Advertisement

އިމްޕޯޓްކުރި މުދަލުގެ އަގު އިތުރުވި ނަމަވެސް ދައުލަތުގެ އާމްދަނީ ދަށަށް

14 ނޮވެންބަރު 2021 - 17:11 0

އުދުމާ މަހްމޫދް

އުދުމާ މަހްމޫދް

މާލެ ވިޔަފާރި ބަނދަރު، މި އޮކްޓޯބަރު މަހު ރާއްޖެ އެތެރެކުރި މުދަލުގެ އަގު އިތުރުވެފައިވާ އިރު އެކްސްޕޯޓްކުރި މުދަލުގެ އަގު ވަނީ ދަށްވެފައި -- ފޮޓޯ: އަދަދު ފައިލް


އިމްޕޯޓްކުރި މުދަލުގެ އަގު އިތުރުވި ނަމަވެސް ދައުލަތުގެ އާމްދަނީ ދަށަށް

14 ނޮވެންބަރު 2021 - 17:11 0

މިދިޔަ މަހު ރާއްޖެއަށް އިމްޕޯޓްކުރި މުދަލުގެ އަގު އިތުރުވި ނަމަވެސް ދައުލަތަށް ލިބުނު އާމްދަނީ ދަށްވެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހާމަކޮށްފި އެވެ.

މިދިޔަ މަހުގެ ހިސާބުތަކަށް ބަލާއިރު އޮކްޓޯބަރު މަހު ރާއްޖެއަށް އިމްޕޯޓްކުރި މުދަލުގެ އަގު ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އިމްޕޯޓްކުރި މުދަލުގެ އަގަށްވުރެ 89 ޕަސެންޓް އިތުރުވެފަ އެވެ. ނަމަވެސް ދައުލަތަށް ލިބުނު އާމްދަނީ ވަނީ 31 ޕަސެންޓް ދަށަށް ގޮސްފަ އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ތަފާސްހިސާބުތައް ދައްކާގޮތުން އިމްޕޯޓް އެކްސްޕޯޓްސް އިން ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 294 މިލިއަން ރުފިޔާ އެވެ. މިދޔަ އަހަރުގެ އޮކްޓޯބަރުގައި އާމްދަނީގެ ގޮތުގައި 424 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު 3.8 ބިލިއަން ރުފިޔާގެ މުދާ ވަނީ ރާއްޖެއަށް އިމްޕޯޓްކޮށްފަ އެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރުގައި ރާއްޖެއަށް އިމްޕޯޓްކޮށްފައި ވަނީ ދެ ބިލިއަން ރުފިޔާގެ މުދަލެވެ.

މިއީ ކޮވިޑްގެ ސަބަބުން ރާއްޖޭގެ އިމްޕޯޓް ވަރަށް ބޮޑަށް ދަށްވެފައި އޮތުމަށްފަހު މިދިޔަ އަހަރުގެ ޖެނުއަރީގައި ރާއްޖެއަށް އެތެރެކުރި 3.7 ބިލިއަން ރުފިޔާގެ މުދަލާ އަރާ އެއްވަރުކުރި ފުރަތަމަ ފަހަރެވެ.

އޮކްޓޯބަރު މަހުގެ ނިޔަލަށް ރާއްޖެ އަށް 31.4 ބިލިއަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓްކޮށްފަ އެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓްކޮށްފައިވާ ގައުމުތަކަކީ އޮމާން، އިންޑިއާ، ޔޫއޭއީ އަދި ޗައިނާ އެވެ.

މިއަހަރުގެ އޮކްޓޯބަރު މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގު ވަނީ މިދިޔަ އަހަރާ އަޅާބަލާ އިރު ދަށްވެފަ އެވެ. އެގޮތުން މިދިޔަ އަހަރު 309 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާ އިރު، މިއަހަރުގެ އޮކްޓޯބަރުގައި އެކްސްޕޯޓްކޮށްފައި ވަނީ 252 މިލިއަން ރުފިޔާގެ މުދަލެވެ.

އެކްސްޕޯޓްކުރި މުދަލުގެ އަގު ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރާ އަޅާ ބަލާއިރު 18 ޕަސެންޓް ދަށްވެފަ އެވެ.

މިދިޔަ މަހު އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައި ވަނީ ތައިލޭންޑް، ޖަރުމަން، ފްރާންސް، އިނގިރޭސިވިލާތް އަދި ނެދަލޭންޑްސް އަށެވެ.