މި އަހަރުގެ އޭއެފްސީ ކަޕްގައި ރާއްޖޭގެ މާޒިޔާގެ ސެއިން ވިންސެންޓް ފޯވާޑް ކޯނޭ (ކ) ބަޝުންދަރާ ކިންގްސްގެ އީރާން ޑިފެންޑަރު ޝާފީ ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު
އޭޝިއާގެ ދެ ވަަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް ކަމަށްވާ އޭއެފްސީ ކަޕްގައި ވާދަކުރާ ޓީމުތަކުން ބިދޭސީ ކުޅުންތެރިން ރަޖިސްޓްރީ ކުރަން އަމަލުކުރަމުން އަންނަ ކޯޓާ އަށް ބަދަލެއް ގެންނަން އޭއެފްސީ ކޮމްޕެޓިޝަން ކޮމިޓީން މަޝްވަރާކޮށްފި އެވެ.
އިއްޔެ ބޭއްވި އޭއެފްސީ ކޮމްޕެޓިޝަން ކޮމިޓީގެ ބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވަނީ މިހާރު އެ ފެޑެެރޭޝަނުން އަމަލުކުރަމުން އަންނަ ބިދޭސީ ކޯޓާ އަށް ގެނެވިދާނެ ބަދަލަކާ ބެހޭގޮތުންނެވެ.
އެ ގޮތުން ހުރިހާ ފަރާތަކަށް އެއްބަސްވެވޭ ގޮތަށް ހުށަހެޅުނު ބަދަލަކީ ބިދޭސީ ކުޅުންތެރިން ރަޖިސްޓްރީ ކުރަން މިހާރު އޮންނަ އުސޫލު ކަމަށްވާ ހަތަރު ބިދޭސީ ކުޅުންތެރިން (އޭޝިއާގެ ގައުމަކަށް ނިސްބަތްވާ އެއް ކުޅުންތެރިއަކު ހިމެނޭ ގޮތަށް) ރަޖިސްޓްރީ ކުރުމުގެ ކަންކަން ދޫކޮށްލުމަށެވެ.
ކުރިން އަމަލުކުރަމުން އައި ގޮތުގެ ބަދަލުގައި ދެން އޭއެފްސީގެ ވިސްނުމަކީ އެ ގައުމެއްގައި ލޯކަލް ފުޓްބޯޅައިގައި އޮންނަ ގަވާއިދާ އެއްގޮތަށް ބިދޭސީ ކޯޓާ ބޭއްވުމަށެވެ. މާނަ އަކީ ލޯކަލް ގަވާއިދުގައި ގިނަ ބިދޭސީ ކުޅުންތެރިންނަށް އެއް ޓީމަކަށް ކުޅެވޭ ގޮތަށް އޮންނަ ގައުމުތަކުގެ ޓީމުތަކަށް އޭއެފްސީ ކަޕްގައި ވެސް ގިނަ ކުޅުންތެރިން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ދޭށެވެ.
އޭއެފްސީ ކޮމްޕެޓިޝަން ކޮމިޓީން ކްލަބް ފުޓްބޯޅައިގެ މި ބިދޭސީ ކޯޓާ އަށް ބަދަލު ގެންނަން ނިންމި ނަމަވެސް އެ ނިންމުން ފައިނަލްވާނީ އޭއެފްސީގެ އެގްޒެކްޓިވް ކޮމިޓީން ފާސްކުރުމުންނެވެ.
އޭއެފްސީ ކޮމްޕެޓިޝަން ކޮމިޓީން ވަނީ އަންނަ އަހަރުގެ އޭއެފްސީ ކްލަބް މުބާރާތްތަކުގައި ވެސް މެޗުތަކުގައި ފަސް ބަދަލު ގެނެވޭ ގަވާއިދަށް އަމަލުކުރަން ނިންމައިފަ އެވެ. މި ގަވާއިދަށް އަމަލުކުރަން ފެށީ ކޮވިޑް-19ގެ ސަބަބުން ފުޓްބޯޅަ އަށް އައި މެދުކެނޑުމަށް ފަހު އަލުން ފެށިއިރު އެވެ.
ބިދޭސީ ކުޅުންތެރިންގެ ކޯޓާގެ ކަންކަމުގައި ރާއްޖޭގައި އަމަލުކުރަމުން އަންނަނީ އޭއެފްސީ ކަޕްގައި އޮންނަ އުސޫލާ އެއްގޮތަށް ޖުމްލަ ހަތަރު ބިދޭސީ ކުޅުންތެރިންނަށް (އޭޝިއާ ގައުމެއްގެ އެއް ކުޅުންތެރިއަކު ހިމެނޭ ގޮތަށް) ފުރުސަތު ދޭ ގޮތަށެވެ.
ކުރިއަށް އޮތް ސީޒަނުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭން ވާދަކުރާނީ ލީގު ޗެމްޕިއަން މާޒިޔާ އެވެ. އަދި ކޮލިފައިން ބުރުގައި ރާއްޖޭގެ ލީގު ރަނަރަޕް ކްލަބް ވެލެންސިއާ ވާދަކުރާނެ އެވެ.
މި އަހަރުގެ އޭއެފްސީ ކަޕްގެ މެޗުތައް ސެންޓްރަލައިޒްކޮށް ގެންދިޔައިރު، މެޗުތައް ހޯސްޓްކުރީ ރާއްޖޭގަ އެވެ. އަންނަ އަހަރުގެ އޭއެފްސީ ކަޕްގެ މެޗުތައް ވެސް ކުރިއަށް ގެންދަން ނިންމާފައިވަނީ ސެންޓްރަލައިޒްކޮށް ކަމަށް އޭއެފްސީން ވަނީ މީގެ ކުރިން އިއުލާނުކޮށްފަ އެވެ.
Comment