11 ނޮވެންބަރު 2021 - 07:52 0
ބާސެލޯނާގެ ކުރީގެ މެޗެއްގެ ތެރެއިން އަލްވޭސް (ވ) އާއި ޒަވީ.-- ފޮޓޯ: ބާސެލޯނާ
11 ނޮވެންބަރު 2021 - 07:52 0
ބާސެލޯނާ (ނޮވެމްބަރު 11) - ބާސެލޯނާގެ އާ ކޯޗު ޒަވީ ހެނާންޑޭޒްގެ އެދުމާ އެކު އެ ޓީމަށް ކުރިން ކުޅުނު ބްރެޒިލްގެ ފުލްބެކް ޑެނީ އަލްވޭސް އަލުން ގެންނަން އެ ކްލަބުން މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ބްރެޒިލްގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އުމުރުން 38 އަހަރުގެ އަލްވޭސް ވަނީ 2008 އިން 2016 އަށް ބާސެލޯނާ އަށް ކުޅެފަ އެވެ. އެއީ ޒަވީ ވެސް ބާސެލޯނާ އަށް ކުޅުނުއިރު އެވެ. އަލްވޭސްގެ ކާމިޔާބު ކެރިއަރުގެ އެންމެ ހާއްސަ ދުވަސްްތައް ގުނީ ބާސެލޯނާ ޖޯޒީގަ އެވެ. އަލްވޭސްގެ ކެރިއަރުގައި ހޯދި 43 ތަށީގެ ތެރެއިން 23 ޓްރޮފީ އަކީ އޭނާ ބާސެލޯނާއާ އެކު ހޯދި ކާމިޔާބީ އެވެ.
ބްރެޒިލްގެ ސައޮ ޕައޮލޯގެ ކޮންޓްރެކްޓް ފުރިހަމަކުރުމަށް ފަހު އަލްވޭސް މި ވަގުތު ހުރީ އެއްވެސް ކްލަބަކާ ނުގުޅި އެވެ. އޭނާ މީގެ ކުރިން ވެސް ވަނީ ބްރެޒިލްގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ބާސެލޯނާގެ ހުށަހެޅުމެއް ލިބިއްޖެނަމަ އެ ޓީމަށް ދާނެ ކަމަށް ބުނެފަ އެވެ. އެކަމަކު، އޭރު ބާސެލޯނާގެ ކޯޗަކަށް ހުރި ރޮނާލްޑް ކޫމަން އެ ގޮތަށް ބޭނުންނުވި އެވެ.
އަލްވޭސް އޮލިމްޕިކްގެ މެޑަލް ދައްކާލަނީ.
އަލްވޭސް ގެންނަން ޒަވީ ބޭނުންވާ އެންމެ ބޮޑު ސަބަބަކީ ކްލަބްގެ އެންމެ ކާމިޔާބު ދުވަސްވަރު ޓީމަށް ކުޅުނު ކުޅުންތެރިއަކު އަލުން ގެނެސް މިހާރު އޮތް ބާސެލޯނާގެ ޒުވާން ސްކޮޑަށް ނަމޫނާ ދައްކާނެ ލީޑަރެއް ހޯދުމުގެ ބޭނުމުގަ އެވެ.
މި އަހަރު އޮގަސްޓް މަހު ބޭއްވި އޮލިމްޕިކް ފުޓްބޯޅަ މުބާރާތުގައި ދޮށީ ތިން ކުޅުންތެރިންގެ ސްލޮޓެއްގެ ތެެރެއިން އަލްވޭސް ވަނީ ބްރެޒިލް ޓީމަށް ކުޅެފަ އެވެ. އަލްވޭސް ވަނީ ބްރެޒިލްގެ 23 އަހަރުން ދަށުގެ ޓީމު ގޮވައިގެން އޮލިމްޕިކްސްގެ ރަން މެޑަލް ދިފާއުކޮށްފަ އެވެ.
ޒަވީ ބޭނުންވަނީ ބްރެޒިލްގެ އެ ޒުވާން ޓީމު ލީޑުކުރުމުގައި އަލްވޭސް ދެއްކި ސާބިތުކަން ބާސެލޯނާގައި ތަކުރާރުކުރާށެވެ.
ސްޕެއިންގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާ އިން އަލްވޭސް އަށް ހުށަހަޅާނީ ކުޅުމުގެ އިތުރުން ބޭނުންނަަމަ ކޯޗިން ކެރިއަރު ވެސް ކުރިއަށް ގެންދެވޭނެ ހުށަހެޅުމެކެވެ. ބާސެލޯނާ އަށް ކުޅެމުން އަލްވޭސް ބޭނުންނަަމަ ބާސެލޯނާގެ މަޝްހޫރު ލަ މާސިއާ އެކެޑަމީގައި މަސައްކަތް ކުރެވޭ ގޮތަށެވެ.
ބާސެލޯނާ އިން 2008 ވަަނަ އަހަރު އަލްވޭސް ގެނައީ ޕެޕް ގާޑިއޯލާގެ އެންގުމަށް ސެވިއްޔާ އަށް 37 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއެއް ދައްކައިފަ އެވެ. އޭނާ ބާސެލޯނާ ދޫކޮށް 2016 ވަނަ އަހަރު ޔުވެންޓަސް އަށް ބަދަލުވީ ހިލޭ އެވެ. އެއީ ބާސެލޯނާގެ ކޮންޓްރެކްޓް ހަމަވިއިރު، އެ ޓީމުގައި އޭރު އޮތް ރައީސް ޖޯސެފް މާރިއާ ބޯޓޮމެއުގެ ލީޑަޝިޕްގަ އެވެ.
Comment