Advertisement

ޑޮއިޗް ބޭންކުގެ އޯޝަން ރެޒިލިއަން ފިލޮންތްރޮޕީ ފަންޑުގެ ފުރަތަމަ އެހީ ނަޝީދުގެ ކޮރަލް އިންސްޓިޓިއުޓަށް

8 ނޮވެންބަރު 2021 - 22:31 0

އުދުމާ މަހްމޫދް

އުދުމާ މަހްމޫދް

މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓުން މިދިޔަ އަހަރު ކުރިއަށް ގެންދިޔަ އެ އިންސްޓިޓިއުޓްގެ ފުރަތަމަ ކޮރަލް ފެސްޓިވަލްގެ ތެރެއިން. -- ފޮޓޯ: ރައީސް އޮފީސް


ޑޮއިޗް ބޭންކުގެ އޯޝަން ރެޒިލިއަން ފިލޮންތްރޮޕީ ފަންޑުގެ ފުރަތަމަ އެހީ ނަޝީދުގެ ކޮރަލް އިންސްޓިޓިއުޓަށް

8 ނޮވެންބަރު 2021 - 22:31 0

ޑޮއިޗް ބޭންކުގެ އޯޝަން ރެޒިލިއަން ފިލޮންތްރޮޕީ ފަންޑުގެ ފުރަތަމަ އެހީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓަށް ދޭން ނިންމައިފި އެވެ.

ޑޮއިޗް ބޭންކުން އޯޝަން ރެޒިލިއަން ފިލޮންތްރޮޕީ ފަންޑު ލޯންޗުކޮށްފައި ވަނީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ. މިއީ ކަނޑުތަކާއި ފަރުތަކުގެ ދިރުން އާލާކޮށް ރައްކާތެރިކުރުމުގެ ޕްރޮޖެކްޓުތަކަށް އެހީވުމަށް ފައިނޭންޝަލް އިންސްޓިޓިއުޓަކުން ލޯންޗުކުރި މިފަދަ ފުރަތަމަ ފަންޑެވެ.

ޑޮއިޗް ބޭންކުން ވަނީ ދެމެހެެއްޓެނިވި ނޫ އިގުތިސާދު ގާއިމުކުރުމަށް އެ ބޭންކުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ބުނެފަ އެވެ. އަދި އަލަށް ތައާރަފު ކުރެވިގެން މިދިޔަ އޯޝަން ރެޒިލިއަން ފިލޮންތްރޮޕީ ފަންޑާއެކު ކަނޑުތަކާއި ފަރުތަކުގެ ދިރުން އާލާކޮށް ރައްކާތެރިކުރުމުގެ ޕްރޮޖެކްޓުތަކަށް އިންވެސްޓުކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް ބޭންކުން ފާހަގަކުރެ އެވެ.

އޯޝަން ރިސްކް އެންޑް ރެސިލިއަންސް އެކްޝަން އެލަޔަންސް (އޯއާރްއާރްއޭއޭ)ގެ ފުރަތަމަ މެމްބަރު ބޭންކަށް މި އަހަރުގެ މެއި މަހު ޑޮއިޗް ބޭންކުން ވެފައިވާ އިރު، މިއާއެކު ކަނޑުގެ ދިރުންތައް ރައްކާކުރުމުގައި ކުރިއެރުންތައް ފެންނަން ފެށުމަކީ ބޭންކަށް ލިބޭ އުފަލެއް ކަމަށްވެސް ވަނީ ފާހަގަކޮށްފަ އެވެ.

ޑޮއިޗް ބޭންކަކީ ނެޓް ޒީރޯ ބޭންކިން އެލަޔަންސްގެ ވެސް މެމްބަރެކެވެ.

ޑޮއިޗް ބޭންކުން އޯޝަން ރެޒިލިއަން ފިލޮންތްރޮޕީ ފަންޑު ލޯންޗުކޮށްފައި ވަނީ ތިން ލައްކަ އެމެރިކާ ޑޮލަރާ އެކު އެވެ. ބޭންކުގެ އަމާޒަކީ ސްޓޭކް ހޯލްޑަރުންނާއި ކްލަޔަޓުންގެ އެހީއާއެކު ފަސް އަހަރު ދުވަހުގެ ތެރޭގައި ފަންޑަން ފަސް މިލިއަން އެމެރިކާ ޑޮލަރު ހޯދުމެވެ.

މި ފަންޑުގެ ފުރަތަމަ އެހީ މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓްގެ ރީސާޗް ޕްރޮޖެކްޓެއް ކަމަށްވާ ފިއުޗާ ކްލައިމެޓް ކޮރަލް ބޭންކް ޕްރޮޖެކްޓަށް ދޭން ނިންމާފައިވާ އިރު، މި ޕްރޮޖެކްޓުން މުސްތަގުބަލުގައި ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ޑޮއިޗް ބޭންކުން ފާހަގަކުރެ އެވެ.

ފިއުޗާ ކްލައިމެޓް ކޮރަލް ބޭންކް ޕްރޮޖެކްޓަކީ މޫސުމަށް އަންނަ ބަދަލުތަކާއެކު ވެސް ދިރިހުރެވޭނެ މުރަކަ ދެނެގަނެ އެ ފަދަ މުރަކަ ލިވިން ޖީން ރައްކާކޮށް ދަމަހައްޓަން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުގެ ސަބަބުން ރާއްޖޭގެ ފަރުތައް މޮނިޓާކޮށް ހިމާޔަތްކުރުމަށް އެހީތެރިވެދޭނެ އެވެ.

މި ޕްރޮޖެކްޓަކީ މުޅި ދުނިޔޭގެ ފަރުތައް ހިމާޔަތް ކުރުމަށް މުސްތަގުބަލުގައި ބޭނުން ކުރެވޭނެ މައުލޫމާތު އެއްކުރެވިގެންދާނެ ޕްރޮޖެކްޓެކެވެ.