Advertisement

ކޮޕް26: ދުނިޔެ ހޫނުވުން ލިމިޓްކުރަން ޗައިނާ އާއި އެމެރިކާގެ "ސަޕްރައިޒް" އެއްބަސްވުމެއް

11 ނޮވެންބަރު 2021 - 13:12 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

މޫސުމީ ބަދަލާ ގުޅޭ އދ. ގެ ބައްދަލުވުން ކުރިއަށް ދަނީ ސްކޮޓްލޭންޑުގެ ގްލާސްގޯގައި.


ކޮޕް26: ދުނިޔެ ހޫނުވުން ލިމިޓްކުރަން ޗައިނާ އާއި އެމެރިކާގެ "ސަޕްރައިޒް" އެއްބަސްވުމެއް

11 ނޮވެންބަރު 2021 - 13:12 0

ގްލާސްގޯ، ޔޫކޭ (ނޮވެމްބަރު 11) - މޫސުމީ ބަދަލާ ދެކޮޅަށް ހަރުދަނާ، އަވަސް ފިޔަވަޅުތަކެއް އަޅަން ނިންމައި ޗައިނާ އާއި އެމެރިކާ "ސަޕްރައިޒް" އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ދުނިޔެ ހޫނުވުން 1.5 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތިވިޔަ ނުދީ ހިފެހެއްޓުމަށް ކުރެވޭނެ ކަންކަން ނިންމުމަށް ބާއްވާ ކޮޕް26 ސަމިޓު މިހާރު ވަނީ ނިމުމަކާ ގާތްވެފަ އެވެ.

"މި ލިޔުމުގައި ވަނީ ސައިންސުން ފެންނަން ހުރި ކަންބޮޑުވުންތަކާ ގުޅޭ ވަރުގަދަ ވާހަކަތަކެއް އަދި ފިޔަވަޅު އަވަސްކުރުމުގެ މުހިއްމުކަމާ ގުޅޭ ވާހަކަތަކެއް،" އެމެރިކާގެ ހާއްސަ މަންދޫބު ޖޯން ކެރީ ވިދާޅުވި އެވެ.

"އެއްބަސްވުމުގައި ވައުދުވެފައި ވަނީ ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ވަކި ފިޔަވަޅުތަކެއް އަޅަން."

ޗައިނާ އާއި އެމެރިކާގެ މަންދޫބު ވެސް ވިދާޅުވީ ދެ ގައުމު ގުޅިގެން މޫސުމީ ބަދަލާ ދެކޮޅަށް މަސައްކަތް ކުރުން މުހިއްމު ކަމަށާއި އެ މަސައްކަތް ކުރުމަށްޓަކައި ދެ ގައުމުގެ މެދުގައި ހުރި ހިޔާލު ތަފާތުވުންތައް އެއް ފަރާތް ކުރާނެ ކަމަށެވެ.

"ދެ ގައުމުން ވެސް އެއްބަސްވާ ކަމަކީ ޕެރިސް އެގްރީމެންޓުގައި ކަނޑައެޅި ލަނޑުދަނޑި އަށް ވާސިލްވާން އެކަށޭނަ މަސައްކަތް މިހާރު ނުކުރެވޭކަން. އެހެންވީމަ އެކުގައި އެ މަސައްކަތް ހަރުދަނާ ކުރާނަން،" ޗައިނާގެ މަންދޫބު ޝައި ޒެންހުއާ ވިދާޅުވި އެވެ.

ދެ ގައުމުން ސޮއިކުރި އެއްބަސްވުމުގައި ވަނީ މީތޭން ގޭސް މަދުކުރަން ފޯކަސްކޮށް، ގަވާއިދުން ބައްދަލުވުންތައް ބާއްވައި، ކުރިއެރުން އެސެސް ކުރާނެ ކަމަށެވެ. އޭގެ އިތުރުން ކާބަން ބޭރު ކުރުން މަދު ކުރުމުގެ މުހިއްމުކަން ވެސް ހިމަނާފައި ވެ އެވެ.

އެންމެ ގިނައިން ކާބަން ބޭރު ކުރާ ދެ ގައުމަކީ ޗައިނާ އާއި އެމެރިކާ އެވެ. އެގޮތުން ކާބަން ޕޮލިއުޝަންގެ 40 ޕަސެންޓު ހިއްސާކުރަނީ އެ ދެ ގައުމެވެ. އެމެރިކާ އިން ބުނީ 2050 ވަނަ އަހަރުގެ ކުރިން ކާބަން ނިޔުޓްރަލް ވާނެ ކަމަށެވެ. ޗައިނާގެ ލަނޑުދަނޑިއަކީ 2060 ވަނަ އަހަރުގެ ކުރިން އެ ހިސާބަށް ދިޔުމެވެ.

ޕެރިހުގައި 2015 ވަނަ އަހަރު ގައުމުތަކުން ސޮއިކުރި އެއްބަސްވުމުގައި ވަނީ ދުނިޔެ ހޫނުވުން 1.5 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތިވިޔަ ނުދީ ހިފެހެއްޓުމަށެވެ. އެކަން ކުރުމަށް ގައުމުތަކުން އަޅާނެ ފިޔަވަޅުތައް ހުށަހަޅަން ޖެހެނީ އަމިއްލަ އަށެވެ.

ނަމަވެސް މިހާރު ހުށަހަޅާފައިވާ ކަންކަމަށް ބަލާއިރު 2100 ވަނަ އަހަރާ ހަމައަށް ދާއިރު ދުނިޔެ ހޫނުވުން 2.7 ޑިގްރީ ސެލްސިއަސް އަށް އަރާނެ ކަމަށް ސައިންޓިސްޓުން ބުނެ އެވެ.