Advertisement

ޝާހިދު ފޮރިން މިނިސްޓަރުކަމުން ވަކިކުރަން ޖާބިރު ސުޕްރީމް ކޯޓަށް ވަޑައިގަންނަވަނީ

25 އޮކްޓޯބަރު 2021 - 11:37 1

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޝާހިދު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ބޭއްވި ރަސްމިއްޔާތެއްގައި އޭނާ ވާހަކަ ދައްކަވަނީ. -ފޮޓޯ: ރައީސް އޮފީސް


ޝާހިދު ފޮރިން މިނިސްޓަރުކަމުން ވަކިކުރަން ޖާބިރު ސުޕްރީމް ކޯޓަށް ވަޑައިގަންނަވަނީ

25 އޮކްޓޯބަރު 2021 - 11:37 1

އދ. އާންމު މަޖިލީހުގެ ރައީސް ކަމުގެ މަގާމާއެކު ރާއްޖޭގެ ފޮރިން މިނިސްޓަރުގެ ޒިންމާތައް އަބްދުﷲ ޝާހިދަށް އަދާނުކުރެއްވޭނެކަމަށް ވިދާޅުވެ، އޭނާ މަގާމުން ވަކިކުރަން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމުގެ އިންޒާރު ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު ދެއްވައިފި އެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ފޮރިން ސާވިސްގެ ބިލު މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސްކުރުމަށް މިއަދުގެ ޖަލްސާގައި ހުޅުވައިލި ފުރުސަތު ވާހަކަ ދައްކަވަމުން ޖާބިރު ވަނީ ފޮރިން ސާވިސްގެ ބިލެއްގެ ވާހަކަ ދައްކަވާއިރު ފޮރިން މިނިސްޓަރު ނެތުމުގެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އަދި ބޭރު ދުނިޔެއާ ރާއްޖެ ގުޅުވައިދޭ ބޭފުޅަކީ ފޮރިން މިނިސްޓަރު ކަމަށްވާ އިރު ފޮރިން މިނިސްޓަރު ނެތި ގައުމު ހިންގަން ޖާގަ ނުދިނުމަށް އޭނާ މަޖިލީހުގެ އެހެން މެމްބަރުންނަށް ގޮވާލެއްވި އެވެ.

"ރާއްޖެއަކީ މިނިވަން ސޮވަރިން ގައުމެއް. މި ގައުމުގެ ފޮރިން މިނިސްޓަރު ގޮސް އދ. ގައި ކިހިނެއްހޭ މިގައުމު ފޮރިން މިނިސްޓްރީ ހިންގާނީ. އޭނާ ސުޕްރީމް ކޯޓަށް ގޮސް ބާލާނަން. މި މަޖިލީހުން އޭނާ ބަހައްޓައިގެން ނުވާނެ،" ޑީއާރުޕީގެ ލީޑަރުކަން ވެސް ކުރައްވައި ޖާބިރު ވިދާޅުވި އެވެ.

ޖާބިރު އިތުރަށް ވިދާޅުވި ގޮތުގައި ޝާހިދު އެ މަގާމުގައި ބަހައްޓައިފިނަމަ މަޖިލީހުގެ މެމްބަރުން ކުށްވެރިވާނެ ކަމަށާއި ދައުވާ ވެސް ކުރެވޭނެ ކަމަށެވެ.

ނަމަވެސް، އެމްޑީޕީގެ ސާފު އަގުލަބިއްޔަތު އޮންނަ މަޖިލީހުން ޝާހިދު ވަކިނުކުރެވޭނެތީ، ސުޕްރީމް ކޯޓަށް ހުށަހަޅައިގެން އެކަން ކުރާނެ ކަމަށް ޖާބިރު ވިދާޅުވި އެވެ.

މައްސަލައަކީ ކޮބާ؟

އދ. ގެ އާންމު މަޖިލީހުގެ ރައީސްކަމަށް ޝާހިދު އިންތިހާބުވުމާއެކު މިނިސްޓަރުކަމުގައި ޝާހިދަށް ހުންނެވޭނެކަމާމެދު ޖާބިރުގެ އިތުރުން މަޖިލީހުގެ އެހެން ބައެއް މެމްބަރުން ވެސް ދަނީ ތަކުރާރުކޮށް ސުވާލު އުފައްދަމުންނެވެ.

ދެ މަގާމުގެ މަސްއޫލިއްޔަތު ވަކިވެފައި އޮންނަ އިރު، އދ. ގެ ގަވައިދު ބުނާ ގޮތުން މަސްލަހަތު ފުށު އެރުމެއް ނެތުމުން، އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަމަށް ވަޑައިގެންނެވުމުން ވަޒީރުކަމުގައި ޝާހިދަށް ދެމިހުންނެވުމަކަށް ހުރަހެއް ނެތެވެ.

އެކަމަކު ގާނޫނުއަސާސީގައި ވަޒީރަކު ކޮށްގެން ނުވާނެ ކަންތައްތަކުގެ ތެރޭގައި އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރުމާއި، ވަޒީރުކަން ފިޔަވައި، ފައިދާއެއް ލިބޭފަދަ އެ ނޫންވެސް މަގާމެއް ފުރުން ހިމަނާފައިވެ އެވެ.

ފޮރިން މިނިސްޓްރީން ބުނަނީ ޝާހިދު އިންތިހާބުވެ ވަޑައިގެންނެވި މަގާމަކީ އދ. ގެ މަގާމެއް ނޫން ކަމަށާއި، އޭނާއަށް އެއްވެސް އުޖޫރައެއް ވެސް ލިބިވަޑައިނުގަންނަވާނެ ކަމަށެވެ.

ނަމަވެސް، އެކަމުގައި ގާނޫނީ ބައެއް ބޭފުޅުންގެ މެދުގައި ހިޔާލު ތަފާތެވެ.

އެގޮތުން، އެ މާއްދާގެ މަފްހޫމަކީ ވަޒީރަކު އިތުރު މަގާމެއް އަދާނުކޮށް، ވަޒީރުކަމުގެ މަސްއޫލިއްޔަތުތަކަށް ހުރިހާ ވަގުތެއް ހުސްކުރުންކަމަށްވާއިރު، ޝާހިދަށް އުޖޫރައެއް ލިބިވަޑައިނުގެންނެވި ނަމަވެސް، އދ. ގެ އެ މަގާމުގެ މަސްއޫލިއްޔަތު އުފުއްލެވުމަކީ ގާނޫނުއަސާސީގެ ރޫހާ ހިލާފުކަމެއް ކަމަށް ބައެއް ބޭފުޅުން ވިދާޅުވެ އެވެ.

ނަމަވެސް، އޭގެ އަނެއް ކޮޅުން، ފޮރިން މިނިސްޓަރުގެ ޒިންމާތައް އަދާކުރައްވަނީ އާއްމުކޮށް ރާއްޖޭން ބޭރުގައި އުޅުއްވަމުން ކަމަށްވާއިރު، އދ. ގެ މަގާމު އަދާކުރެއްވުމަށް އަހަރެއްހާ ދުވަހު އެމެރިކާގައި ހުންނެވުމަކީ މައްސަލައެއް ނޫން ކަމަށް އެހެން ބައެއް ގާނޫނީ ބޭފުޅުން ގަބޫލުކުރައްވަ އެވެ.