެވެ.

އައިސީސީން ވަނީ ބައިނަލްއަގްވާމީ ޝަރީއަތަކަށް އޭނާ ހާޒިރު ކުރުމަށް އެތައް ފަހަރެއްގެ މަތިން ގޮވާލާފަ އެވެ.