Advertisement

"ނުފޫޒުގަދަ" މެމްބަރުންގެ ދާއިރާތަކަށް އިސްކަންދޭ ކަމުގެ ޝަކުވާ

9 ނޮވެންބަރު 2021 - 13:59 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް


"ނުފޫޒުގަދަ" މެމްބަރުންގެ ދާއިރާތަކަށް އިސްކަންދޭ ކަމުގެ ޝަކުވާ

9 ނޮވެންބަރު 2021 - 13:59 0

ރައްޔިތުންގެ މަޖިލިސް ކޮންޓްރޯލްކުރާ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންގެ ތެރެއިން، "ބާރާއި ނުފޫޒު" އޮތް މެމްބަރުންގެ ދާއިރާތަކުގައި މަޝްރޫއުތައް ހިންގަން ސަރުކާރުން އިސްކަންދޭ ކަމުގެ ޝަކުވާ މަޖިލީހުގައި މިއަދު ކޮށްފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަށް މިއަދު ކުރިއަށްދިޔަ ބަހުސްގައި ދާއިރާތަކަށް ތަފާތުކުރާ ކަމުގެ ޝަކުވާ އެންމެ ފުރަތަމަ ކުރެއްވީ ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް އެވެ.

އެގޮތުން މިއަހަރުގެ ބަޖެޓުގައި ކަނޑިތީމު ދާއިރާއަށް ހިމެނިކަންކަން ވެސް ތަންފީޒު ނުވާކަން ފާހަގަކުރައްވައި އޭނާ ވަނީ އެކަން ކުށްވެރި ކުރައްވައިފަ އެވެ.

ޝަހީމް ތުހުމަތުކުރެއްވި ގޮތުގައި އެ މަޝްރޫއުތަކާއި ހިދުމަތްތައް ނުދެވުމުގެ ޒިންމާ ނަގަންޖެހޭނީ ދައުލަތުގެ ވަޒީރުންނެވެ. އެކަން އެގޮތަށް މެދުވެރިވަނީ ރައްޔިތުން އިންތިހާބު ނުކުރާ ބަޔަކު ވުޒާރާތައް ހިންގުމުގައި ތިބޭތީކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ.

"...އަޅުގަނޑުމެން މިއުޅެނީ އަސާސީ ކަންކަން ތަންފީޒު ނުވެގެން. އަޅުގަނޑުމެން މިވާހަކަ ދައްކަންޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ އެއީ. އަޅުގަނޑުމެން މިއުޅެނީ ފެނާއި ނަރުދަމާ ކަނޑިތީމު ދާއިރާގެ ރައްޔިތުންނަށް ހޯދައި ނުދެވިގެން،" ޝަހީމް ތުހުމަތުކުރެއްވި އެވެ.

ނަމަވެސް "ބާރާއި ނުފޫޒު" ހުރި މެމްބަރުންގެ ދާއިރާތަކަށް ހުއްޓުމެއްނެތި މަޝްރޫއުތައް ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭގެ ފަހުން ވާހަކަ ދެއްކެވި ގައްދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ޒާހިރު ވެސް ވަނީ ދާއިރާތަކުގެ މެދުގައި ސަރުކާރުން ތަފާތުކުރުން ގެންގުޅޭ ކަމުގެ ތުހުމަތު ކުރައްވައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން މި އަހަރުގެ ބަޖެޓު ތަންފީޒުކުރުމާމެދު މާބޮޑު އެއްޗެއް ބުނެވެން ނެތް ނަމަވެސް، ކޮވިޑުގެ ހާލަތުގައި ދައުލަތުގެ މާލިއްޔަތު މެނޭޖްކުރުމުގައި ސަރުކާރާއެކު މަޖިލީހުން ވެސް އިސް ދައުރެއް އަދާކުރި ކަމަށެވެ.

އަހުމަދު ޒާހިރު އިތުރަށް ވިދާޅުވީ ބަޖެޓު ތަންފީޒު ކުރުމުގައި މިހާރަށް ވުރެ ބޮޑަށް ސަރުކާރު ޖަވާބުދާރީވާންޖެހޭ ކަމަށެވެ.

"މައްސަލައަކީ ބަޖެޓު އެކުލަވާލާފައިވާ ގޮތެއް ނޫން. މައްސަލައަކީ ބަޖެޓު އެކްސެކިއުޓް ކުރުމުގައި އޮންނަ ޑިސްކްރިމިނޭޝަން (އެކަން) ވަރަށް ބޮޑު. އެކި ދާއިރާތައް ތަފާތުކުރުމަކީ މި ސަރުކާރުން ގެންގުޅޭ ވަރަށް ދޯހަޅި ސިޔާސަތެއް،" އޭނާ ތުހުމަތު ކުރެއްވި އެވެ.

އޭނާ ވިދާޅުވީ ކޮވިޑުގެ ހާލަތުގައި ނުކުރެވޭނެ ކަންތައްތައް ހުންނާނެކަމަށް ގަބޫލުކުރެއްވި ނަމަވެސް، ކުރެވޭ ކަންތައްތައް ކުރަން ޖެހޭނީ ހުރިހާ ދާއިރާއަަކަށް އެއް މިންގަނޑަކުން ކަމަށެވެ.

އެމްޑީޕީގެ ގިނަ މެމްބަރުން ބަޖެޓާ މެދު ހިތްހަމަޖެހޭ

ބަޖެޓު ބަހުސް އިއްޔެއިން ފެށިގެން ކުރިއަށްދާއިރު، މިހާތަނަށް ވާހަކަ ދެއްކެވި އެމްޑީޕީ ގިނަ މެމްބަރުން ވަނީ ބަޖެޓާ މެދު ހިތްހަމަޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން، ކޮވިޑުގެ ހާލަތުން އަދި މުޅީން އަރައިނުގަނެވުނު ނަމަވެސް، ރާއްޖޭގެ ހުރިހާ ރަށަކަށް އަމާޒުކޮށްގެން ތަރައްގީގެ މަޝްރޫއުތައް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާކަން އެ މެމްބަރުން ވަނީ ފާހަގަކުރައްވައިފަ އެވެ.

އެމްޑީޕީ މެމްބަރުންގެ މެދުގައި ބަޖެޓާމެދު އޮވެދާނެ ޝަކުވާތައް މަދުކުރަން، ބަޖެޓު އެކުލަވާލަމުންދިޔަ މަރުހަލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްވެ އިންނަވައި ވަނީ މެމްބަރުންގެ ހިޔާލާއި މަޝްވަރާ ބަޖެޓަށް ހޯއްދަވައިފަ އެވެ.

ބަޖެޓު 2022 ގެ ހުލާސާ

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވަނީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓްގެ 24.8 ބިލިއަން ރުފިޔާ ރިކަރަންޓް ހަރަދުގެ ގޮތުގައި ހިމަނާފައިވާއިރު، ކެޕިޓަލް ހަރަދަށް ލަފާކޮށްފައިވަނީ 12.1 ބިލިއަން ރުފިޔާ އެވެ.

ފިނޭންސް މިނިސްޓްރީން ލަފާކުރާ ގޮތުގައި އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 24.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެ އެވެ.

އަންނަ އަހަރަށް ހުށަހަޅާފައިވަނީ 9.7 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ.

ނަމަވެސް، އޭގެ ތެރޭގައި ލޯނު އަނބުރާ ދެއްކުމުގެ ބައި ނުހިމެނޭތީ، ލޯނު އަނބުރާ ދެއްކުމަށް 2.9 ބިލިއަން ރުފިޔާގެ އިތުރުން އެހެނިހެން ކަންކަމަށް އިތުރު 805 މިލިއަން ރުފިޔާ ބޭނުންވާކަމަށް ވަނީ ލަފާކޮށްފަ އެވެ.

އެއާއެކު އަންނަ އަހަރުގެ ބަޖެޓު ފިނޭންސް ކުރުމަށްޓަކައި ޖުމްލަ 13.4 ބިލިއަން ރުފިޔާ ހޯދަންޖެހެ އެވެ. އެކަމަށް ބޭނުންވާ އަދަދުގެ 7.5 ބިލިއަން ރުފިޔާ ބޭރުގެ އެކި ފަރާތްތަކުން ހޯދަން ހިމަނާފައި ވާއިރު، ބާކީ ހަމަޖައްސަނީ އެތެރޭގެ ފަރާތްތަކަށް ބޮންޑާއި ޓީ ބިލު ފަދަ ސެކިއުރިޓީޒް ވިއްކައިގެންނެވެ.