Advertisement

ކާމިޔާބު ހޯދަން ކުރެވުނު މަސައްކަތެއް ކުރަން ތައްޔާރު: ސެންޓޭ

8 ނޮވެންބަރު 2021 - 09:21 0

ސާފް ޗެމްޕިއަންޝިޕްގެ ޓްރެއިނިނެއްގެ ތެރެއިން ސެންޓޭ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު


ކާމިޔާބު ހޯދަން ކުރެވުނު މަސައްކަތެއް ކުރަން ތައްޔާރު: ސެންޓޭ

8 ނޮވެންބަރު 2021 - 09:21 0

ސްރީ ލަންކާގައި މިއަދު ފަށާ މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރަން ކުރެވުނު މަސައްކަތެއް ކުރަން ގައުމީ ޓީމު ތައްޔާރަށް އޮތް ކަމަށް ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އަލީ ފާސިރު (ސެންޓޭ) ބުނެފި އެވެ.

މިއަދުން ފެށިގެން މި މަހު 19 ވަނަ ދުވަހުގެ ނިޔަލަށް ކޮލަމްބޯގައި ކުރިއަށްދާ ފޯ ނޭޝަންސް ކަޕްގައި ރާއްޖެ އާއި ލަންކާގެ އިތުރުން ދެން ވާދަކުރަނީ ބަންގްލަދޭޝް އާއި ސީޝެލްސް އެވެ. މުބާރާތުގައި މިއަދު ހަވީރު ކުޅެން އޮތް ސީޝެލްސް އާއި ބަންގްލަދޭޝް މެޗު ވަނީ މޫސުމް ގޯސްވުމުގެ ސަަބަބުން މާދަމާ ހަވީރަށް ފަސްކޮށްފަ އެވެ. މިރޭ ކުޅޭ މެޗުގައި ރާއްޖެ ނުކުންނާނީ މުބާރާތުގެ ހޯސްޓް ލަންކާއާ ދެކޮޅަށެވެ.

މުބާރާތުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ ޓީމުން ބައިވެރިވީ ސެންޓޭ އެވެ. ނޫސްވެރިންގެ ބައްދަލުވަށް ފަހު ސެންޓޭ އޭނާގެ ރަސްމީ ސޯޝަލް މިޑިއާ އެކައުންޓްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މޮޅު ކުޅުމެއް ދައްކައި މުބާރާތް ކާމިޔާބު ކުރަން ބޭނުންވާ ކަމަށެވެ.

"މުބާރާތް ކާމިޔާބު ކުރަން (ތަށި ހޯދަން) ކުރެވުނު އެންމެ ރަނގަޅަށް މަސައްކަތް ކުރަން އަހަރެމެން ( ގައުމީ ޓީމު) މި ތިބީ ތައްޔާރަށް،" ސެންޓޭ އޭނާގެ ރަސްމީ ފޭސްބުކް އެކައުންޓް މެދުވެރިކޮށް ދިން މެސެޖަކީ މި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުތަކަށް ޖަވާބު ދެމުން ސެންޓޭ ބުނީ ގައުމީ ކޯޗުކަމާ ދާދި ފަހުން ހަވާލުވި އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ އަށް އިނގިރޭސި ވާހަކަ ނުދެއްކުނު ކަމުގައި ވިޔަސް ޓްރާންސްލޭޓަރު މެދުވެރިކޮށް ކުޅުންތެރިންނަށް ފޯރުކޮށްދޭން ޖެހޭ މެސެޖާއި އިރުޝާދު ބަރާބަރަށް ދޭ ކަމަށެވެ.

"(ވާހަކަ ދައްކާ) ބަހެއް ނޫން މުހިއްމީ. ދެން ޓްރާންސްލޭޓަރު ވެސް އެބަހުރި. ކޯޗު (މޮރިއޭރޯ) ވަރަށް ފަސޭހަކޮށް ހުރިހާ އެއްޗެއް ކިޔައިދެނީ. އެއްވެސް އުނދަގުލެއް ނެތް. (ކުޅެން) ފެށުމުގެ ކުރިން އެ ކިޔައިދެނީ ފަށަންޖެހޭ ގޮތާއި މޫވްތައް އަންނަޖެހޭ ގޮތް،" ސެންޓޭ ބުންޏެވެ.

"ވަރަށް ފަސޭހަ ކޯޗާ (މޮރިއޭރޯ)އާ އެކު މަސައްކަތް ކުރަން."

ގައުމީ ޓީމުން ހޮޓެލް ޖެންގައި ބޭއްވި އިވެންޓްގައި މޮރިއޭރޯ ވަނީ ފޯ ނޭޝަންސް ކަޕްގެ ޓާގެޓަކީ ކާމިޔާބު ހޯދައި ޓީމު އޮތް ހިސާބު ވަޒަންކޮށްލުން ކަމަށް ބުނެފަ އެވެ.

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން މިރޭ ލަންކާއާ ދެކޮޅަށް ކުޅޭ މެޗުގެ ފަހު ޕްރެކްޓިސް (މެޗު ވޯމްއަޕް)، ރޭ ގިނަ އުނދަގޫތަކަކާ އެކު ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ދަނޑުގައި އެއް ލައިޓް ދިއްލާފައި ހުރިއިރު، އެކި ސަބަބުތަކާ ހުރެ ޕްރެކްޓިސް ކުރެވުނީ ވިއްސަކަށް މިނިޓެވެ.

ރާއްޖެ އާއި ލަންކާ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 20:30 ގަ އެވެ. ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި ބުރާސްފަތި ދުވަހު ހަވީރު ބައްދަލުކުރާނީ ބަންގްލަދޭޝްއާ އެވެ. އަދި ލީގު ބުރުގެ ފަހު މެޗުގައި ސީޝެލްސްއާ ދެކޮޅަށް ކުޅޭނީ 14 ވަނަ ދުވަހުގެރޭގަ އެވެ.