Advertisement

ސެންޓޭ ކަކުލުގެ އޮޕަރޭޝަނެއް ކޮށްފި

12 އޮގަސްޓު 2022 - 22:49 0


ސެންޓޭ ކަކުލުގެ އޮޕަރޭޝަނެއް ކޮށްފި

12 އޮގަސްޓު 2022 - 22:49 0

ކްލަބް ވެލެންސިއާގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) ކަކުލު އޮޕަރޭޝަނެއް ކޮށްފި އެވެ.

މި ސީޒަން ފެށިއިރު، ވެލެންސިއާ އަށް ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކޮށްދިނުމުގައި އެންމެ އިސް ރޯލެއް ކުޅުނު ސެންޓޭ، 33، ކަކުލަށް އެންމެ ފުރަތަމަ އަނިޔާވީ މިދިޔަ ޖެނުއަރީ 23 ވަނަ ދުވަހު ރ. އަލިފުށީގައި ކުރިއަށް ދިޔަ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗުގަ އެވެ. އަލިފުށީ ޓާފް ދަނޑުގައި ކުޅުނު އެ ފައިނަލް މެޗުގައި ނާއިޒު ހަަސަން (ދާދު) އާއި ސެންޓޭ ބޯޅައަށް އެރި ވަގުތުގައި ދާދި ފައިން ސެންޓޭ ކަކުލުގައި ޖެހި އޭނާ ބޭލީ އަށިގަނޑުގަ އެވެ.

އެ ފަހަރު އޮޕަރޭޝަނެއް ނުކޮށް، ހަތަރު މަހެއްހާ ދުވަހުގެ ރިކަވަރީ މުއްދަތެއް ހޭދަކުރުމަށް ފަހު ސެންޓޭ އެނބުރި ދަނޑަށް ނުކުތީ މެއި 11 ވަނަ ދުވަހު ދިވެހި ޕްރިމިއާ ލީގުގައި ވެލެންސިއާ އިން ދަ ގްރާންޑޭއާ ދެކޮޅަށް ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

އޭގެ ކުރިން މާޗް މަހު މާލޭގައި ބަންގްލަދޭޝާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގެ ސްކޮޑުގައި ސެންޓޭ ހިމެނުނު ނަމަވެސް މެޗު ކުޅޭ ސްކޮޑަކަށް ނުނަގަ އެވެ.

ސެންޓޭ އޭގެ ފަހުން ގައުމީ ޓީމާ އެކު ޖޫން މަހު އުޒްބެކިސްތާންގައި ކުރިއަށްދިޔަ އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރަން ދިޔަ އެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ޖޫން އަށް ވަނަ ދުވަހު ތައިލެންޑާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު 20 މިނިޓަށް ސެންޓޭ ކުޅެން އެރި އެވެ. އޭގެ ފަހުން ޖޫން 11 ވަނަ ދުވަހު އުޒްބެކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރައިގައި ސެންޓޭ ކުޅެމުން ދަނިކޮށް، ދެ ވަނަ ހާފްގެ ކުރީކޮޅުގައި ކަކުލަށް އަނިޔާވެގެން ބަދަލުކުރީ އެވެ. އޭގެ ފަހުން، އެކި ޓެސްޓްތައް ހަދައި، އެންމެ ފަހުން ގިނަ ޑޮކްޓަރުންގެ ލަފާ ހޯދައިގެން ނިންމީ އޮޕަރޭޝަން ކުރުމަށެވެ.

ސެންޓޭގެ ކަކުލުގެ އޮޕަރޭޝަން، އިއްޔެ ޓްރީޓޮޕް ހޮސްޕިޓަލްގައި ކުރުމާ އެކު އޭނާ އަށް ސީޒަން ވަނީ ނިމިފަ އެވެ. ވެލެންސިއާ އިން މިހާރު ކުރިއަށްދާ އެފްއޭ ކަޕްގައި ވާދަކުރަން ޖެހޭނީ ލީގުގެ މެޖޯރިޓީ މެޗުތަކެކޭ އެއްގޮތަށް ސެންޓޭ ނުލަ އެވެ. އެފްއޭ ކަޕް ކުއާޓާ ފައިނަލްގައި ވެލެންސިއާ އިން މާދަމާ ދަ ގްރާންޑޭއާ ކުޅޭނެ އެވެ.

ސެންޓޭ ނެތުމުގެ ސަބަބުން ވެލެންސިއާގެ ފޯމަށް ވަރަށް ބޮޑަށް އަސަރުކުރި އެވެ. ލީގުގެ ގިނަ މެޗުތަކަކުން ވެލެންސިއާ ބަލިވިއިރު، ޓީމުގެ އެޓޭކް ފެނުނީ ބަލިކަށިކޮށެވެ. އެކަމަކު، ލީގުގެ ފަހު މެޗުތަކުގައި ވެލެންސިއާ އިން ފޯމު ރަނގަޅުކޮށް ރަނގަޅު ނަތީޖާތަކެއް ވެސް ވަނީ ނެރެފަ އެވެ.

އޭސީއެލްގެ ރިކޮންސްޓްރަކްޝަން އޮޕަރޭޝަނެއް ސެންޓޭ ކުރަން ޖެހުނުއިރު، އާންމުކޮށް މި ކަހަލަ އިންޖަރީ އަކުން ރިކަވާވެގެން ފަސް މަހެއްހާ ދުވަސް ތެރޭ ކުޅުމަށް އެނބުރި އާދެވޭނެ އެވެ.

މިއީ ސެންޓޭގެ ކެރިއަރުގައި ސީރިއަސް އަނިޔާއެއްގެ އޮޕަރޭޝަނެއް ކުރަން ޖެހުނު ދެ ވަނަ ފަހަރެވެ. މީގެ ކުރިން ސެންޓޭ 2012 ވަނަ އަހަރު ވަނީ އޮޕަރޭޝަނެއްކޮށް ކުޅުމާ ދުރުުގައި ހުންނަން ޖެހިފަ އެވެ.